06 Aug 2014, 19:44
އިންޓަނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އައިއެންސީއީއައިއެފް) އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ އިތުރުން ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސް ގުޅިގެން، ހިންގުމަށް ހަމަޖެހިފައިވާ މާސްޓާޒް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް (އެމްއައިއެފްޕީ) ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސީއެމްޑީއިން ބުނީ، 30 މީހުންނަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ އެ ކޯހަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 20ގެ ނިޔަލަށް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް (ކުއްލިއްޔާ) އިން ކަމަށެވެ.
އެ ޕްރޮގްރާމް ރާއްޖޭގައި ހިންގުމުގެ މަޤްސަދަކީ އިސްލާމިކް ފައިނޭންސް ގެ ދާއިރާއަށް މީހުން އަހުލުވެރިކުރުމާއި އެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށް ކަމަށް ވެސް ސީއެމްޑީއޭއިން ބުންޏެވެ.
"އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ސްޕެޝަލައިޒްވެފައި ވާ ފަރާތްތައް ނެތުމުގެ ދަތިކަން ހައްލުކޮށް މި ދާއިރާއިން ޕްރޮފެޝަނަލް މީހުން ބިނާކުރުމަކީ ވެސް މިކަމުގެ މަގުސަދެއް،" ސީއެމްޑީއޭއިން ބުންޏެވެ.
ސީއެމްޑީއޭއިން ބުނީ، އެ ކޯހުގެ ސަބަބުން ކުރިއަރާފައިވާ ގައުމުތަކުގައި އިސްލާމީ އިޤްތިސާދު ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތާއި އިސްލާމީ އިޤްތިސާދެއް ބިނާކުރުމުގެ ގޮތުން ރާއްޖޭގެ ހާލަތާގުޅޭ އެކަޑެމިކް ރިސާޗް ހެދުމުގެ މަގު ފަހި ވެގެންދާނެ ކަމަށެވެ.
އެ ކޯހަކީ މެލޭޝިޔާގެ ކޮލިފިކޭޝަންސް އޭޖަންސީއިން މަސްޓާޒް ފެންވަރުގެ ކޯހެއްގެ ގޮތުގައި ޤަބޫލުކުރާ ކޯހެކެވެ. އިނގިރޭސި ބަހުން ކިޔަވައިދިނުމަށް ހަމަޖެހިފައިވާ އެ ކޯސް ފެށުުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުއެވެ. އަދި މިކޯހުގެ މުއްދަތަކީ 18 މަސްދުވަހެވެ.