06 Aug 2014, 18:19
އއ. ތޮއްޑޫގައި ސްނޯކްލިންއަށް ގޮސްއުޅުނު މީހެއްގެ ބޮލަށް ތޮޅި މަހެއްގެ ތުންގަނޑު ހެރިގެން ސީރިއަސް ވުމުން އޭނާއަށް ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސްފި އެވެ.
ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހީމް، 'ސަން'އަށް މިއަދު ވިދާޅުވީ، ތޮޅި ހެރިފައި ވަނީ ދިވެހި ފިރިހެނެއްގެ ބޮލަށް ކަމަށާއި އެ ހާދިސާ ހިނގީ މިއަދު މެންދުރު 1:30 ހާއިރު ކަމަށެވެ. އަދި އެވަގުތު އޭނާއަށް ތޮއްޑޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު، ޑޮކްޓަރުން އޭނާ މާލެއަށް ގެންދަން އެންގުމުން މާލެއަށް ފޮނުވާލީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޑޮކްޓަރުން އޭނާ ބެއްލެވުމަށް ފަހު ބޮލުގެ ނިތްމައްޗާ ދިމާލުން ސިކުނޑިއާއި ގުޅިފައިވާ ނާރެއް ބުރިވެފައިވާ ކަމަށް ބުނި ކަމަށާއި އެ ނާރު ބުރިވެފައި ވުމުގެ ސަބަބުން ލޭމަނާ ނުވާތީ އޭނާގެ ހާލު ސީރިއަސް ވެދާނެ ކަމަށް ޑޮކްޓަރުން ބުނި ކަމަށެވެ. ނަމަވެސް މާލެއިން ލޯންޗެއް ގެނެސްގެން ބަލިމީހާ މާލެއަށް ފޮނުވާލަން ޖެހޭތީ ލޯންޗެއް ހޯދައިގެން އޭނާ މާލެއަށް ގެނެސްފައި ވަނީ މިއަދު ހަވީރު 5:30 ހާއިރު އެވެ.
ހަސަން އިބްރާހިމް ވިދާޅުވީ އެއީ އއ. އަތޮޅު އުކުޅަހު މީހެއް ކަމަށާއި އޭނާ އަކީ ތޮއްޑޫގައި ގެސްޓްހައުސްއެއްގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އަދި ތޮޅި ހެރިފައި ވަނީ އެ ގެސްޓް ހައުސްއަށް ގޮސްއުޅޭ ޓޫރިސްޓުން ގޮވައިގެން އެ ގެސްޓް ހައުސްގެ ވެރިންނާ އެކު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މީހާއަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.