07 Aug 2014, 09:24
އދ. މަޖިލިސް (އޮގަސްޓް 7): އިސްރާއީލުން ޣައްޒާގެ މަދަނީ އިންފްރާސްޓްރަކްޗަރަށް ދީފައިވާ އާދަޔާ ޚިލާފު ބޮޑެތި ގެއްލުންތަކާއި ފަނާކޮށްލާފައިވާ ގެދޮރާއި ސްކޫލްތަކާއި މިސްކިތްތަކާއި ހޮސްޕިޓަލްތަކުގެ ހާލަތު ފެނުމާއެކު މުޅި ދުނިޔެ ސިހިގެން ގޮސްފައިވާ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ބަން ކި މޫން ވިދާޅުވެއްޖެ އެވެ.
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިޘާއާ ބެހޭގޮތުން މަޝްވަރާކުރުމަށް އދ.ގެ ޖެނެރަލް އެސެމްބްލީން ބޭއްވި ކުއްލި ޖަލްސާގައި ވާހަކަ ދައްކަވަމުން ބަން ކި މޫން ވިދާޅުވީ އިސްރާއީލުން ޣައްޒާގެ މަދަނީ އިންފްރާސްޓްރަކްޗަރު ހަލާކުކޮށްލުމުގެ އިތުރުން އެތަށް ސަތޭކަ ބަޔަކު މަރައި އާންމު ރައްޔިތުން ހާލުގައި ޖައްސައި މުޅި ޣައްޒާ އިންސާނީ ކާރިސާ އެއްގެ ތެރެއަށް ވައްޓާލާފައި ވާ ކަމުގައެވެ.
އިސްރާއީލުން ޣައްޒާގެ ރައްޔިތުންނަށް ޖައްސާފައިވާ އިންސާނީ ކާރިޘާ އާބެހޭގޮތުން މަޝްވަރާކުރުމަށް އދ. ގެ ޖެނެރަލް އެސެމްބްލީން އިއްޔެ ބޭއްވި ކުއްލި ޖަލްސާގައި ވާހަކަ ދައްކަވަމުން ބަން ކި މޫން ވަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިންސާނިއްޔަތާ ޚިލާފުޖަރީމާތައް ސިފަކުރެއްވުމުގައާއި އިސްރާއީލު ކުށްވެރި ކުރެއްވުމުގައި ކުރިން އޭނާ ވާހަކަ ދައްކަވާފައި ނުވާމިންވަރަށް ހަގީގަތާ އެއްގޮތަށް ވާހަކަ ދައްކަވާފައެވެ. މިގޮތުން ޣައްޒާގެ ކުށެއްނެތް އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގި ޖަރީމާތަކާއި ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އާންމުންގެ ގެދޮރަށް ގަސްދުގައި ހަމަލާދީ އެތަންތަން ބިމާ ހަމަކުރުމަކީ ބައިނަލްއަގްވާމީ ގާނޫނަށް އިސްރާއީލު އަރައިގަތުން ކަމަށް ބަން ކި މޫން ސިފަކުރެއްވި އެވެ. އަދި އިސްރާއީލުން ހިންގާފައިވާ މި ޖަރީމާތަކުގެ މައްސަލަ ތަހްގީގްކޮށް މިކަމުގެ ޒިންމާ އުފުލަންޖެހޭ އިސްރާއީލުގެ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް ބަން ކި މޫން ވިދާޅުވި އެވެ.
ބަން ކި މޫން ވިދާޅުވީ ޣައްޒާގައިވާ އދ.ގެ މަރުކަޒުތަކުގެ ތެރެއިން 100 އަށްވުރެ ގިނަ މަރުކަޒަށް އިސްރާއީލުން ގަސްދުގައި ހަމަލާތައް ދީފައިވާ ކަމުގައެވެ. އަދި އިސްރާއީލުގެ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި ޣައްޒާގެ އާންމުން ވަދެތިބި އދ.ގެ ހިޔާވަހިތަކަށާއި އދ. ގެ ސްކޫލްތަކަށް ވެސް ގަސްދުގައި އިސްރާއީލުން ހަމަލާތައް ދީފައިވާ ކަމަށާއި މިކަން ބަލައި ތަހްގީގްކޮށް ފިޔަވަޅުއަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅުއެޅުމަކީ އދ.ން ކުރަންޖެހޭނެ ކަމެއް ކަމުގައެވެ.
ބަން ކި މޫން ގެވާހަކާގައި އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ހާހަކަށްވުރެ ގިނަ އާންމުން މަރުވެ އެތަށް ހާސްބަޔަކު ޒަޚަމްވެފައިވާއިރު ޣައްޒާގައިވާ ފަލަސްތީނުގެ ކުޑަކުދީން ތިބީ ޖިސްމާނީ ގޮތުން ޒަޚަމްވެ ނަފްސާނީ ގޮތުން ވަރަށް ނިކަމެތި ހާލަތެއްގައި ތިބިކަން ފާހަގަކުރެއްވި އެވެ. ފަލަސްތީނުގެ އެތަށް ޢާއިލާތަކެއް އެއްކޮށް މަރާލައި ގިނަ އާއިލާތަކެއް ވިއްސިވިހާލިކޮށް އެތަށް ހާސް ކުޑަކުދިންނެއް ޔަތީމްކޮށްލާފައިވާ ކަންވެސް ބަން ކި މޫން ފާހަގަ ކުރެއްވި އެވެ.
އެހެންކަމުން މިބޮޑު އިންސާނީ ކާރިޘާ ކުރިމަތިވެފައިވާ ޣައްޒާގެ ރައްޔިތުން މިހާލަތުން އަރައިގަތުމަށް މުޅިދުނިޔެ އެހީތެރިވާންޖެހޭ ކަމަށާއި މިކަމަށް ބޭނުންވާ ފައިސާ އދ.ގެ ކަމާބެހޭ މުއައްސަސާތަކަށް ދިނުމުގައި ދީލަތިވުމަށް ވެސް ބަން ކި މޫން ދުނިޔޭގެ ގައުމުތަކަށް ގޮވާލެއްވި އެވެ. އަދި ހަމަލާތައް ބަދަލުކުރުން ދާއިމީ ގޮތަކަށް ހުއްޓާލުމަށްޓަކައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ނިމުމަކަށް ގެނެސް ޣައްޒާއިން އިސްރާއީލަށް ދޭ ރޮކެޓް ހަމަލާތައް ހުއްޓާލައި ޣައްޒާއަށް ވަދެ ނުކުމެވޭ ދޮރުތައް ހުޅުވުމަށް ބަން ކި މޫން އެދިވަޑައިގެންނެވި އެވެ. އަދި 72 ގަޑީއިރަށް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ވުޖޫދަށް ގެނައުމުގައި އެހީތެރިވެދިން ފަރާތްތައް ކަމަށްވާ ތުރުކީއާއި ގަތަރާއި މިސްރާއި އެމެރިކާއަށް ވެސް ބަން ކި މޫން ޝުކުރު އަދާކުރެއްވި އެވެ. (އަލްޖަޒީރާ)