06 Aug 2014, 23:17
ރާއްޖޭގެ ކުޅިވަރާ ބެހޭ ގައުމީ މަޖިލީސް އެކުލަވާލައި އެ މަޖިލީހުގެ ފުރަތަމަ ބައްދަވުން މިއަދު ބާއްވައިފި އެވެ.
ޖުމްލަ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ އެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ވެލާނާގޭގަ އެވެ. އެ ބައްދަވުން ޗެއާ ކުރެއްވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި އެ މަޖިލީހުގެ މެންބަރުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
"މި އެކުލަވާލެވުނު ކައުންސިލުގެ ސަބަބުން ކުޅިވަރުގެ ގައުމީ އެސޯސިއޭޝަންތައް ހިންގުން ހަރުދަނާ ވެގެން ދާނެ. މި މަޖިލީހުގެ ސަބަބުން ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯ ތަންފީޒް ކުރުމުގައި އިތުރު ބާރެއް ލިބިގެންދާނެ،" މަލީހު ވިދާޅުވި އެވެ.
ޔޫތު މިނިސްޓްރީގެ ފަރާތުން ކުޅިވަރާ ބެހޭ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ސްޓޭޓް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި މިނިސްޓަރުގެ ނައިބު ޝާހް އިސްމާއިލާއި ޑިރެކްޓާ ޖެނެރަލް އަލީ ޒަކީ އަހްމަދެވެ.
އެބޭފުޅުންގެ އިތުރުން ކުޅިވަރާ ބެހޭ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ މެމްބަރު މުހައްމަދު ސަލީމާއި އެފްއޭއެމްގެ ފަރާތުން އިހްސާން އަބްދުލް ޣަނީ އާއި ކުރިކެޓް ބޯޑުގެ ފަރާތުން ފަރުޙަތު ޖަލީލް އާއި ވޮލީ އެސޯސިއޭޝަންގެ ފަރާތުން ހުސައިން މުހައްމަދާއި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން އަލީ އާދަމް މަނިކާއި ކުޅިވަރަށް ޚިދުމަތްކޮށްފައިވާ ފަރާތެއް ކަމަށްވާ މުހައްމަދު އަނީސް އާއި ފަތުޙުﷲ ވަހީދެވެ.