07 Aug 2014, 00:54
ދެ އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންދާ ޒުވާން ޑިފެންޑަރު ހާވިއާ މަންކުއިއްލޯ އިނގިރޭސި ޕްރިމިއާ ލީގްގެ ލިވަޕޫލް އެފްސީއާ ގުޅިއްޖެ އެވެ.
އުމުރުން 20 އަހަރުގެ މަންކުއިއްލޯ އަކީ ސްޕެއިންގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގައި މުހިންމު ރޯލެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ.
ލިވަޕޫލުން މިއަދު ނެރުނު ބަޔާންގައި ބުނެފައި ވަނީ، މަންކުއިއްލޯ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި ޓީމުގެ ފުރަތަމަ 11 ގައި އޭނާ ހިމެނިގެން ދާނެ ކަމަށެވެ.
ލިވަޕޫލަށް ސޮއިކުރުމަށްފަހު ސްޕެއިންގެ ނޫސްތަކަށް ދިން އިންޓަވިއުގައި މަންކުއިއްލޯ ބުނީ، ލިވަޕޫލަށް ކުޅުމަކީ އަބަދުވެސް އޭނާގެ ހުވަފެނެއް ކަމަށާއި ލިވަޕޫލް ފަދަ ބޮޑު ކްލަބަކަށް ސޮއިކުރެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ލިވަޕޫލާއެކު ކާމިޔާބު ހޯދަން ތައްޔާރަށް ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.
"ލިވަޕޫލް އަކީ ޔޫރަޕްގެ ބޮޑު ކްލަބްތަކުގެ ތެރެއިން ކްލަބެއް. އަހަރެން ވަރަށް ކުޅޭ ހިތްވާ ކުލަބެއް ލިވަޕޫލަކީ. އަހަރެން މިހިރީ ލިވަޕޫލަށް ކާމިޔާބު ހޯދައިދޭން ތައްޔާރަށް." މަންކުއިއްލޯ ބުންޏެވެ.
މިހާރު ކުރިއަށްދާ ޓްރާންސްފާ ބާޒާރުގައި ލިވަޕޫލުން ވަނީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ލުއިސް ސުއަރޭޒް 75 މިލިއަން ޔޫރޯގެ އަގަކަށް ބާސެލޯނާއަށް ވިއްކާލައިފަ އެވެ. އަދި ސުއަރޭޒް ބާސާއަށް ވިއްކާލި ފަހުން ލިވަޕޫލުން ވަނީ އެ ކްލަބަށް ހަތް ކުޅުންތެރިން ގެނެސްފަ އެވެ.