ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުގައިވާ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައިން އެއް ދުވަހުގެ މުސާރަ ޣައްޒާ ފަންޑަށް ހަދިޔާ ކުރަން ނިންމައިފި އެވެ.

ޢައްޒާގެ ރައްޔިތުންނަށް އެހީވުމަށް މީޑއާތަށް ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ''ހެލްޕް ގާޒާ ޓެެލެތޯން'' ގެ ސްޓިއަރިންގް ކޮމެޓީއާއެކު ބަންޑާރަ ކޮށީގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ވިދާޅުވީ، ޑިފެންސް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ މުއައްސަސާތަކާއި ޑިފެންސް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ހިންގަމުންދާ މުއައްސަސާތަކުގެ މުވައްޒަފުން އެއް ދުވަހުގެ މުސާރަ ޣައްޒާ ފަންޑަށް ހަދިޔާ ކުރާގޮތަށް ނިންމާފައިވާ ކަމަށާއި، ''ހެލްޕް ގާޒާ ޓެލެތޯން'' ސްޓިއަރިންގް ކޮމެޓީން ކުރައްވަމުން ގެންދަވާ މަސައްކަތުގައި އެހީތެރިވެދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ބަންޑާރަ ކޮށީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ހެލްޕް ގަޒާ ޓާސްކްފޯހުގައި ހިމެނިވަޑައިގަންނަވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ޗެއާމަން އިބްރާހީމް އުމަރު މަނިކު ވަނީ ޑިފެންސް މިނިސްޓަރުގެ ނިންމެވުމަށް، ސްޓިއަރިންގް ކޮމެޓީގެ ފަރާތުންނާއި ހުރިހާ މީޑއާގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމާއި، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހެއިރާއި، ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ފަރާތުން ޗީފް އެގްޒެކްޓިވް އޮފިސަރު އަހްމަދު ޝުކުރީ ހުސައިނާއި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ފަރާތުން ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރު އަބްދުﷲ މުނާޒާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރު، ލެފްޓިނަންޓް ކާނަލް އިބްރާހީމް ހިލްމީ އެވެ.