07 Aug 2014, 00:04
ހުއްދަނެތި ދެ ޑޮކްޓަރަކު އެތެރެހަށީގެ ބަލިމީހުން ބަލަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ސެންޓްރަލް މެޑިކަލްގައި މަސައްކަތް ކުރައްވާ ޑޮކްޓަރު އިބްރާހީމް ހަނީފާއި މެޑިކާ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ޑޮކްޓަރު އަބްދުލް އަޒީޒް އަހްމަދު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި އެތެރެހަށީގެ ބަލިތަކުގެ ޑޮކްޓަރެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެ ދެ ޑޮކްޓަރުން އެތެރެހަށީގެ ބަލިމީހުން ބަލަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާކާމަށާއި ހުއްދަނެތި އެތެރެހަށީގެ ބަލިމީހުން ބެލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެ އިއުލާނުގައި ވެއެވެ.
ހެލްތު މިނިސްޓްރީން ބުނިގޮތުގައި ޑރ. އަޒީޒް އާއި ޑރ. ހަނީފް ރަޖިސްޓްރީކޮށްފައި ވަނީ އާންމުބަލިތަކުގެ ޑޮކްޓަރެއްގެ ގޮތުގަ އެވެ.
ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތް ކުރާ ފަންނީ މުވައްޒަފުންނަކީ މިނިސްޓްރީގެ ކައުންސިލް ބޯޑުގައި އެމީހެއްގެ ތައުލީމީ ފެންވަރަށް ބިނާކޮށް ރަޖިސްޓްރީކެރެވިފައިވާ މީހެއް ކަމުގައި ވާންޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ ޑޮކްޓަރުންނަކީ އެމީހެއްގެ ތައުލީމީ ފެންވަރަށް ބިނާކޮށް ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ އާއި ނުވަތަ ތައުލީމީ ފެންވަރާ ގުޅޭ ދާއިރާއިން ޚިދުމަތްދެމުން އަންނަ ފަރާތެއްތޯ ކަށަވަރުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއް ކަމަަށެވެ.