06 Aug 2014, 19:07
ހައި ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފުގެ މައްޗަށް ހުށަހެޅި ސުލޫކީ މައްސަލަ ސާބިތުވާތީ އޭނާ ޖުވެނައިލް ކޯޓުގެ ގާޒީ ކަމަށް ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު އަޙްމަދު ޝަރީފާ ބެހޭގޮތުން އެކޯޓުގެ ހަތް ފަނޑިޔާރަކު ހުށަހެޅުއްވި ޝަކުވާ ތަހުގީގުކޮށް ބެލިބެލުމުން ހައި ކޯޓުގެ އިސް ފަނޑިޔާރު އަޙްމަދު ޝަރީފުގެ މައްޗަށް ތުހުމަތުކުރެވުނު ސުލޫކީ މައްސަލަ ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ޖޭއޭސްސީން ނެރުނު ބަޔާނަކުން ބުންޏެވެ.
އެ ބަޔާނުގައި ޖޭއެސްސީން ބުނީ، އެ މައްސަލައާ ގުޅިގެން އަޅާ ތައުދީބީ ފިޔަވަޅެއްގެ ގޮތުން ފަނޑިޔާރުންގެ ގާނޫނުގެ 37 ވަނަ މާއްދާގެ ނ. އަށް ރިއާޔަތްކޮށް، ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމުން ޖުވެނައިލް ކޯޓުގެ ޤާޒީކަމުގެ މަޤާމަށް ބަދަލު ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ޝަރީފުއާ ދެކޮޅަށް ހުށަހެޅި މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޖޭއެސްސީ އިން ވަނީ އޭނާ ސަސްޕެންޑް ކޮށްފަ އެވެ.
ޝަރީފަކީ ރައީސް ނަޝީދުގެ ސަރުކާރުގައި ދަށު ކޯޓުތަކުގެ ހުކުމް ތަންފީޒު ނުކުރުމަށް ބާރުއަޅައި އުފައްދަން އުޅުނު ޖުޑީޝަލް ރިފޯމް ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ހުށަހެޅުއްވި ނަންތަކުގެ ތެރޭގައި ވެސް ހިމޭނެ ބޭފުޅެކެވެ.