07 Aug 2014, 10:04
ސުޕްރީމް ކޯޓަކީ ރާއްޖޭގެ އަދުލުއިންސާފު ގާއިމްކުރުމުގެ އެންމެ މަތީ ބާރެވެ. އެ ކޯޓުން ނިންމާ ކޮންމެ ނިންމުމަކަށް ދިވެހި ކޮންމެ ފަރުދަކު ވެސް ބޯލަނބައި ކިޔަމަންވާން ޖެހޭނެ އެވެ. "ނޫ ގާނޫނު އަސާސީ" މާޒީގެ ތެރެއަށް ދޫކޮށް، ދައުލަތުން ބޮޑު ޚަރަދުކޮށްގެން ރައްޔިތުންގެ ޚާއްސަ މަޖިލީހެއް އެކުލަވާލައި ފާސްކޮށްފައިވާ "ފެހި ގާނޫނު އަސާސީ" ވެސް ބުނަނީ އެހެންނެވެ. ސުޕްރީމް ކޯޓުން ކުރާ ހުކުމަކާ ގުޅިގެން އެއްޗެއް ނުބުނެވުނު ކަމުގައި ވިޔަސް އެ ކޯޓުން އަމަލު ކުރަމުންދާ ގޮތަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި ވަނީ ނަމަ އެކަމާ މެދު ވާހަކަ ދެއްކުމަކީ މަނާ ކަމެއް ކަމުގައި އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައެއް ނުވެ އެވެ.
ރާއްޖޭގެ ރަށެއްގައި ކައުންސިލްގެ އިންތިޚާބު ނުބޭއްވިފައި ވުމުގެ ސަބަބުން އެ ރަށު ރައްޔިތުންނަށް ލިބެން ޖެހޭ ގާނޫނީ ހައްގުތަކެއް ވަނީ ނިގުޅައިގަނެވިފަ އެވެ. އެހެން ކަމުން އެކަން ހިނގާފައިވާ ގޮތް ބަލައި، އެ ރައްޔިތުންނަށް ވެސް ގާނޫނީ ގޮތުން ލިބެން ޖެހޭ ހައްގުތައް ނުލިބި އޮތީ ކީއްވެތޯ ބަލަން އެބަ ޖެހެ އެވެ.
އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގއ. ކޮނޑޭ ރައްޔިތުން ވެސް ވޯޓުލި އެވެ. އެހެނިހެން ރަށްތަކުގެ ރައްޔިތުންނެކޭ އެއްފަދައިން އެހެން ރަށްތަކުގައި ތިބި އެރަށު ރައްޔިތުން ވެސް ވަނީ އިންތިޚާބުގައި ވޯޓުލާފަ އެވެ. އެގޮތުން އެ އަތޮޅު ދާންދޫގައި ކޮނޑޭ އަށް އުފަން މީހަކު ވޯޓުލުމުގައި ދިމާވި މައްސަލައަކާ ގުޅިގެން، އިންތިޚާބީ ޝަކުވާއެއްގެ ގޮތުގައި އެ މައްސަލަ އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށަހެޅިތާ ގިނަ ދުވަސްތަކެއް ނުވަނީސް އެ ކޯޓުން ކުރި ހުކުމްގައި، އެންމެ ފަހުން ބޭއްވި ކޮނޑޭ ކައުންސިލްގެ އިންތިޚާބު ބާތިލުކޮށް އެ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.
ހައިކޯޓުން އެފަދަ އަމުރެއް ނެރުނު ކަމުގައި ވިޔަސް ހައިކޯޓުން ނިންމާ ކޮންމެ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަކީ ގާނޫނު އަސާސީ އިން ކޮންމެ ފަރާތަކަށް ވެސް ލިބިގެންވާ ހައްގަކަށްވާތީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވަނީ ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެ މައްސަލަ ހުށަހެޅިތާ ދުވަސްތަކެއް ފާއިތުވެފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ މައްސަލަ އެ ކޯޓަށް ބަލައިގެންފަ އެވެ. ނަމަވެސް މައްސަލަ ހުށަހެޅިތާ ފަސް ވަރަކަށް މަސް ދުވަސް ވެގެން ދިޔަ އިރު ވެސް އެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުން މިހާތަނަށް ފަށާފައެއް ނުވެ އެވެ.
މިކަމާ ބެހޭ ގޮތުން ސުޕްރީމް ކޯޓަށް ގުޅާލުމުން އެންމެ އެދެވޭ ޖަވާބެއް ވަނީ ނުލިބިފަ އެވެ.
"ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް ތާވަލްކުރާނީ ފަނޑިޔާރުން. ފަނޑިޔާރުން މައްސަލައެއް ތާވަލްކޮށްފި ނަމަ މި ކޯޓުގެ ވެބްސައިޓުން ފެންނަން ހުންނާނެ،" ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ސުޕްރީމްކޯޓަށް ގުޅީ އެ ކޯޓުގެ ތާވަލްތައް ނުފެނިގެނެއް ނޫނެވެ. އަދި މައްސަލަ ތާވަލްކުރަނީ ފަނޑިޔާރުތޯ ބެލުމަކަށް ވެސް ނޫނެވެ. އެ ކޯޓުން ސާފުކުރަން ބޭނުންވި މައުލޫމާތަކީ ކޮނޑޭ ކައުންސިލް އިންތިޚާބުގެ މައްސަލަ ލަސްވަމުންދަނީ ކީއްވެތޯ ބެލުމަށެވެ.
ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވި ގޮތުގައި ކޮނޑޭ ކައުންސިލުން ޚިދުމަތް ލިބިގަންނަން ޖެހޭ ރައްޔިތުންގެ ހައްގުތައް މިއަދު ގެއްލިފައިވާ އިރު އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ސުޕްރީމް ކޯޓުންނެވެ.
"ގާނޫނު އަސާސީ ނެގެހެއްޓުމުގެ ޒިންމާ އުފުލަން ޖެހޭ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓު. ގާނޫނީ ގޮތުން އުފެދިފައި އޮންނަންޖެހޭ މުއައްސަސާއެއްގެ މަންފާ ލިބިގަންނަން ޖެހޭ ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާތީ އެކަމުގެ ޒިންމާ ސުޕްރީމް ކޯޓުން އުފުލަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ހަސީން ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު އަހްމަދު ހަބީބު ވިދާޅުވި ގޮތުގައި ކޮނޑޭ ކައުންސިލްގެ އިންތިޚާބާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ނުނިމި ލަސްވާތީ އެ ކޮމިޝަނުން ވަރަށް ކަންބޮޑުވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގިނަ ދުވަސްތަކެއް ފަހުން ކޮނޑޭ ކައުންސިލްގެ އިންތިޚާބު ބޭއްވުމަކީ މިހާރުގެ ކައުންސިލްތަކުގެ ދައުރު ހަމަވެ، އާ އިންތިޚާބު ބާއްވާ އިރު އެ ކޮމިޝަނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ.
"އެކަމުގެ ސަބަބުން އިދާރީގޮތުން ލިޔުންތައް ބެލެހެއްޓުމަށް ވެސް ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ،" އަހްމަދު ހަބީބު ވިދާޅުވި އެވެ.
ކައުންސިލްތަކަކީ ރަށުގެ ތަރައްގީއަށް މަސައްކަތް ކުރުމަށް އޮންނަތަނެކެވެ. ކޮނޑޭގައި ކައުންސިލެއް ނެތުމުން އެރަށުގެ ތަރައްގީ އަށް ކުރަން ޖެހޭ ކަންތައްތަކުގައި ނިންމަންޖެހޭ ނިންމުންތައް ނިންމާނެ ބަޔަކު މިއަދު ނެތެވެ. އެކަމުގެ ޒިންމާ ނަގާނެ ބަޔަކު ވެސް ނެތެވެ. ހުރިހާ ނިކަމެތިކަމެއް އެރަށުގެ ރައްޔިތުންނަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ކޮނޑޭ ތަމްސީލް ކުރައްވާ މެމްބަރު ޖަމީލް އުސްމާން ވިދާޅުވި ގޮތުގައި ރަށު ކައުންސިލެއް ނެތުމުން ސަރުކާރުން ކޮނޑޭގައި ކުރަންޖެހިފައި ހުރި ވަރަށް ގިނަ ޕްރޮޖެކްޓުތަކެއް ކުރުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. އެހެންކަމުން އެރަށުގައި ކައުންސިލެއް ގާއިމްކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރައްވަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޯޓު މަރުހަލާގައި މައްސަލަ ނުނިމި ލަސްވާތީ އެކަމާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކުން މަޝްވަރާކޮށް ހައްލު ހޯދަންޖެހެ އެވެ.
"އެ މައްސަލަ [ކޮނޑޭ ކައުންސިލް އިންތިޚާބާ ބެހޭ މައްސަލަ] ކޯޓު މަރުހަލާގައި އުޅޭތާ ގާތްގަނޑަކަށް ފަސް މަސް ވެގެން މިދަނީ. މިއީ ވަރަށް ސީރިއަސްކޮށް ނަގަން ޖެހޭ މައްސަލައެއް. ސުޕްރީމް ކޯޓު ވިޔަސް އެލްޖީއޭ ވިޔަސް އަދި ނޫނިއްޔާ އިލެކްޝަންސް ކޮމިޝަނުން ވިޔަސް ތަންކޮޅެއް ރަނގަޅު ގޮތެއް ހޯދައި މިކަން ކުރެވޭނެ ގޮތެއް ރާވަން އެބަޖެހޭ،" ޖަމީލް ވިދާޅުވި އެވެ.
ކޮނޑޭއަކީ އާބާދީގައި ކިތަންމެ މަދު ބަޔަކު ދިރިއުޅެމުންދާ ރަށެއްކަމުގައިވީ ނަމަވެސް ގާނޫނު އަސާސީ އިން އެރަށު ރައްޔިތުންނަށް ލިބުމަށް ލާޒިމްކުރާ ޚިދުމަތްތައް ލިބުމަކީ އެރަށު ރައްޔިތުންނަށް ލިބިގެންވާ ހައްގެކެވެ. މިހާރު ރާއްޖޭގައި އަމަލުކުރަމުންދާ ނިޒާމުގެ ދަށުން އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ ކައުންސިލެވެ. ކައުންސިލް އިދާރާއެއް ހުރި ކަމުގައި ވިޔަސް އެތަނުގައި ހަމައެކަނި އިދާރީ މުވައްޒަފުން ތިބެގެން ރައްޔިތުމީހާ އަށް އެންމެ އެދެވޭ ޚިދުމަތް ނުދެވޭނެ އެވެ. އެ ޚިދުމަތް ދިނުމަށް ޓަކައި އެތަނުގައި ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުން ތިބެންޖެހެ އެވެ.