ރާއްޖޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ އިންޑިއާގެ ހަތަރު މީހަކު މިނިވަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ މިއަދު ސަން އަށް ވިދާޅުވީ، އެ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ފިރިހެނަކާއި ތިން އަންހެނުން ކަމަށެވެ. އެ މީހުން މިނިވަންކޮށް ގައުމަށް ފޮނުވާލުމަށް ފޮރިން މިނިސްޓްރީއަށް މިއަދު އަންގާފައިވާނެ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

"އޭގެތެރެއިން ފިރިހެން މީހާއަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭ ޖަލުގައި ހުކުމް ތަންފީޒް ކޮށްފައިވާ މީހެއް" މުއާޒް ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ، އެ މީހުން އަނބުރާ ފޮނުވާލަނީ ދެން ދުވަހަކު ވެސް ރާއްޖެ ނާދެވޭގޮތަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމަވާފައި ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައިވާ ގުޅުން ބަދަހިކުރުމަށް ކަމަަށް ވެސް މުއާޒް ވިދާޅުވި އެވެ.