ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ލީޑަރު ވިޖޭ ޖޯލީއާ އިއްޔެ ބައްދަލުކުރައްވައި ފިއެވެ.

ބީޖޭޕީއާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން މިއަދު ބުނީ ނަޝީދު އާއި ޖޮލީ ބޭއްވެވި 45 މިނެޓްގެ ބައްދަލުވުމުގައި ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުން އިތުރުވަމުން އަންނަ މައްސަލައާ މެދު ދިގުކޮށް ވާހަކަ ދެއްކެވި ކަމަށެވެ.

"... ހައްދުފަހަނައަޅާފައިވާ މުސްލިމުން ރާއްޖޭގައި އިތުރުވުމާއި އެމީހުންގެ ސަބަބުން އަހަރެމެންގެ ސަރަހައްދުގެ ސުލްހަމަސަލަސް ކަމައި ސަލާމަތަށް ކުރިމަތިވާ މައްސަލަތަކާއި އެހަމަލާއެއްގައި 164 މީހުން މަރުވެ އާއްމުންގެ 308 މީހުން ޒަހަމްވި، 2008 ވަނަ އަހަރުގެ ނޮވެމްބަރު 26 ވަނަ ދުވަހު މުމްބާއީ އަށް ދިން ހަމަލާގައި ރާއްޖޭގެ ހަނގުރާމަވެރިން ބައިވެރިވުމާއި ރާއްޖޭގައި މިލިޓަރީ ތަމްރީނު ހެދުމަށް ފަހު (މިލިޓަރީ އިން ވަކިވެފައިވާ މީހުން އައިއެސްއައިއެސް އާ އެކު ސޫރިޔާގައި ހަނގުރާމަކުރަނިކޮށް ފެނުނު މައްސަލައިގައި ދިގުކޮށް މަޝްވަރާ ކުރެއްވި އެވެ،" ރައީސް ނަޝީދާއި ޖޯލީގެ ބައްދަލުވުމާ ބެހޭ ގޮތުން ބީޖޭޕީން އިއްޔެ ނެރުނު ބަޔާނުގައިވާ ކަމަށް އިންޑިއާގެ ޗެންނާއީ އޮންލައިން އިން ބުންޏެވެ.

ބީޖޭޕީގެ ލީޑަރު ޖޮލީ ވިދާޅުވި ކަމަށް ނޫހުގައި އަދި ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާއި ބީޖޭޕީއާ ދެމެދު "ޕާޓީ ޓް ޕާޓީ" ގުޅުން ގާއިމްކުރަން ވެސް ބައްދަލުވުމުގައި ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވި ކަމަށެވެ.

ރައީސް ނަޝީދާއި ޖޮލީ ބޭއްވެވި ބައްދަލުވުކުރެއްވުމުގައި ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.