06 Aug 2014, 14:26
މާލޭގެ އެކި ސަރަޙައްދުތަކުގައި ޖިނާއީ ކުށްތަކަށް އަަރައިގަނެވޭނެ ފަދަ ގޮތްގޮތަށް ގްރޫޕްތަކުން ހަދާފައިވާ ހަޓުތަކާއި އެނޫން ތަންތަން ނައްތާލައި އެތަންތަން އާއްމުކޮށް ހުޅުވާލުމަށް ފުލުހުން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީއާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާ އެކު ފުލުހުން މިއަދު ބޭއްވި ބައްދަލުވުމުގައި އެފަދަ ތަންތަން ނައްތާލުމާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. އެ ބައްދަލުވުމުގައި މާލޭ ސިޓީކައުންސިލާއި ހައުސިން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީން ވެސް ވަނީ އެފަދަ ތަންތަން ނައްތާލައި އެތަންތަނަކީ ޒުވާނުން ފައިދާ ހުރި ގޮތުގައި ކުޅިވަރު ކުޅުމަށާއި އެއްވެ އުޅުމަށް ބޭނުންކުރާ ސަރަޙައްދުތަކަށް ހެދުމަށް ފުލުހުން ފަށާފައިވާ މަސައްކަތުގައި އެ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.
އެ މަސައްކަތް ކުރުމުގައި އެ ފަރާތްތަކުގެ އެއްވެސް ހުރަސްއެޅުމެއް ނޯންނާނެކަމުގެ ޔަގީންކަން ވެސް އެފަރާތްތަކުން ވަނީ ފުލުހުންނަށް ދީފަ އެވެ.
މާލޭގެ ބައެއް ސަރަޙައްދުތަކުގައި ހަޓު ފަދަ ތަންތަން ހަދައި ދަނޑުހައްދައި ވިޔަފާރީގެ ގޮތުގައި އެފަދަ ތަންތަން ބޭނުންކުރަމުންދަނީ ވަކި ފަރާތެއްގެ ހުއްދަ އޮވެގެން ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.
މީގެ އިތުރުން ބައެއް ސަރަޙައްދުތަކުގައި ކުޅިވަރު ދަނޑުތައް ހަދައިގެން ވަކި ބަޔަކު އެތަންތަނުގައި ބާރުގަދަކޮށް ކުއްޔަށްދީގެން މަންފާ ހޯދަމުންދާކަން ފުލުހުންނަށް ފާހަގަ ކުރެވިފައިވާތީ އެފަދަ ދަނޑުތަކާއި ކޯޓު ފަދަ ތަންތަނަކީ ވެސް ކޮންމެ ޒުވާނަކަށް ވެސް އަދި ކޮންމެ އުމުރުފުރާއެއްގެ މީހަކަށް ވެސް ބޭނުންކުރުމުގެ ފުރުސަތު އޮންނަ ތަނަކަށް ހަދަން ބޭނުންވާ ކަންވެސް ހުރިހާ ފަރާތްތަކުން އެ ބައްދަލުވުމުގައި ފާހަގަ ކުރި އެވެ.
ފާއިތުވި ހަފްތާތެރޭގައި މާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި ބައެއް މާރާމާރީތައް ހިންގާފައި ވަނީ ވެސް އެފަދަ ބައެއް ސަރަޙައްދުތަކުގައި ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.