07 Aug 2014, 09:17
އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިއާ (އައިއެސްއައިއެސް)ގެ ނަމުގައި އަދި ފަހުން ހަމަ އެކަނި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ނަމުގައި ހަރަކާތްތެރިވަމުން އަންނަ ހަނގުރާމަވެރި ޖަމާއަތުން ވަނީ ލުބުނާނުގެ ރަށެއް ހިފާފަ އެވެ.
ދެ ދުވަސް ވަންދެން ކުރި ހަނގުރާމައަކަށް ފަހު އައިއެސް އިން ލުބުނާނުގެ އަރުސަލް ހިފުމާއެކު "ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް" އެހީތެރިވެދިނުމުގެ ނަމުގައި ލުބުނާނަށް ސައުދީ ސަރުކާރުން ވަނީ އެއް ބިލިޔަން ޑޮލަރުގެ އެހީއެއް ދީފަ އެވެ.
ސައުދީ ސަރުކާރުގެ ރަސްމީ ނިއުސް އެޖެންސީ ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ)އިން އިއްޔެ ބުނީ ލުބުނާނަށް އެއް ބިލިޔަން ޑޮލަރުގެ އެހީ ދިނުމަށް ސައުދީ ރަސްގެފާނު ޢަބުދުﷲ ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދު އަމުރުކުރައްވާފައިވާ ކަމަށެވެ. އެކަން އިއްޔެރޭ ހާމަކުރެއްވީ ލުބުނާނުގެ ކުރީގެ ބޮޑުވަޒީރު ސަޢުދު އަލް ހަރީރީ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
"...ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ލުބުނާނު ސިފައިން ބާރުވެރި ކުރުވުމަށްޓަކައި އެއް ބިލިޔަން ޑޮލަރުގެ އަގުހުރި އެހީ ދިނުމަށް ދެ ހަރަމްފުޅުގެ ހާދިމު، ރަސްގެފާނު ޢަބުދުﷲ ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދު އަމުރުކުރައްވާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށް ލުބުނާނުގެ ކުރީގެ ބޮޑުވަޒީރު ސަޢުދު އަލް ހަރީރީ ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ޖިއްދާގައި ވާ ރަސްގެފާނު ޢަބުދުﷲގެ ގަނޑުވަރުގައި ރޭ ބޭއްވެވި ނޫސްކޮންފަރެންސެއްގަ އެވެ،" އެސްޕީއޭ ގެ ވެބްސައިޓްގައި ވެ އެވެ.
އައިއެސް އިން އިއްޔެ ހިފި ލުބުނާނުގެ އަރުސަލް ނަމަކަށް ކިޔާ ރަށް އަލުން ހޯދުމަށް ލުބުނާނު ސިފައިން މިއަދު ދަނީ ހަނގުރާމަކުރަމުންނެވެ. އަރުސަލް ހިފުމަށް އައިއެސް އިން ދިން ހަމަލާގައި ލުބުނާނުގެ 16 ސިފައިން މަރާލައި 22 ސިފައިން ރަހީނުކޮށްފައިވާ ކަމަށް ރޮއިޓާސް ބުންޏެވެ.
ލުބުނާނަކީ އިސްރާއީލާއި ސޫރިޔާއާ އިންވެގެން އޮންނަ، ވަކިދީނެއް ތަމްސީލު ނުކުރާ ދައުލަތެކެވެ. އަވަށްޓެރި ސޫރިޔާ އާއި އިރާގުގައި ހިނގަމުން އަންނަ ދާހިލީ ހަނގުރާމަ ލުބުނާނަށް ފެތުރުނު މިއީ ފުރަތަމަ ފަހަރެވެ.