06 Aug 2014, 12:48
ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ)އަށް ދާން ބޭނުންވާ ދިވެހިން އެގައުމުން ވިސާ ހޯދުމަށް ފޯމް ހުށަހެޅުމަށް ރާއްޖޭގައި ހުޅުވާލާ ފުރުސަތު މިމަހުގެ 27 ވަނަދުވަހު އޮންނާނެ ކަމަށް ބްރިޓިޝް ހައިކޮމިޝަނުން ބުނެފި އެވެ.
ހައިކޮމިޝަނުން މިއަދު ބުނީ، މިދިޔަ އަހަރުން ފެށިގެން ހިންގަމުން އަންނަ އެއް ދުވަހުގެ ވިސާ ސެންޓަރު މިމަހުގެ 27 ވަނަ ދުވަހު ހެނދުނު 9.00 އިން ރޭގަނޑު 7.00 އަށް ފޮރިން މިނިސްޓްރީގައި ހުޅުވާފައި ހުންނާނެ ކަމަށެވެ. އަދި ބުނީ އެއީ ދިވެހިން ރާއްޖޭގައި ތިބެގެން ވިސާ އެޕްލިކޭޝަން ފޯމާއި ބަޔޯމެޓްރިކް ޑޭޓާ ހުށަހަޅާނެ ފުރުސަތު ދިނުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
ޔޫކޭއަށް ދިއުމަށް ވިސާ ހޯދުމަށް ދިވެހިން އާއްމުކޮށް ފޯމް ހުށަހަޅަނީ އަވަށްޓެރި އިންޑިއާގެ ޗެންނާއީގައި ހުންނަ މިޝަންއާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ މިޝަން އަށެވެ.
ފޯމު ބަލައިގަތުން މިމަހު އޮންނާނެކަން ފޮރިން މިނިސްޓްރީން ކުރިން ވަނީ އިއުލާންކޮށްފައެވެ. އެ އިއުލާންގައި ބުނެފައި ވަނީ ވިސާ ދިނުމުގެ ހިދުމަތް މާލެއިން ދިނުމަށް ހަމަޖައްސާފައި ވަނީ އިނގިރޭސި ހައިކޮމިޝަނާއި ވީއެފްއެސް ގްލޯބަލް ގުޅިގެން ކަމަށެވެ.