06 Aug 2014, 19:56
މިއަހަރު ހަތަރު ވަނަ ފަހަރަށް ދިވެހި ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓްގެ ކޯޗު ބަދަލުކޮށްފި އެވެ.
ނިއުގެ ކޯޗުކަމަށް މިފަހަރު ހަމަޖެއްސީ ފިންލޭންޑްގެ މިކާ ލޮންސްޓްރޮމް އެވެ. ނިއުގެ ކޯޗުކަމާ މިކާ ހަމަޖެއްސުމާ ގުޅިގެން ކުރިން އެކްލަބުގެ ކޯޗު އިސްމާއިލް އަނިލް މަސައްކަތް ކުރާނީ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ.
އުމުރުން އެންމެ އަށާރަ އަހަރުގައި ކޯޗުކަމުގެ ދާއިރާއަށް ނުކުތް މިކާ އެންމެ ފަހުން ހުރީ ތައިލޭންޑްގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޕޮލިސް ކްލަބުގެ ކޯޗުކަމުގެ މަގާމުގައެވެ. އެ ކްލަބުގެ އިތުރުން އުމުރުން 40 އަހަރުގެ މިކާ ވަނީ ފިންލެންޑްގެ ގިނަ ކްލަބުތަކަކަށް ވެސް އިރުޝާދު ދީފަ އެވެ.
ދިރާގު ދިވެހި ލީގުގެ އެންމެ ފަހު މެޗާ ހަމައަށް އައިއިރު، ނިއު އޮތީ ލީގުގެ އެއްވަނަ މަގާމުގައެވެ. ނަމަވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަތުން 1-0 ބަލިވުމާ ގުޅިގެން މިހާރު އެ ޓީމު ވަނީ ލީގުގެ ދެވަނައަށް ވެއްޓިފަ އެވެ. އެއީ 2011 ވަނަ އަހަރަށް ފަހު، ނިއުއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ.
ނިއުގެ އާ ކޯޗު ތައާރަފް ކުރުމަށް މިއަދު މެންދުރު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވީ، އާ ކޯޗެއް ގެނައީ ކޮންމެހެން މާޒިޔާ އަތުން ލިބުނު ނާކާމިޔާބާ ގުޅިގެން ނޫން ކަމަށާއި އެއީ ކުރިން ވެސް ނިންމާފައިވާ ގޮތް ކަމަށެވެ. އަދި މާޒިޔާ އަތުން ލިބުނު ނާކާމިޔާބީއަކީ ކަންބޮޑުވާން ޖެހޭ ވަރުގެ ނަތީޖާއެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ނަތީޖާއަކުން އަޅުގަނޑުމެންގެ ވާދަވެރި ޓީމަށް ލިބުނު އެއްޗެއް ނެތް. ޓްރޮފީއެއް ނެތް. ކޮންމެ ބަދަލަކީ ވެސް ކްލަބަށް ރަނގަޅަކަށް އަޅުގަނޑުމެން ގެންނަ ބަދަލެއް. ކުރާ ހިތުން ކުރާ ބަދަލުތަކެއް. ހުރިހާ ސަޕޯޓަރުން ވެސް އަޅުގަނޑުމެންގެ ނިންމުންތަކަށް އިތުބާރުކުރާނެ،" ބަލަކް ވިދާޅުވި އެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން މިކާ ބުނީ، ނިއުއާ ހަވާލުވީ ނިއުއާއެކު ރަނގަޅު ކާމިޔާބީތަކެއް ހޯދަން އުންމީދުކުރާ ކަމަށާއި އާ ޗެލެންޖްއަކަށް އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.
ދިރާގު ދިވެހި ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ނިއުއަށް އިރުޝާދުދޭނީ މިކާ އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ރޭ 9:00 ގައި ނިއު ނުކުންނާނީ ލީގުގެ އެއްވަނައިގައި އޮތް މާޒިޔާއާ ދެކޮޅަށެވެ.