ގާނޫނާއި ހިލާފު އަމަލުތަކެއް ހިންގައިގާފައި ވާތީ ހަ ފުލުހަކު ވަޒީފާއިން ވަކި ކުރުމަށް 2012 ވަނަ އަހަރު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ހޯމް މިނިސްޓްރީއަށް އެންގި، ނަމަވެސް ވަޒީފާއިން ވަކި ކޮށްފައި ވަނީ އެންމެ ފުލުހެއް ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުން މަޖިލީހަށް ހާޒިރުވެވަޑައިގެން ބައެއް މެމްބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން ބަންޑާރަ ނައިބު ވިދާޅުވީ ހަތެއް ފެބްރުއަރީ 2012 ގައި ވެރިކަން ބަދަލުވުމުގެ ތެރޭގައި ފުލުހުން ހިންގާފައިވާ އަމަލުތަކާ ގުޅޭ ގޮތުން ޕީއައިސީއަށް ހުށަހެޅުނު 45 މައްސަލައެއް ބަލާފައިވާ ކަމަށެވެ. އޭގެ ތެރެއިން ނުވަ މައްސަލައަކީ ފުލުހުންގެ ވަޒީފާގައި ތިބި މީހުންގެ މައްސަލަތައް ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

"ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން މައްސަލަ ބެލުމަށްފަހުގައި މޯލްޑިވްސް ޕޮލިސް ސާވީސްގެ ވަޒީފާގައި ބެހެއްޓުމަށް އެކަށީގެންނުވާ ކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒަށް އެންގުމަށް ކޮމިޝަނުން ނިންމުމާއި ގުޅިގެން، އެކަން ހޯމް މިނިސްޓްރީއަށް އެންގުނު. އަދި އެ ފުލުހުންނާ މެދު ފިޔަވަޅު އެޅުމަށް އެ ކޮމިޝަނުން ހޯމް މިނިސްޓްރީއަށް އެންގުމާއި ގުޅިގެން އެކަން ކުރުމަށް ހޯމް މިނިސްޓްރީން ވަނީ 2012 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ސާވީސްއަށް އަންގާފައި. އަދި ހޯމް މިނިސްޓްރީގެ އެންގުމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވީސްގެ ޑިސިޕްލިނަރީ ކޮމެޓީން ބެއްލެވުމަށްފަހު އެއް ފުލަހަކު ވަޒީފާއިން ވަކި ކުރުމަށް ނިންމުނު،" ބަންޑާރަ ނައިބު އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ވަޒީފާއިން ވަކިނުކޮށް ތިބި ފަސް ފުލުހުންނާއި ބެހޭ ގޮތުން ޕޮލިސް ޑިސިޕްލިނަރީ ކޮމެޓީން ނިންމާފައި ވަނީ އެމީހުން ވަޒީފާއިން ވަކި ކުރަން ޖެހޭ ވަރުގެ ހެކި ނެތުމުން އެމީހުންނާ މެދު ޝަރީއަތުން ގޮތެއް ނިންމަންދެން ވަޒީފާގައި ބޭތިއްބުމަށް ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ހަތަރު ފުލުހަކު ފްރޮންޓް ލައިނަށް ނުނިކުމެވޭ ގޮތައް ހަމަ ޖެއްސުމަށްފަހު އެމީހުންގެ ޑިޕާޓްމަންޓް ބަދަލު ކޮށްފައިވާ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

ބަންޑާރަ ނައިބު އިތުރަށް ވިދާޅުވީ ފުލުހުންގެ ވަޒީފާއިން ވަކި ކުރުމަށް ހޯމް މިނިސްޓްރީއަށް ލަފާ އެރުވުމުގެ އިތުރުން އެ ހަ ފުލުހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަތަރު ފުލުހެއްގެ ފަސް މައްސަލައެއް ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން ފޮނުވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން އެކަކުގެ މައްސަލަ ކްރިމިނަލް ކޯޓުން ނިމި ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާކަން ވެސް ބަންޑާރަ ނައިބު ފާހަގަ ކުރެއްވެވި އެވެ.

މިއަދު މަޖިލިސް ޖަލްސާގައި ބަންޑާރަ ނައިބު އަނިލް އާ ސުވާލު ކުރުން އޮތީ އިންކުއަރީ ކޮމިޝަނުން އެދިފައިވާ ގޮތަށް ފުލުހުންނާ މެދު ތަހްގީގު ހިންގުމާ ގުޅޭ ގޮތުން ކަމަށްވާތީ މައުލޫމާތު ނުގުޅޭ ސުވާލަކަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި މައްސަލަ ތަހްގީގު ކުރި ނޭޝަނަލް އިންކުއަރީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ފުލުހުން ހިންގާފައިވާ އަނިޔާވެރި އަމަލުތަކާ ގުޅިގެން ކުރެވޭ ޝަކުވާތަކުގެ މައްސަލަ ތަހްގީގުކޮށް ފުލުހުންނާއި މެދު ފިޔަވަޅުތަކެއް އެޅުމުގެ ބޭނުންތެރިކަން އެބަ އޮތް ކަމަށް ބުނެފައިވާ ކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ކޯނީ ރިޕޯޓްގައި ބަންޑާރަ ނައިބު ކުރައްވަން ޖެހޭ ހާއްސަ ކަމެއް ބަޔާންކޮށްފައިނުވާ ކަމަށެވެ.