06 Aug 2014, 12:29
ރާއްޖެއަށް ހާއްސަކޮށްގެން އޮސްޓްރޭލިއާގައި ކާރިސީ ހިރާސް ކުޑަކުރުން ނުވަތަ "ޑިޒާސްޓާ ރިސްކް ރިޑަކްޝަން" ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.
އޮސްޓްރޭލިއާގެ ބްރިސްބަންގައި ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމަކީ އޮސްޓްރޭލިއާގެ އެހީގައި ރާއްޖޭގެ ޑީޒާސްޓާ މެނޭޖްމަންޓް ސެންޓަރާއި އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީއާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ކާރިސީ ހިރާސް ކުޑަކުރުމާ ގުޅޭގޮތުންނާއި ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތް ބައިވެރިންނަށް ދަސްކޮށްދޭނެ އެވެ. އަދި އޮސްޓްރޭލިއާގައި މި ދާއިރާއިން ކޮށްފައިވާ މަސައްކަތްތުގެ މައުލޫމާތު ހިއްސާކޮށް އެފަދަ މަސައްކަތް ކުރާތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުން ހިމެނެ އެވެ.
މީގެއިތުރުން ލީޑާޝިޕާއި ކަންކަން ރާވައި ހިންގާނެ ގޮތް ބައިވެރިންނަށް ދަސްކޮށްދޭނެ އެވެ. އެގޮތުން ތަމްރީން ޕްރޮގްރާމްގެ ބައިވެރިން އޮސްޓްރޭލިއާގެ ތަފާތު ސަރަހައްދުތަކަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކުރާނެ އެވެ. އޭގެ ތެރޭގައި ބްރިސްބަންގެ އިތުރުން ކެމްބަރާ އާއި ޓައުންވިލް ހިމެނެ އެވެ.
އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ރާއްޖެއިން 14 ބައިވެރިއަކު ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ސަރުކާރާއި އަމިއްލަ ޖާމާއަތްތަކުގެ އިތުރުން ބައެއް މީޑީއާތައް ހިމެނެ އެވެ.