ހޮންކޮންގްގެ ކުރިއަރާފައިވާ ބައިނަލްއަގްވާމީ އެއާލައިނެއް ކަމަށްވާ ކެތޭ ޕެސިފިކްގެ ބޯޓަކުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭމައްޗަށް ހައިޑްރޯލިކް ފްލުއިޑް ލީކްވުމާ ގުޅިގެން ރަންވޭ ވަގުތީ ގޮތުން ބަންދުކުރުމަށްފަހު، އަލުން ޚިދުމަތްދޭން ފަށައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީގެ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގަފައި ވަނީ މިރޭ 9:00 އެހައިކަންހާއިރު ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ޖެހުނުތާ ދޮޅުގަޑިއިރުފަހުން އެކަން ހައްލުކޮށް، އެއާޕޯޓުގެ ރަންވޭގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ.

"މިހާރު އެއާޕޯޓުގެ ރަންވޭގެ ޚިދުމަތް އަންނަނީ ދެމުން،" އޮފިޝަލް ވިދާޅުވި އެވެ.

އެ ހާދިސާގެ ސަބަބުން މިރޭ 9:15 ގައި ފުރަން ހަމަޖެހިފައި އޮތް ހަމައެކަނި ފްލައިޓެއް ޑިލޭ ކުރަންޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.