އިދިކޮޅު ފަރާތްތަކުގެ ރޭވުންތަކާ އެކު ކުރިން ބަޔަކަށް އަނިޔާތަކެއް ލިބިފައިވީ ކަމުގައި ވިޔަސް މިހާރު ވެސް އެ މީހުންގެ "މަޅި"ތައް ވެގެންދަނީ "މާފަތި"ތަކަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލް އިންތިހާބުގައި މައްޗަންގޮޅީ އުތުރު ދާއިރާއަށް ކުރިމަތިލި އެމްޑީޕީ ކެންޑިޑޭޓް އަދި ފިލްމީތަރި ހަސަން އަފީފު (ޖަންބު ހަސަންގެ) ކެމްޕެއިން ޖަހަގަ ހުޅުއްވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރައްޔިތުންގެ އަތަށް ބާރުތައް ދޫކޮށްލުމަށް ބަޔަކު ކުރި މަސައްކަތުގެ ސަބަބުން އެ މީހުންނަށް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި އޭރުވެސް ދިން އަނިޔާތަކާއި މިހާރު ވެސް އިދިކޮޅު ފަރާތްތަކުން ޖަހާ މަޅިތައް އެމަނިކުފާނަށް ވެގެންދަނީ މާފަތިތަކަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ލާމަރުކަރީ އުސޫލަށް ތާއިދުކޮށް ވަކާލާތު ކުރުމުގެ ސަބަބަން ކިތަންމެ ބަޔަކަށް އެތައް އަނިޔާތަކެއް ލިބިފައިވޭ. އަދި ކިތަންމެ ދެރައެއް ލިބިފައިއެބަވޭ. އަޅުގަނޑު ދެކެނީ ކޮންމެ މަޅިއަކީ މާފައްޗެއް ކަމަށް. އަޅުގަނޑަށް އެންމެހައި މަޅިތައް ވަމުންދަނީ މާފަތިތަކަކަށް."

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ރައީސް މާލޭގައި ހުޅުއްވައިދެއްވި ހަތަރު ވަނަ ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރައްޔަތުންގެ މަޖިލީހަށާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެމްޑީޕީގެ ފަރާތުން ކުރިމަތިލަނީ ކަންކުރަންވަން ރަގަނޅަށް ދަންނަ މީހުން ކަމަށާއި އެއީ ތައުލީމް ލިބިފައިވާ ގާބިލް ބަޔެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކެންޑިޑޭޓުންނަށް ދޭ ވޯޓަކީ އެ މީހުންނަށްދޭ ވޯޓެއް ނޫން ކަމަށާއި އެއީ އެމްޑީޕީއަށް ދެވޭ ވޯޓެއް ކަމަށެވެ.

"ކުރިމަތި މިލަނީ އެމްޑީޕީ، ކުރިމަތި މިލަނީ އިތުރުބައެއް ނޫން. މިއަކު ކެންޑިޑޭޓުންނެއް ނެތް. އަދު ކަންދިމާކުރި ގޮތުން ޖަންބުގޭ ހަސަން އަފީފުއަކީ އަޅުގަނޑުމެންގެ ކެންޑިޑޭޓް. ކެނެރީގޭ މުހައްމަދު ނަޝީދު ކަންދިމާކުރި ގޮތުން ތިޔަބޭފުޅުންގެ ރިޔާސީ ކެންޑިޑޭޓް. މިއަކު މީހުންނެއް ނެތް. މީގާ އޮތީ ފިކުރެއް، މީގައި އޮތީ ފަލްސަފާއެއް، މިގާ އޮތީ އަޅުގަނޑުމެން އެކީގާ ކުރަންބޭނުންވާ ކަމެއް." ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް އެމްޑީޕީން ގެންނަން އުޅެނީ ބަދަލެއް ކަމަށާއި އެ ބަދަލު ގެނެވޭނީ އެމްޑީޕީއަށް ވޯޓް ދެއްވައިގެން ކަމަށެވެ. ރައީސް ވިދާޅުވީ ރިއާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވިއިރު، އަމިއްލަ ފޮޓޯއެއް ބޭނުންނުކުރާ ކަމައި ބޭނުން ކުރީ އެމްޑީޕީގެ ފަލްސަފާކަމަށެވެ. އޭގެ ސަބަބުން ދިވެހިން ވޯޓްދިނީ އެމްޑީޕީއަށް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގެންނަން މިއުޅެނީ ބަދަލެއް. މުޅި ރިއާސީ އިންތިހާބު އެދިޔައީ އަޅުގަނޑުގެ ފޮޓޯއެއް ނުލާ. އަޅުގަނޑުގެ ފޮޓޯއެއް ނުލާ، އެމްޑީޕީގެ ތިލަފަތާއި އެމްޑީޕީގެ ކުލައާއި އެމްޑީޕީގެ މަލުން. ހަމަކަށަވަރު އަޅުގަނޑަށް ވޯޓް ލިބުނު. އަޅުގަނޑަށް ލިބުނު ވޯޓެއް ލިބުނީ އެމްޑީޕީއަށް."
އެމްޑީޕީގެ ފަލްސަފާއާއި ސިޔާސަތުތައް ރަގަނޅަށް ވިސްނައިގެން އެ ޕާޓީއަށް ވޯޓް ދިނުމަށް ރައީސް މާލޭގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.