ފިޝަރީޒް މިނިސްޓްރީގެ 2009 ވަނަ އަހަރުގެ ކޮމްޕްލެއިންސް އޮޑިޓް ކުރުމަށްޓަކައި ބޭނުންވާ ހުރިހާ ހިސާބުތަކެއް ފޮނުވާފައިވާނެ ކަމަށާއި އޮޑިޓެއް ހުއްޓާލަން ޖެހޭނީ ހިސާބުތައް ނުލިބިގެން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީން އެހެން ބުނެފައި ވަނީ، 2009 ވަނަ އަހަރުގެ ކޮމްޕްލެއިންސް އޮޑިޓް ކުރުމަށްޓަކައި ބޭނުންވާ ލިޔުންތައް ހޯދުމަށް އެދުމުން އެ ލިޔުންތައް ދީފައިނުވާތީ އޮޑިޓް ނުކުރެވިފައި ވާކަމަށް އޮޑިޓް އޮފީހުން ބުނެފައިވާތީ އެވެ.

ފިޝަރީޒް މިނިސްޓްރީގައި މިއަދު އޮތް ޕްރެސް ކޮންފަރެންސެއްގައި، އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަބްދުއްﷲ ނަސީރު ވިދާޅުވީ، އޮޑިޓަށް ބޭނުންވާ ހުރިހާ ހިސާބުތަކެއް އޮޑިޓް އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.

"އޮޑިޓާ ޖެނެރަލް އެންމެ ފުރަތަމަ އެދިވަޑައިގަތީ 29 އޮގަސްޓް 2013ގައި މިނިސްޓްރީގެ މާލީ ރިޕޯޓްތައް ފޮނުވައިދެއްވަން. އެ ހުރިހާ ރިޕޯޓްތައް އަޅުގަނޑުމެން ވާނީ ފޮނުވައިދީފައޭ. އެއަށްފަހު ހޯއްދަވަން ވިދާޅުވަނީ އެއާގުޅޭ ޕޭމަންޓް ވައުޗާތައް. އޭގެތެރެއިން 49 ވައުޗާގެ ތެރެއިން 43 ވައުޗާއެއް ވަނީ ހޯދާދެވިފައި. ދެން ހޯއްދަވަން އެދިވަޑައިގެންނެވި ލިޔުންތަކުގެ ތެރެއިން ބައެއް ލިޔުންތައް ނެތީ،" އަބްދުއްﷲ ނަސީރު ވިދާޅުވި އެވެ.

އެގޮތުން، 2009 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި ހަރަދު ރިޕޯޓްތަކާއި ފާސްވި ބަޖެޓާއި އާމްދަނީ ރިޕޯޓްތަކާއި ޕޭމަންޓް ވައުޗާ ރެޖިސްޓްރީ އާއި ސަބްސިޑީ އާއި ބެހޭ ގަވާއިދު ވެސް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ، އޮޑިޓަރު ޖެނެރަލް އެދިވަޑައިގަތް ލިޔުންތަކުގެ ތެރެއިން ނުފޮނުވި ހުންނާނީ ބައެއް ލިޔުންތަކުގެ ވެރިފިކޭޝަން ލިޔުންތައް ކަމަށެވެ. އޭގެ ތެރޭގައިވެސް ހިމެނޭނީ، މިނިސްޓްރީން ރާއްޖޭން ބޭރަށް ކުރައްވާފައިވާ 10 ވަރަކަށް ދަތުރު ރިޕޯޓްގެ ވެރިފިކޭޝަން ލިޔުންތަކާއި އަދިވެސް ކުދިކުދި ލިޔުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވެސް ނުފެންނަ އޮޑިޓެއް ނުއެއްދެވޭނެ. ދަތުރު ރިޕޯޓެއް ދަތުރު ކުރެއްވި ބޭފުޅަކު ހުށަނާޅުއްވާ ކަމަށްވާނަމަ، އެޔެއް ހުށައެއް ނޭޅޭނެ. އެ ނެތިއްޔާ އެ ނެތުމާއި އެކު އެކަން ރަނގަޅުކުރަން ދެންޖެހޭނީ އޮޑިޓް ނިންމާލާފައި އެކަމެއް ކުރި ބަޔަކާ ދޭތެރޭގައި އިދާރީ ފިޔަވަޅެއް އަޅާފައި އެކަން ކުރިއަށް ގެންދަން ޖެހޭނީ،" ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ، ފިޝަރީޒް މިނިސްޓްރީން އެއްވެސް ކަމެއް ފޮރުވަން ނެތް ކަމަށެވެ. އެގޮތުން، 2007 ވަނަ އަހަރުން ފެށިގެން، 2009 ވަނަ އަހަރާއި ހަމައަށް އޮޑިޓް ނިމިފައިވާއިރު، 2010 އިން ފެށިގެން 2013 ވަނަ އަހަރު އޮޑިޓް ވެސް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮޑިޓް އޮފީހުން މާލިއްޔަތު ކޮމެޓީއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެ މައުލޫމާތުތައް ހޯދުމަށް ފިޝަރީޒް މިނިސްޓްރީއަށް ލިޔުމުން ވެސް އެ މައުލޫމާތުތައް ލިބިފައި ނުވާތީ އެ މަސައްކަތް ކުރިއަށް ނުގެންދެވިގެން ހުއްޓާލާފައިވާ ކަމަށެވެ.

ލިޔުންތައް ހޯދުމަށް މަސައްކަތްކުރުމުން އެ ލިޔުންތައް ވަނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ފަޅުރަށެއް ކަމުގައިވާ މަނިޔަފުއްޓަށް ފޮނުވާފައިކަމަށް ވުމުން އެލިޔުންތައް ހޯދުމަށް ދަތިތަކަކާ ކުރިމަތިވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވާކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ.