14 Jan 2011, 15:21
އެއްވެސް ބޭފުޅަކު އެހެން ހީނުކުރައްވާށެވެ. ޑީއާރުޕީގެ މިހާރުގެ ލީޑަރު އަހްމަދު ތަސްމީން އަލީ އަކީ ހުޝިޔާރު ސިޔާސީ ބޭފުޅެކެވެ. މިއަދު އެބޭފުޅާ ރައީސް މައުމޫނަށް ފަހު އެހުންނެވި މަގާމަކީ މިބަހުގެ އަސްލު ރަމްޒުކޮއްދޭ އަލިގަދަ ހެއްކެކެވެ. ރައީސް މައުމޫނުގެ ދުވަސްވީ ގާތް އެކުވެރީންނާއި އަދި މައުމޫނާއި އާއިލީ ގޮތުން، ލޭގެ ގުޅުން ހިނގާ ނޫފޫޒުގަދަ އެތައް ބާރެއް ފަހަތަށް އެއްލާލައްވައި އެހުންނެވި މަގާމުގައި ތަސްމީނު އެހުންނެވީ ސިޔާސީ ދުރު ވިސްނުން އެބޭފުޅާގެ ކިބައިގައި ހުރެގެން ކަމާއި މެދު ޝަކެއްނެތެވެ. މިއީ ދެއްވި ދެއްވުމެއް ނޫނެވެ. މިއީ އެކެއްގެއަތުން އަނެކެއްގެ އަތަށް ވެރިކަން ފިރުކާލި ފިރުކާލުމެކެވެ. މިތުރުންވެސް އަދި ހަތުރުންވެސް މި ހަގީގަތް ގަބޫލްކުރަން ޖެހެއެވެ. މި އަސްލު ތަހައްމަލު ކުރަންޖެހެއެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނިމުނީ ޑީއާރުޕީއަށް ނާކާމިޔާބުވެގެނެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ އިރު އޮއްސުވުމަށް ފަހުގައެއެވެ. ޑީއާރުޕީއަށް ތާއީދުކުރާ އެތައް ބައެއްގެ ހިތްތައް ރޮއްވާފަ އެވެ. ޑިއާރުޕީއާއި ގުޅުންހުރި ވިޔަފާރީގެ މަސްލަހަތު އޮތް އެތަކެއް ވިޔަފާރިވެރިންނަށް "ދެންވާނީ" ކިހިނެއްތޯ ސުވާލު އުފައްދާފައެވެ.
ތެދުފުޅެކެވެ. އެކިމީހުން އެކިދިމާ ދިމާއަށް ދުއްވައިގަތެވެ. އެއްބަޔަކު ވިޔަފާރި ހިމާޔަތް ކުރާށެވެ. އަނެއްބަޔަކު ވަޒީފާ ހިމާޔަތް ކުރާށެވެ. ބައެއް މީހުން ފުރުސަތުގެ ބޭނުން ހިފުމަށެވެ. އަނެއްބަޔަކު އެމީހުނަށް ހެދުނީ ގޯހެއްކަމަށް ގަބޫލުކޮށް ވެރިކަމުގެ ފަރާތުގެ ބަރަކާތް ހޯދުމަށް އަވަސްވެ ގަތެވެ. އާހިރު ނަތީޖާއަކީ ޑީއާރުޕީ ޕާޓީއެއްގޮތުން ނިކަމެތިވުމެވެ. ފައިސާ ހުސްވެ ދަރަނިވެރިވީއެވެ. ދަރަނިވެރިވީ ފާޓީ އެކަންޏެއް ނޫނެވެ. ޕާޓީގެ އެންމެ އިސްސަފުގައި ރައީސް މައުމޫނު ނަންގަވާފައި ދެން އެންމެ އިސްކޮށް ހުންނެވި ރިސޯޓް އޯނަރ ތަސްމީން އަލީ އާއި އެބޭފުޅާގެ އާއިލާއަށް ނިސްބަތްވާ ވިޔަފާރިވެސް ވަނީ މިދަރަނި ތަކުގެ ސަބަބުން އަރަގުވެ ގޮސްފައެވެ. މީގެ ސަބަބުން ޕާޓީ ދޫކޮށް "ރައްކާ ނުވެތިބި ހަގީގީ އިހްލާސްތެރިން" ގެ ހަމްދަރުދީ ވަނީ އެބޭފުޅާއަށް ލިބިވަޑައިގަންފައެވެ. ތަސްމީނު އެފުރުސަތުގެ ބޭނުން ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި އެކު ހިއްޕެވިއެވެ. ހުނަރުވެރިކަމާއި ހުޝިޔާރުކަމާއި އެކު ޕާޓީގެ ލަގަން އެބޭފުޅާއާ ދިމާލަށް އަނބުރާލިއެވެ.
ތަސްމީނުގެ ދުރުވިސްނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ފެނިގެން ދިޔައީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ދުވަސްވަރެވެ. ސިޔާސީ ދުރުވިސްނުމާއި ހިކުމަތްތެރިކަން އޭގެ އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފެނިގެން ދިޔައީވެސް އެދުވަސްވަރެވެ.
އޭރު ޑީއާރުޕީގެ މެންބަރެއް ގޮތުގައި ނުހުންނެވި ނަމަވެސް މައުމޫނުގެ ކޮއްކޯފުޅު ޔާމީނަކީ ޑީއާރުޕީތެރޭ ނުފޫޒުގަދަ ބާރެކެވެ. ޕީއޭގެ ލީޑަރ ޔާމީނަށް އޭރު ޑީއާރުޕީއާއި ގުޅި، ކުރިޔަށް ދިއުމަކަށް އެއްވެސް ހުރަހެއްނެތެވެ. ނަމަވެސް ޔާމީނު އެފުރުސަތު ބޭނުން ހިފިތަނެއް ނުފެނެއެވެ. ފަހަރުގައި ތަސްމީނަށް ޑިއާރުޕީގެ ދިދައިގެ ކޮޅަށް އަރުއްވާ ބެއްލެވީމާ އެފެންނަތަން ޔާމީނަށް ފެނިވަޑައި ނުގަތީ ކަމަށް ވެދާނެއެވެ. ނޫނީ ހުދު ތަސްމީނު ސިޔާސީ ވިސްނުންފުޅާއި ހުޝިޔާރުކަން ޔާމީނަށް އަންޑަރއެސްޓިމޭޓް ކުރެއްވެވުނީ ކަމަށްވެސް ވުން އެކަށީގެންވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތަސްމީނު ޔާމީނަށް ވުރެ ދެކުޅި ކުރިޔަށް ކުޅުއްވުން ވެގެންދިޔައީ ތަސްމީނުގެ އާރާއި ބާރު ޑީއާރުޕީގެ ތެރޭ ވަރުގަދަވެ ފައްކާވެގެން ދިޔަ ސަބަބަށެވެ.
ތަސްމީން ކުޅުއްވީ ކޮންކުޅިއެއްތޯއެވެ. ތަސްމީނު ކުޅުއްވި އެންމެ ހިކްމަތްތެރި ކުޅިޔަކީ ޔާމީނަށް ދޫދެއްވުމެވެ. އާންމު އިންތިހާބުގެ ދުވަސްވަރު ޔާމީނަށް ދޫދެއްވުމެވެ.
މަޖިލިހުގެ އިންތިހާބުގެ އެ އުނދަގޫ ދުވަސްވަރު ތަސްމީނު ޕާޓީގެ އާންމު ހިންގުމުގެ އެންމެ އިސްކޮށް ހުންނަވައި ޔާމީނަށް ދެއްވި ދުލަކީ ކޮބައިތޯއެވެ. ޔާމީނަށް ދެއްވި އަދި ޔާމީނުވެސް އެދަލުގައި ޖެހުނު ސިޔާސީ ހިކުމަތުން ފުރިގެންވާ އުކުޅަކީ އެބޭފުޅާގެ ޕާޓީ ޕީއޭއަށް ގޮންޑިތަކެއް ދޭން އެއްބަސްވުމެވެ. އަދި މިކަމުގައި ދެކޮޅުވެރިކަން ނުދެއްކުމެވެ. ރުޅިވެރިކަން ނުދެއްކުމެވެ. މިތަނުގައި ތަސްމީން ބޭނުންކުރައްވާ ފައިވާ ނަޒަރިޔާތަކީ އިސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 500 އަހަރު ކުރިން އުޅުއްވި ޗައިނާގެ މަޝްހޫރު އަސްކަރީ ޖެނެރަލް ސަން ޒޫގެ ހިކުމަތެވެ. އެނާވިދާޅުވެފައިވެއެވެ. ތިބާގެ އެކުވެރިން ގާތުގަ ކައިރީގައި ބައިތިއްބާށެވެ. އަދި ތިބާގެ އަދާވާތްތެރި ދުޝްމަނުން އެއަށް ވުރެ ގާތުގަ އެއަށް ވުރެ ކައިރީގައި ބައިތިއްބާށެވެ.
ޔާމީނު އޭރު ބޭނުންފުޅުވީ ޕީއޭގެ ފަރާތުން ކުރިމަތިލާ ދާއިރާތަކަށް ޑީއާރުޕީން އެއްބާރުލުން ދޭށެވެ. އެގޮތުން ޕީއޭއިން ނުކުންނަ ދާއިރާތަކަށް ޑީއާރުޕީން ކެނޑިޑޭޓުން ކުރިމަތިލި ނަމަވެސް އެބޭފުޅުންގެ ބަދަލުގައި ޕީއޭއިން ކުރިމަތިލި މީހުނަށް ތާއީދު ދޭށެވެ. މިކަމަށް ތަސްމީނު ވަރަށް ފުރިހަމައަށް އިޖާބަ ދެއްވިއެވެ. އަދި ޔާމީނު ބޭނުންފުޅުވާ ގޮތަށް އެކަން ކޮށްދެއްވިއެވެ. އެ މަސްތުގައި ޔާމީނު ރަނގަޅަށް ޖެހުނެވެ. ހުދު ޔާމީނު ކުރިމަތިލެއްވި މ. އަތޮޅުގެ ގޮނޑިން އަނީސާ އެކަހެރިކޮށް ޔާމީނަށް އެގޮނޑިވެސް ވެދުންކުރިއެވެ. މުޅި ޑީއާރުޕީގެ ރުހުމާއި ތާއީދާއެކުއެވެ.
ޔާމީނުގެ މައްޗަށް ތަސްމީނު މޮޅު ކުޅި ކުޅުއްވީ މިހިސާބުންނެވެ. އޭރުގަ ކަންހިނގާފަ އޮތް މަގަށް ބަލާއިރު ޔާމީނުގެ ވިސްނުންފުޅަކީ ކޮންމެވެސް ހިސާބަކުން ތަސްމީނު އެއްކައިރިކޮށް ޑީއާރުޕީއަށް ވަނުމެވެ. އަދި އޭރު އެދޮރުތައް ޔާމީނަށް ހުޅުވިފައި ހުރި މިންވަރު ބަލާލި ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. އެހެންނަމަވެސް ތަސްމީނުގެ ދުރު ވިސްނުންފުޅު ބޭނުންކުރައްވައިގެން އެދޮރުތައް މިއަދު މިފެންނަ ގޮތަށް ބަންދުވެގެން ދާނެ ކަމަށް ޔާމީނަށް ގާބޫލުނުކުރޭވޭ ކަހަލައެވެ. މިސާލަކަށް ޔާމީނު ބޭނުން ފުޅަސް ޑީއާރުޕީގެ މެންބަރަކަށް ވުމުގެ ފުރުސަތު މިވަނީ ބަންދުވެފައެވެ. އެއީ ޑީއާރުޕީގެ މެންބަރުކަމުގެ ޝަރުތު ޔާމީނު ކިބާގައި ހަމަވޭތޯ މެންބަރުންގެ ކަންކަން ބަލާ ކޮމެޓީން ބަލައި ޔާމީނު ކިބައިގައި އެޝަރުތު ހަމަނުވާކަމަށް ބުނެފިނަމަ ޑިއާރުޕީގެ މެންބަރަކަށް ނުވެވޭނެއެވެ. އެހުރިހާ ކޮމެޓީއެއްގެ ސީދާ ބާރު މިވަގުތު އޮތީ ތަސްމީނުގެ އަތްޕުޅުގައެވެ. މިސާލަކަށް އުމަރުގެ މައްސަލާގައި ވެގެން ދިޔަ ގޮތަށް ބައްލަވާށެވެ. ތަސްމީނުގެ ކޮންޓްރޯލު އޮތް ޑީއާރުޕީގެ ކައުންސިލުން ނިންމެވީ އުމަރުގެ މައްސަލަ ޑިސިޕްލިނަރީ ކޮމެޓީއަށް ފޮނުވާށެވެ. ތަސްމީނުގެ ފުލް ކޮންޓްރޯލު އޮތް ޑިސިޕްލިނަރީ ކޮމެޓީން ނިންމެވީ އުމަރު ވަކި ކުރާށެވެ. އެ ކޮމެޓީން އެހެން ނިންމެވި އިރު ދެން، ދާން އޮތް އިސްތިއުނާފު ކޮމެޓީއަށް ދުރުވާކަށް އުމަރެއް ބޭނުންފުޅެއް ނުވެއެވެ. ސަބަބު ވަރަށް ސާފެވެ. އެއީ އިސްތިއުނާފު ކޮމެޓީގައި ތިއްބަވާ 03 މެންބަރުގެ ތެރެއިން 02 މެންބަރުންނަކީ ސީދާ ތަސްމީނު ކޮންޓްރޯލްކުރައްވާ ދެމެންބަރުންކަމަށް ވާތީއެވެ. އެހެންކަމުން އިސްތިއުނާފު ކޮމެޓީއަށް މައްސަލަ ހުށައަޅައިފިނަމަ އެތަނުން ނުކުންނާނެ ނަތީޖާ އުމަރަށްވެސް އަދި އުމަރުގެ ފަހަތުގައިވާ އެންމެނަށް ވެސް ސާފުކޮށް ފެނެއެވެ. އަދި އެނަތީޖާ އެނޫން ގޮތަކަށް ނެރެވޭނެކަމުގެ ކުޑަވެސް އުންމީދެއް އޮތްނަމަ އިސްތިއުނާފު ކޮމެޓިއަށް އެމައްސަލަ ވެއްދީސްކަން ކަށަވަރެވެ.
ޔާމީނާއި ހިލާފަށް ތަސްމީނު ޑީއާރުޕީގެ ތާއީދު ބޭނުންކުރެއްވީ ހުދު ތަސްމީނަށް އިހްލާސްތެރި ވަފާތެރި މީހުން އެގޮނޑިތަކަށް އިންތިހާބުކުރައްވާށެވެ. މިކަމުގެ އަލިގަދަ ހެކިތައް އެހުރީ މީހާރުވެސް ފެންނާށެވެ.
ތަސްމީނު އިސްކުރެއްވީ އާއިލާއެވެ. ލޭގެ ގުޅުން ހިނގާ ކޮއްކޮއިންނާއި ޅިޔަން ފަހެރިންނެވެ. މި މީހުން ގުޑުވާލުމަކީ ނުވާނޭކަމެކޭ ދަންނަވާކަށް ނުކެރޭނެއެވެ. ނަމަވެސް މިމީހުން ގުޑުވާލުމަކީ ވަރަށް އުނދަގޫ އެހާމެ ބޮޑު އަގެއް ދައްކަން ޖޭހޭނެ ކަމެކެވެ. މިއެންމެންގެ ލަގަން ހިފަހައްޓަވައިގެން އެހުންނެވީ ސިދާ ތަސްމީނެވެ. ތަސްމީނު ދައްމަވާލެއްވި ކޮންމެ ދިމާލަކަށް މިބޭފުޅުން ދާނެކަމާއި މެދު ޝައްކެއް ނެތެވެ. އެއީ ރައީސް މައުމޫނާއި އެއްކޮޅަށް ނަމަވެސް އަދި ރައީސްމައުމޫނާއި ދެކޮޅަށް ނަމަވެހެވެ. އެމީހުންގެ އެންމެ މަތީ މަސްލަހަތަކީ ތަސްމީނުގެ މަސްލަހަތެވެ.
ރައީސް މައުމޫނަކީ ޑީއާރުޕީގެ ހިތެވެ. ބަޔަކު ގާބޫލުކުރިޔަސް ނުކުރިޔަސް މިއީ ހަގީގަތެވެ. ޑީއާރުޕީއަށް އިހްލާސްތެރި އާންމު ގިނަ މެންބަރުންނަކީ ފެންނަފެނުމަށް ރައީސް މައުމޫނަށް އިހްލާސްތެރި ބައެކެވެ. ސިޔާސީ މައިދާނުގައި ޑީއާރުޕީގެ އާންމު މެންބަރުންގެ އެންމެ ބޮޑު މަސްލަހަތަކަށްވާނީ ރައީސް މައުމޫނުގެ މަސްލަހަތެވެ.
އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ ރައީސް މައުމޫނުގެ އެއްބަފާ ކޮއްކޯފުޅެވެ. ޑީއާރުޕީގައި ނޫފޫޒްގަދަ ބޭފުޅެކެވެ. ސިޔާސީ މައިދާނުގައި ތަޖްރިބާ ހުރި ބޭފުޅެކެވެ. ދޫފަރިތަ ކަމާއި އެކު ރައްޔިތުންނާއި މުހާތަބްކުރާ ބޭފުޅެކެވެ. ޑީއާރުޕީއަށް ވަންނަވައި ލީޑަރޝިޕްރޭހުގައި ތަސްމީނާ ވާދަކޮށް ޔާމީނު އެރޭހުން ކުރިހޯދުމަކީ ވަރަށް އެކަށީގެންވާކަމެކެވެ. ނުވުމަށްވުރެ ވުން އެގޮތް ގާތެވެ. މިދުވަސް ތަސްމީނަށް ފެނި އެދުވަހަށް ތަސްމީނު ދުރާލާ ތައްޔާރުވި ކަހަލައެވެ.
މިއަދު ޑީއާރުޕީއަށް ކުރިމަތިވެފައިވާ ދުވަސްތަކާ ކުރިމަތިލާން ޖެހޭނެކަން ތަސްމީނަށް އެދުވަހު ފެނުނުކަހަލައެވެ. އަދި ޔާމީނު އެނބުރި އަންނާނެކަން ވެސް ތަސްމީނަށް އެނގޭ ކަހަލައެވެ. އެފަދަ ދަނޑިވަޅެއްގައި ޔާމީނު ހެއްދެވިހެން ހަމައެކަނި ޑީއާރުޕީއަށް އިހްލާސްތެރި ބަޔަކު އިންތިހާބުކޮށްފިނަމަ ނުކުންނާނެ ނަތީޖާ ތަސްމީނަށް ތަޖްރިބާ ކުރެވިފަ ހުރި ކަހަލައެވެ. އެގޮތުން އާއިލާއާއި ޅިޔަންފަހެރިން މަޖިލިހަށް އިންތިހާބު ކުރިކުރުމަކީ ތަސްމީން ކުޅުއްވި މޮޅު ކުޅިއެއްކަން ދުރުގައި ބަލަންތިބި މީހުނަށް ވަރަށް ރަގަޅަށް މިއަދު ފެންނާނެއެވެ.
ގަބޫލުކުރިޔަސް އަދި ނުކުރިޔަސް ތަސްމީނު މިއަދު އެވަނީ ޑީއާރުޕީގެ ކޮންޓްރޯލް ނަންގަވާފައެވެ. ޕާޓީގެ ކައުންސިލުން ފެށިގެން އެންމެ އާދައިގެ ކޮމެޓީތަކުގައިވެސް ތިއްބެވީ ތަސްމީނުގެ މީހުނެވެ. ނަމަވެސް ހަގީގަތަކީ ތަސްމީނާއި އަދި ޔާމީނަކީވެސް އާންމުންގެ މެދުގައި މާ މަގުބޫލު ދެބޭފުޅުންނެއް ނޫންކަމެވެ. އެއާ ހިލާފަށް މިއަދު މި މައިދާނުގައި ފައި ހަރުކުރައްވަމުން ގެންދަވާ ޑީއާރުޕީގެ ޒައީމް ރައީސް މައުމޫނު އަބްދުލް ގައްޔޫމަކީ މިއަދު މިފަސްގަޑުގައި ހުރި އެންމެ މަގުބޫލު ޝަހުސިއްޔައްތެވެ. އެކަން މި ހިނގާ ޖެނުވަރީ މަހު 06 ވަނަ ދުވަހު ކަލާފާނު ސްކޫލްގައި 70 ގެ ފަހު އަހަރުތައް ގުނުއްވަމުން ގެންދަވާ މައުމޫންވަނީ ދައްކުވާއި ދީފައެވެ. މައުމޫނުގެ ކުރިފުޅުމަތީގައި އާންމު ތާއިދަށް ބަލާއިރު ތަސްމީނުގެ މިސާލަކީ މަދޮށި އޮށެއްގެ މިސާލެވެ. މިއަސްލު އެރޭ އެއްވެތިބި އެތައް ބަޔަކަށް ފެންނާނެއެވެ.
ޑިއާރުޕީގެ އެތެރޭގެ ހަނގުރާމަ ދެބައި ވުމަކާއި ހަމައަށް އާދެވުނު އިރު މިފެންނަނީ ތަސްމީނު ކުރީގައި އުޅުއްވާތަނެވެ. ޔާމީނަށް ޑީއާރުޕީގެ އެތެރެ ކޮއިލަށް ނުވަދެވޭ ގޮތަށް ތަސްމީނު ވަނީ ފާޓީގެ ކޮންޓްރޯލު ނަންގަވާފައެވެ. އުމަރު މިވަގުތަށް އެވަނީ ބަލިވެފައެވެ. ނަމަވެސް ޒައީމް މައުމޫނުގެ ބޯ ސިޔާސީ މައިދާނުން ކަނޑާލުމުގެ ނިޔަތުގައި ލީޑަރ ތަސްމީނު، ޒައީމް މައުމޫނާއި ކައިރިވެވިދާނެތޯ މިއީ ކުރެވޭ ސުވާލެކެވެ. ނަމަވެސް ސިޔާސީ ދުރުވިސްނުމުން މައުމޫނުގެ ވިދުވަރުވެސް ކުޑަ ކުރެވިދާނެއެވެ. އެކަމަށް ބޭނުންވަނީ ހިކުމަތާ ދުރުވިސްނުމެވެ. އެ ހިކުމަތާއި ދުރު ވިސްނުން ޔާމީނާއި އުމަރާއި ކުރިމަތި ލައްވަމުން ގެންދެވިއިރު ތަސްމީނު ކިބައިން ފެނުނެވެ. މިހާރު އުފެދޭ ސުވާލަކީ އެ ހިކުމަތާއި ދުރު ވިސްނުން ޒައީމް މައުމޫނު ސިޔާސީ ގޮތުން ބަލިކުރައްވަން ތަސްމީނަށް ކުޅުއްވެވޭނީ ކިހާ މިންވަރަކަށްތޯއެވެ.