ދިވެހި މީޑިއާގެ ފަރާތްތަކުން އިސްނަގައިގެން އަންނަ ހުކުރު ދުވަހުގެ މެންދުރު ފަހު 14:30 އިން ފެށިގެން 33 ގަޑި، 30 މިނިޓަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ހެލްޕް ގާޒާ ޓެލެތޯން"އަށް އެހީވުމަށް ރާއްޖޭގެ ބައެއް ކުންފުނިތަކުންނާއި ސިޔާސީ ޕާޓީތަކުން ނިންމައިފި އެވެ.

ހެލްޕް ގާޒާ ޓެލެތޯންގެ ސްޓީއަރިން ކޮމިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެކި ކުންފުނިތަކުންނާއި ސިޔާސީ ޕާޓީތަކުން އެ ޓެލެތޯނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަން އާއި އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ފަންޑަށް ދެއްވާނެކަމުގައި އަންގަވާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ސަރުކާރުގެ ވަރަށް ގިނަ ކުންފުނި ތަކާއި ކައުންސިލްތަކުން ވެސް އެ ތަންތަނުގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ދެއްވާނެކަމުގައި ވިދާޅުވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި ބައެއް ސިޔާސީ ޕާޓީތަކުން ވެސް މިހާރު ވަނީ "ހެލްޕް ގާޒާ" ޓެލެތޯން "އެންޑޯޒް"ކޮށްފައި ކަމަށާއި އޭގެ ތެރޭގައި އަދާލަތު ޕާޓީއާއި އެމްޑީއޭގެ އިތުރުން ޖުމްހޫރީ ޕާޓީ ހިމެނޭކަމަށް ބަޔާނުގައި ވެއެވެ.

"ހެލްޕް ގާޒާ"ގެ ނަމުގައި ޓެލެތޯނެއް ހުޅުވާލައި ފައިސާ ހޯދުމުގެ ހަރަކާތެއް ދިވެހި މީޑިއާގެ ފަރާތްތަކުން ފެއްޓީ ފަލަސްތީނުގައި ދިރިއުޅޭ އަޅުގަނޑުމެންގެ ލޮބުވެތި މުސްލިމް އަހުންނާއި އުހުތުންގެ ތެރެއިން އަންހެނެއް ކުޑަކުއްޖެއް ބެލުމެއްނެތި ޒައިނިސްޓް އިސްރާއީލުން ކުރިއަށް ގެންދާ އުދުވާނީ އަދި އަނިޔާވެރި ލާ އިންސާނީ އަމަލުތަކުގެ ސަބަބުން ނިކަމެތިކަން ލިބިފައިވާ ފަރާތްތަކަށް އެހީގެ އަތެއް ފޯރުކޮށްދިނުމުގެ ފުރުސަތު އެކަމަށް އެދޭ ކޮންމެ ބަޔަކަށް ވެސް ތަނަވަސްކޮށްދިނުމުގެ ބޭނުމުގަ އެވެ.

ދިވެހި މީޑިއާއިން މިފަދަ ކަމަކަށް އިސްނެގީ މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ވީހާވެސް ގިނަ ބަޔަކަށް އިޒްރޭލުގެ އަނިޔާވެރި ލާ އިންސާނީ އަމަލުތައް އަންގައިދީ އަދި މެދުވެރިއެއްގެ ބައި އަދާކުރުމަށް މަސައްކަތް ކުރެވިދާނެ އެއް ފަރާތަކީ މީޑިއާ ކަން ގަބޫލުކުރެވޭތީ ކަމަށް ވެސް ޓެލެތޯން އިންތިޒާމުކުރި ފަރާތުން ބުނެއެވެ.

"ހެލްފް ގާޒާ" ގެ ނަމުގައި ކުރިޔަށް ގެންދާ މި ޓެލެތޯންގެ ހޭޝް ޓެގެއްގެ ގޮތުގައި ބޭނުން ކުރާނީ. HelpGazaMv# އެވެ. އަދި ޓެގްލައިނެއްގެ ގޮތުގައި ބޭނުންކުރާނީ "މަވެސް އެހީވާނަން" އެވެ.