06 Aug 2014, 19:58
ހުޅުމާލެ ހޮސްޕިޓަލާއި ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ އިތުރުން ހއ. މޮޅަދޫ އާއި ހދ. ހަނިމާދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހުޅުމާލެ އާއި ދިއްދޫ ހޮސްޕިޓަލްގެ އިތުރުން ހއ. މޮޅަދޫ ސިއްހީ މަރުކަޒާއި ހދ. ހަނިމާދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އެވެ.
ހުޅުމާލެ ހޮސްޕިޓަލް މަރާމާތުކުރަން ހަވާލުކޮށްފައި ވަނީ ރަޒާ ކޮންސްޓްރަކްޝަނާ އެވެ. އެ ކުންފުންޏަށް 1.2 މިލިއަން ރުފިޔާއަށް ޕްރޮޖެކްޓް ހަވާލުކޮށްފައިވާ އިރު 102 ދުވަސް ތެރޭގައި މަސައްކަތް ނިންމަން އެގްރީމެންޓްގައި ވަނީ ކަނޑައަޅާފަ އެވެ.
ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލާއި އެތަނުގެ ލޯންޑްރީ އަދި އައިސީޔޫ މަރާމާތުކުރަން ހަވާލުކޮށްފައި ވަނީ އެމްއެންބީ ކޮންސްޓްރަކްޝަނާ އެވެ. އެ ކުންފުންޏަށް 496،263ރ. އަށް މަސައްކަތް ހަވާލުކުރީ 58 ދުވަސްތެރޭ ނިންމާ ގޮތަށެވެ. އަދި ހދ.ހަނިމާދޫ ހެލްތު ސެންޓަރު މަރާމާތުކުރަން ހަވާލުކުރީ ބްރޯހުޑް ކޮންސްޓްރަކްޝަންއާ އެވެ. އެ ކުންފުންޏަށް އެ މަސައްކަތް 1.2 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ 87 ދުވަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ހއ. މޮޅަދޫ ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ ފިނިޝިން މަސައްކަތް ހަވާލުކޮށްފައި ވަނީ ރަޒާ ކޮންސްޓްރަކްޝަނާ އެވެ. އެ ކުންފުންޏަށް އެ މަސައްކަތް 583،152ރ. އަށް ހަވާލުކުރީ ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
އެއްބަސްވުން ތަކުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު ޝަކީލާ ވިދާޅުވީ، މަރާމާތު ނުރާތާ އެތައް އަހަރުތަކެއްވީ ސިއްހީ ހިދުމަތް ދޭ ތަންތަން އެބަހުރި ކަމަށާއި، ސިއްހީ ހިދުމަތްދޭ ތަންތަން މަރާމާތުކުރަން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ވަރަށް ގިނަ ތަންތަން މަރާމާތުކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހާލަތު ދައްކޮށް ހުރި ގާތްގަނޑަކަށް 70 ވަރަކަށް މަރުކަޒުގެ މަސައްކަތް މިއަހަރު ފައްޓަވާނޭ ކަމަށް ވެސް ޑރ. ޝަކީލާ ވިދާޅުވި އެވެ.
" މަރާމާތު ނުކުރާތާ އެތައް އަހަރުތަކެއް ވެ ސިއްހީ ހިދުމަތް ދެމުން އަންނަ ބައެއް ތަންތަން ހުރީ ބޮލަށް ވެއްޓޭ ހިސާބުގައި. ބައެއް ތަންތަނުގެ ފުރާޅާއި ސީލިންގް ހަލާކުވެ ބޭނުން ކުރަން އެކަށީގެން ނުވާ ތަންތަން ވެސް އެބަހުރި. ވަރަށް މަދު ތަނެއް ފިޔަވައި ރާއްޖޭގެ ހުރިހާ ތަނެއް ވެސް ހުރީ މަރާމާތުކުރަން ޖެހޭ ހާލަތުގައި،" ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކިތަންމެ ގިނަ މެޝިނަރީ އާއި އިކުއިޕްމަންޓްތައް ހުއްޓަސް އިންފްރާސްޓްރަކްޗަރު ރަނގަޅު ވުމެއް ނެތި މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އެގޮތުން އެ ތަންތަން މަރާމާތުކުރުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.