07 Aug 2014, 10:03
ޣައްޒާ (އޮގަސްޓް 7): އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގި އުދުވާނުގައި އިސްރާއީލަށް ޖާސޫސުކޮށް ދިނުމުގައި ހަރަކާތްތެރިވި ފަލަސްތީނުގެ ބައެއް ޖާސޫސުންނަށް ހަމާސް ޖަމާއަތުން މަރުގެ އަދަބު ދީފައިވާ ކަމަށް އެޖަމާއަތުން ހާމަކޮށްފި އެވެ.
ހަމާސްގެ ބައެއް ސޯސްތަކާ ހަވާލާދީ އެ ޖަމާއަތާ ގުޅުންބޮޑު ވެބްސައިޓަކުން ބުނެފައިވަނީ އިސްރާއީލަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ފަލަސްތީނަށް ޖާސޫސުކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ގާނޫނު ޣައްޒާގެ ހަނގުރާމައިގެ ތެރޭގައި އެޖަމާއަތުން ތަންފީޒުކޮށްފައިވާ ކަމުގައެވެ.
ހަމާސްގެ ބައެއް ކޮމާންޑަރުންނާ ހަވާލާދީ އަލްމަޖްދު ސެކިއުރިޓީ ވެބްސައިޓުން ބުނެފައިވަނީ އިސްރާއީލުން ދޭ ޑޮލަރުކޮޅެއްގެ ދަޅައިގައިޖެހިގެން ހަމާސްގެ އަސްކަރީ މަރުކަޒުތަކުގެ މައްލޫމާތު އިސްރާއީލަށް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުން ދިޔަ ފަލަސްތީނުގެ މަދު އަދަދެއްގެ ޚާއިނުން ޣައްޒާގެ ހަނގުރާމައިގެ ތެރޭގައި އަތުލައިގަތުމަށްފަހު އެ ޖަމާއަތުން އެމީހުންނަށް މަރުގެ އަދަބު ދީފައިވާ ކަމުގައެވެ. ނަމަވެސް ހަމާސް އިން މަރުގެ އަދަބުދިން ފަލަސްތީނުގެ ޚާއިނުންގެ އަދަދު އަލްމަޖްދު ސެކިއުރިޓީ ވެބްސައިޓުން ހާމަކޮށްފައެއް ނުވެއެވެ.
ޣައްޒާއާ ދެކޮޅަށް އިސްރާއީލުން 28 ދުވަސްވަންދެން ހިންގި އުދުވާނުގައި ފަލަސްތީނުގެ މުޖާހިދުންގެ މައްޗަށް އިސްރާއީލަށް ކާމިޔާބު ނުހޯދުނު އެންމެ ބޮޑު ސަބަބަކީ ހަމާސްއާއި ފަލަސްތީނު މުޖާހިދުންގެ އެހެން ޖަމާއަތްތަކުގެ އަސްކަރީ މަރުކަޒުތަކުގެ ސައްޙަ މައުލޫމާތު އިސްރާއީލަށް ލިބިފައި ނެތުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާ ފޯރުކޮށްދީފައިވާ ޖާސޫސީ އެންމެ ޒަމާނީ ވަސީލަތްތައް އިސްރާއީލަށް ލިބިފައިވީނަމަވެސް މި ވަސީލަތްތަކަށް މުޖާހިދުންގެ މަޢްލޫމާތު އޮޅުވާލުމުގައި ހަމާސްގެ އިންޖިނޭރުން ވަނީ ކާމިޔާބު ވަސީލަތްތަކެއް ބޭނުންކޮށްފައި ކަމަށް އިސްރާއީލުގެ ބައެއް ނޫސްތައް ބުނެފައިވެ އެވެ. މީގެ އިތުރުން އެމެރިކާ އިސްރާއީލަށް ފޯރުކޮށްދީފައިވާ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ކިތަންމެ މޮޅުނަމަވެސް އެތަކެތި ބޭނުންކުރުމަށް ޣައްޒާގެ ގްރައުންޑްގައި ހަރަކާތްތެރިވާނެ ޖާސޫސުން އިސްރާއީލަށް ނުލިބުމުން މި ވަސީލަތްތަކުގެ ބޭނުން އިސްރާއީލަށް ނުހިފުނު ކަމަށްވެސް މިރިޕޯޓްތައް ބުނެފައި ވެއެވެ.
ޣައްޒާއާ ދެކޮޅަށް ހިންގި އުދުވާނުގައި އަދި ހާއްސަކޮށް އިސްރާއީލު ސިފައިން އެއްގަމު މަގުން ޣައްޒާގެ އެތެރެއަށް ވަދެގަތުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ އިސްރާއީލު ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރުވެ އަދިއެތަށް ސަތޭކަ ބަޔަކު ޒަޚަމްވެގެންދިޔުގެ އެއް ސަބަބަކީ ވެސް ފަލަސްތީނުގެ މުޖާހިދުންނަށް ޖާސޫސު ކުރުމުގައި އިސްރާއީލު ނާކާމިޔާބުވުން ކަމަށް އަސްކަރީ މުހައްލިލުން ފާހަގަކޮށްފައި ވެއެވެ. (އަލްޖަޒީރާ)