ސަރުކާރުގެ މަސް ކުންފުންޏެއް ކަމަށްވާ ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްއަށް ރާއްޖޭގެ މަސްވެރިން އަތުން މަސް ގަންނަ އަގު އަނެއްކާވެސް ބޮޑުކޮށްފި އެވެ.

ކޫއްޑޫއިން މިއަދު ބުނީ މިއަދުން ފެށިގެން 0.5 ކިލޯއިން 1.5 ކިލޯގެ ފިނިކުރި ކަނޑުމަސް ކިލޯއެއް 10 ރުފިޔާއަށް ގަންނަން އެ ކުންފުނިން ނިންމާފައި ވާއިރު އެ ބާވަތުގެ ފިނި ނުކުރާ މަސް ކިލޯއެއް ގަންނަނީ އަށް ރުފިޔާއަށް ކަމަށެވެ. އަދި 1.5 ކިލޯއަށްވުރެ ބަރު ފިނިކުރި ކަނޑުމަސް ކިލޯއެއް 19 ރުފިޔާއަށް ގަންނަން ނިންމާފައި ވާއިރު އެބާވަތުގެ ފިނި ނުކުރާ މަސް ކިލޯއެއް ގަންނަނީ 17 ރުފިޔާ އަށެވެ. އަދި 12 ކިލޯއަށް ވުރެ ބަރު ފިނިކުރި ކަންނެލި ކިލޯއެއް 22 ރުފިޔާއަށް ގަންނަ އިރު އެބާވަތުގެ ފިނި ނުކުރާ މަސް ކިލޯއެއް ގަންނަނީ 20 ރުފިޔާއަށް ކަމަށް ވެސް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އިން ބުންޏެވެ.

އެ ބަދަލާއެކު ބައި ކިލޯއާއި ދޮޅު ކިލޯއާއި ދެމެދުގެ ފިނި ކުރި ކަޅުބިލަ މަހުގެ ކިލޯއެއް 3.50 ރުފިޔާ ގަންނައިރު އެއީ ޓަނަކުން 3500 ރުފިޔާ އެވެ. އެ ބާވަތުގެ ފިނި ނުކުރާ މަސް ކިލޯއަކުން ވަނީ 2.50 ރުފިޔާ ބޮޑުކޮށްފަ އެވެ. އެއީ ޓަނަކުން 2500 ރުފިޔާ އެވެ.

ކޫއްޑޫއިން ބުނީ ދޮޅު ކިލޯއިން ދަށުގެ މަސް ގަންނަ އަގު ބޮޑުކުރީ މަސްވެރިކަން ދަށް ދުވަސްތަކުގައި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކަމަށެވެ. އަދި އެއީ މަސްވެރިން މަހަށް ދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކޫއްޑޫއިން ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެސް މަސް ގަންނަ އަގު ބޮޑުކޮށްފަ އެވެ.

އެގޮތުން އެފަހަރު މަސް ގަންނަމުން އައި އަގު ކިލޯ އަކުން 50 ލާރި އަގު ބޮޑުކޮށްފައި ވެއެވެ. އެއީ ޓަނަކުން 500 ރުފިޔާ އެވެ.