06 Aug 2014, 22:56
ދިވެހި މީޑިއާގެ ފަރާތްތަކުން އިންތިޒާމު ކޮށްގެން އަންނަ ހުކުރު ދުވަހުގެ މެންދުރުފަހު 2:30 އިން ފެށިގެން ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 12:00 އަށް ކުރިއަށް ގެންދާ "ހެލްޕް ގާޒާ ޓެލެތޯން" އަށް އިތުރު ހަތް ފަރާތަކުން އެހީ ދޭން ނިންމައިފުއެވެ.
"ހެލްޕް ގާޒާ ޓެލެތޯން"އަށް އެހީ ދޭން ނިންމާފައިވާ ހަތް ފަރާތުގެ ތެރޭގައި ހިމެނެނީ ކޫއްޑޫ ފިޝަރީސް މޯލްޑިވްސް ލިމިޓެޑާއި މޯލްޑްވިސް ބްރޯޑްކާސްޓިންގް ކޮމިޝަން އާއި ހއ. ކެލާ ސިއްހީ މަރުކަޒާއި "މާޒާ އޭ ސްޓައިލް" ފިހާރަ އާއި "ސްޓާލިންގް ފުލާވާސް" ފިހާރަ އާއި ސްޓެލްކޯ އަދި މުއިއްޒު އެންޑް ކޯ ލޯފާމެވެ.
މޯލްޑްވިސް ބްރޯޑްކާސްޓިންގް ކޮމިޝަން ގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ދޭން "ހެލްޕް ގާޒާ ޓެލެތޯން"އަށް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ހއ. ކެލާ ސިއްހީ މަރުކަޒުގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ވެސް "ހެލްޕް ގާޒާ ޓެލެތޯން"އަށް ދޭން ވަނީ ނިންމާފައެވެ.
މީގެއިތުރުން މާޒާ އޭ ސްޓައިލް ފިހާރައަށް މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހާ ހަމައަށް ލިބޭ ފައިސާގެ 20 ޕަސެންޓު "ހެލްޕް ގާޒާ ޓެލެތޯން" ފަންޑަށް ހަދިޔާކުރުން ވަނީ ނިންމާފައެވެ. ސްޓާލިންގް ފުލާވާސް ފިހާރަ އަށް އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ލިބޭ އާމްދަނީ "ހެލްޕް ގާޒާ ޓެލެތޯން" ފަންޑަށް ހަދިޔާކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ސްޓެލްކޯ އިން ސްޕޮންސާ އެއްގެ ގޮތުގައި 100،000 ރުފިޔާ ހަދިޔާ ކުރަން ނިންމާފައި ވާއިރު އެތަނުގެ މުވައްޒަފުންގެ ފަރާތުން 100،000 ރުފިޔާ ހަދިޔާ ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި ޓީވީ ޝޯތަކަށް އަރާ ޕްރެޒެންޓަރުންގެ ޓީޝާޓު 15 ގަޑިއިރަށް ސްޕޮންސަރު ކުރުމަށް ވެސް ސްޓެލްކޯ އިން ވަނީ ނިންމާފައެވެ.
މުއިއްޒު އެންޑް ކޯ ލޯފާމުގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ އާއި ކޫއްޑޫ ފިޝަރީސް މޯލްޑިވްސް ލިމިޓަޑްގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ޣައްޒާ ފަންޑަށް ހަދިޔާކުރުމަށް ވަނީ ނިންމާފަ އެވެ.
އެއްދުވަހުގެ މުސާރަ ޣައްޒާ ފަންޑަށް ހަދިޔާކުރުމަށް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އިން ނިންމާފައިވާއިރު، 100،000 ރުފިޔާގެ 15 ޓީޝާޓުގެ ތެރެއިން އެއް ޓީޝާޓު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ ނަންފުޅުގައި ބައްލަވައިގަތުމަށް ވެސް އެކުންފުނިން ވަނީ ނިންމާފަ އެވެ.