އިސްރާއީލުން ހިންގި އުދުވާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް ސަން މީޑިއާ ގްރޫޕްގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ހަދިޔާ ކުރަން އެގްރޫޕުން ނިންމައިފި އެވެ.

ސަން މީޑީއާ ގްރޫޕްގެ މެނޭޖްމަންޓުން މިގޮތަށް ނިންމުމުން، އެ މީޑިއާ ގްރޫޕްގެ ކުޑައިގެ ދަށުގައިވާ، ސަން ޓީވީ އާއި، ސަން މަޖައްލާ އާއި ސަން އެފްއެމްގެ އިތުރުން ސަން އޮން ލައިން ހިމެނޭގޮތަށް މުޅި މީޑީއާ ގްރޫޕްގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ޣައްޒާ ރައްޔިތުންނަށް ހަދިޔާ ކުރެވޭނެ އެވެ.

ސަން މީޑިއާ ގްރޫޕްގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ، ހާލުގައި ޖެހިަފއިވާ ޣަައްޒާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން އެ މީޑިއާގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހަދިޔާކުރަން ނިންމީ، މުވައްޒަފުންގެ ފަރާތުން އިސްނަގައި މެނޭޖްމަންޓުގައި އެދުމުން ކަމަށެވެ.

ޣައްޒާގެ ރައްޔިތުންނަށް ފައިސާގެ މިއެހީ ދިނުމަށް ނިންމި އިރު ސަން މީޑިއާ އިން ދަނީ، އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާ ތަކުގެ ސަބަބުން ޣައްޒާގައި އަނިޔާލިބި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގެ މީޑީއާ އިސްނަގައިގެން ކުރަމުން ގެންދާ މަސައްކަތުގައި ވެސް އަމަލީގޮތުން ބައިވެރިވަމުންނެވެ.

ސަން މީޑިއާގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ޣައްޒާ ރައްޔިތުންނަށް ހަދިޔާ ކުރަން ނިންމި ނިންމުމަށް މުވައްޒަފުންގެ ފަރާތުން ދީފައިވާ އެއްބާރުލުމަށް ސިނާން ޝުކުރު އަދާކުރެއްވިއެވެ.

ޣައްޒާގައި އިސްރާއީލުން ހިންގި އަނިޔާވެރި އުދުވާނަށް 28 ދުވަސް ފަހުން ވަގުތީ ގޮތުން ހުއްޓައިލި އިރު އަނިޔާވެރިކަމުގައި ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 2000އާ ގާތްކުރެއެވެ. އަދި ހަމަލާތަކުގައި އަނިޔާލިބި ޒަޚަމްވެފައިވާ މީހުންގެ އަދަދު 10000އާ ގާތްކުރާއިރު، މަޖުބޫރީ ހާލަތުގައި ގެދޮރު ދޫކޮށް އެކި ތަންތަނަށް ރައްކާތެރިކަން ހޯދަން ގޮސްފައިވާ މީހުންގެ އަދަދު 200،000އާއި ގާތްކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.