އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުގައި އަނިޔާ ލިބެމުން އަންނަ ޣައްޒާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ "ހެލްޕް ގާޒާ ޓެލެތޯން" އަށް ހަދިޔާ ކުރުމަށް އެކުންފުނީގެ މުވައްޒަފުންނާއި މެނޭޖްމަންޓުން ނިންމައިފިއެވެ.

މިފްކޯއިން ބުނީ، ހުރިހާ މުވައްޒަފުން ވެސް މަދުވެގެން އެއް ދުވަހުގެ މުސާރަ ހަދިޔާ ކުރުމަށާއި އަދި ބައެއް މުވައްޒަފުންގެ މުސާރައިން އެއް ދުވަހަށް ޖެހޭ އަދަދަށް ވުރެ ގިނައިން ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ފައިސާ، އެފަންޑް އިންތިޒާމް ކުރާ ފަރާތަށް ވަރަށް އަވަހަށް ހަވާލު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"މިފްކޯގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ހެޔޮ ދުއާ އަކީ ގާޒާގެ ރައްޔިތުންނަށް ދިމާވެފައިވާ ބިރުވެރިކަމުން ސަލާމަތްވެ ގާޒާގެ ރައްޔިތުންނަށް ނަސްރާއި ކާމިޔާބު ލިބުން،" މިފްކޯގެ ބަޔާނުގައި ވެއެވެ.

ޣައްޒާގައި އިސްރާއީލުން ހިންގި އަނިޔާވެރި އުދުވާނަށް 29 ދުވަސް ފަހުން ވަގުތީ ގޮތުން ހުއްޓައިލި އިރު އަނިޔާވެރިކަމުގައި ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 2000އާ ގާތްކުރެއެވެ. އަދި ހަމަލާތަކުގައި އަނިޔާލިބި ޒަޚަމްވެފައިވާ މީހުންގެ އަދަދު 10000އާ ގާތްކުރާއިރު، މަޖުބޫރީ ހާލަތުގައި ގެދޮރު ދޫކޮށް އެކި ތަންތަނަށް ރައްކާތެރިކަން ހޯދަން ގޮސްފައިވާ މީހުންގެ އަދަދު 200،000އާއި ގާތްކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.