އެސްޓީއޯ ނޫފަހި ބައިބަލާ މުބާރާތް 1435ގެ ފައިނަލަށް ބީޖީ ސްޕޯޓްސް ކްލަބާއި ކްލަބު ޒެފްރޯލް ދަތުރުކޮށްފި އެވެ.

ޖުމްލަ 41 ޓީމު ބައިވެރިވި މި އަހަރުގެ ބައިބަލާ މުބާރާތުގެ ފައިނަލުގެ ޖާގައެއް ބީޖީއިން ހޯދީ މި މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި ތްރީޑީ އީގަލްސް ބަލިކުރުމަށްފަހު އެވެ. ބައިބަލާގައި ނަން ވިދާލެވޭ ބީޖީ އެ މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުން ތްރީޑީ އީގަލްސް ބަލިކޮށްގެންނެވެ.

ކުއާޓާ ފައިނަލުގައި މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ޓީސީ ސްޕޯޓްސް ބަލިކޮށް، ސެމީއަށް ދަތުރުކުރި ޒެފްރޯލްއިން ފައިނަލުގެ ޖާގައެއް ހޯދީ ހައްހާ ވައިކަންމަތި ބަލިކޮށްގެންނެވެ. ޒެފްރޯލްއިން މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުން އައި ހައްހާ ވައިކަންމަތި ބަލިކުރެވުނީ ގަދަ ހިފުމަކަށް ގޮސްގެންނެވެ.

ދެ ސެޓު ކުޅުނު އިރު، ޒެފްރޯލްއަށް އަދި ހައްހާ ވައިކަންމަތި، މި ދެ ޓީމުންކުރެ ކޮންމެ ޓީމަކަށް ވެސް ވަނީ އެއް ސެޓު ލިބިފަ އެވެ. އެއް ސެޓު އެއް ސެޓުން އެއްވަރުވި މެޗު ދެ ޓީމުގެ ދެބަސްވުންތަކަކާ ގުޅިގެން ގަދަ ހިފުން ފެށުނީ މެދުކެނޑުމަކަށް ފަހު އެވެ. ފޯރިގަދަ ގަދަ ހިފުން ޒެފްރޯލް ގެންދިޔަ ނަމަވެސް ހައްހާ ވައިކަންމަތިން ވަނީ ބައިބަލާގެ ރަސްގެފާނުން އުފައްދާ ޒެފްރޯލްއަށް ގިނަ އުނދަގޫތަކެއް ކުރިމަތި ކުރުވައިފަ އެވެ.

މުބާރާތުގެ ފައިނަލުގައި ބީޖީ އާއި ޒެފްރޯލް ބައްދަލުކުރާ މެޗު މިރޭ ކުޅެން ކުރިން ހަމަޖެހިފައި އޮތް ނަމަވެސް، ފައިނަލު މެޗު ވަނީ މާދަމާ ރެއަށް ފަސްކޮށްފަ އެވެ.

ބައިބަލާ އެސޯސިއޭޝަނުން އިންޒާމުކުރާ މި މުބާރާތުގެ ޗެމްޕިންއަން ޓީމަށް 75،000 ރުފިޔާގެ އިނާމެއް ދޭން ނިންމާފައިވާ އިރު، ރަނަރަޕް ޓީމަށް ދޭން ނިންމާފައި ވަނީ 40،000 ރުފިޔާގެ އިނާމެކެވެ.