މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ އޮޅުވާލުމުގައި ޖެހި ހައްޖަށް ނުދެވުނު 126 މީހުންގެ ތެރެއިން ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދިއުމަށް އިތުރު 10 ފަރާތެއް ހޮވުމަށް ބާއްވާ ގުރުއަތުލުން މާދަމާ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އިސްލާމިކް މިނިސްްޓްރީން ބުނީ މަލީޝާ ޖަމާއަތުގެ ފަރާތުން ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ހައްޖަށް ނުދެވުނު މީހުންގެ ތެރެއިން 10 މީހަކު ހޮވުމަށް ބާއްވާ ގުރުއަތުލުން އޮންނާނީ މާދަމާ ހެނދުނު 10:30 ގައި އިސްލާމީ މަރުކަޒުގައި ކަމަށެވެ. އަދި ކޮންމެ އަހަރަކު ވެސް ރިޒާވްގެ ގޮތުގައި ނަގާ ފަސް މީހުންގެ ޖާގަ ހޮވުން ވެސް މާދަމާ ގެ ގުރުއަތުގައި އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މާދަމާ އޮންނަ ގުރުއަތުލުމަށް ހާޒިރުވާ ފަރާތްތަކުން އެފަރާތްތަކުގެ އައިޑީކާޑު ގެންދަން ޖެހޭނެ ކަމަށާއި އަދި ބަދަލުގައި މީހަކު ފޮނުވާނަމަ މަލީޝާ ހައްޖު ޖަމާއަތަށް ފައިސާ ދެއްކި ކަމުގެ ރަސީދާއި އައިޑީކާޑުގެ ކޮޕީއެއްގެ އިތުރުން ގުރުއަތުގައި ބައިވެރިވާ ފަރާތުގެ އައިޑީކާޑު ގެންދަން ޖެހޭނެ ކަމަށް ވެސް އެ އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސް އަށް ފައިސާ ދައްކައިގެން 2012 ވަނަ އަހަރު ހައްޖަށް ނުދެވުނު މީހުންގެ ތެރެއިން ސަރުކާރުގެ އެހީގައި މިދިޔަ އަހަރު ވަނީ 32 މީހަކު ހައްޖަށް ގެންދިއުމަށް ހޮވާފަ އެވެ.