06 Aug 2014, 18:32
ރާއްޖޭގައި "ފަންނީ" މަސައްކަތްތައް ކުރުމަށް އައިސް އުޅޭ ބިދޭސީންގެ ޕާސްޕޯޓް އެ މީހުންގެ އަތަށް ދީފައި ބޭއްވުމަށް ރައީސްޖުމްހޫރިއްޔާ އަންގަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު 'ސަން'އަށް ވިދާޅުވީ، ޓީޗަރުންނާއި ޑޮކްޓަރުން ހިމެނޭގޮތަށް ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ޕާސްޕޯޓް އެމީހުންނަށް ދިނުމަށް ރައީސް އެންގެވީ ވޭތުވެދިޔަ ތާންގައި އެގޮތަށް ޕާސްޕޯޓް ހިފެހެއްޓުމުން އެފަދަ މީހުން ކަންބޮޑުވާފަދަ ގިނަ މައްސަލަތަކެއް ކުރިމަތިވެފައި ވާތީ ކަމަށެވެ.
"އެގޮތަށް ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން އެ މީހުންގެ އާއިލާ މީހަކަށް ކުއްލިއަކަށް ދިމާވާ ކަންކަމުގައި ވެސް މި އޮންނަނީ ފުރައިގެން ނުދެވި،" މުއާޒް ވިދާޅުވި އެވެ.
މުއާޒް ވިދާޅުވީ، ރައީސް ޔާމީން އެގޮތަށް އެންގެވުމުން ރައީސް އޮފީހުން މިހާރު ވަނީ ކަމާބެހޭ ހުރިހާ ފަރާތްތަކަކަށް އެގޮތަށް އަމަލުކުރުމަށް އަންގާފައި ކަމަށެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ވެސް ވަނީ އެގޮތަށް ޕާސްޕޯޓް ނުހިފެއްޓުމަށް އަންގަވާފައެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް އެގޮތަށް އަމަލުކޮށްފައެއް ނުވެއެވެ.