06 Aug 2014, 10:50
ރާއްޖޭގައި ސިކުނޑިއާއި ނާރުގެ ސާޖަރީތައް ހަދަން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ ކަންތައްތައް ބަލައި ދިރާސާ ކުރަން ފަށައިފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ސިކުނޑިއާއި ނާރުގެ ސާޖަރީތައް ހެދުމަށް ވާންޖެހޭ ތައްޔާރީތައް ދެނެގަނެ، ކުރަން ޖެހޭ މަސައްކަތްތައް އެކުލަވައިލަން ފަށާފައިވާ ކަމަށެވެ. އަދި ބުނީ އެ މަސައްކަތް ފެއްޓެވީ އެކަމަށް ޓަކައި ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ލިތުއޭނިއާގެ ދެ ޕްރޮފެސަރުން ކަމަށެވެ.
މިނިސްޓްރީން ބުނީ އެ ދިރާސާ ކުރައްވަން ރާއްޖެއަށް ވަޑައިގެންނެވީ ލިތުއޭނިއާގެ ޔުނިވަސިޓީގެ ހެލްތު ސައިންސަސްގެ ޕްރޮފެސަރް އަރިމަންތާސް ތަމަސައުސްކާސް އާއި ޕްރޮފެސަރް މިޓެނިސް ޑެލްޓޫވާ ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެހީތެރިކަމާ އެކު ރާއްޖެއަށް ގެންނެވި އެ ދެބޭފުޅުން މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ބުންޏެވެ. ދެ ޕްރޮފެސަރުން މަސައްކަތް ކުރައްވާނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ހުޅުމާލޭ ހޮސްޕިޓަލާއި އައްޑޫސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގަ އެވެ.
އެ ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރައްވައި ސިކުނޑިއާއި ނާރުގެ ސާޖަރީތައް ހެދުމުގެ ހިދުމަތް، ރާއްޖޭގައި ގާއިމްކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ހެލްތު މިނިސްޓްރީއަށް ފާހަގަކޮށް ދެއްވާނެ އެވެ. އެ ދެ ބޭފުޅުން ރާއްޖޭގައި ތިއްބަވާ މުއްދަތުގައި ކުރައްވާނެ އަނެއް މަސައްކަތްޕުޅަކީ ރާއްޖޭގައި ތިބި ސިކުނޑީގެ އޮޕަރޭޝަންތައް ކުރަން ޖެހޭ ބަލިތަކުގެ މީހުންނާއި ނާރުގެ އޮޕަރޭޝަންތައް ކުރަން ޖެހޭ ބަލިތަކުގެ މީހުން ބެއްލެވުމެވެ. އަދި އަނެއް މަސައްކަތްޕުޅަކީ ހިދުމަތުގައި ތިއްބެވި ޑޮކްޓަރުންނަށް ކަމާ ބެހޭ ތަމްރީނުދެއްވައި ހިދުމަތް ގާއިމްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ޑޮކްޓަރުންނަށް ލިތުއޭނިއާގެ ޔުނިވަސިޓީ އޮފް ހެލްތު ސައިންސަސްގެ ހޮސްޕިޓަލުގައި ނިއުރޯސާޖަރީގެ ދާއިރާއިން ފެލޯޝިޕް ފުރުސަތު ދެއްވާނެ ކަމަށް ދެ ޕްރޮފެސަރުން ވިދާޅުވި ކަމަށް މިނިސޓްރީން ބުންޏެވެ. އަދި ވޯލްޑް ފެޑެރޭޝަން އޮފް ނިއުރޯ ސާޖަންސްގެ އެހީތެރިކަމާއެކު ރާއްޖެއަށް ބޭނުންވާ މުހިއްމު އިކްއިޕްމެންޓް ހޯއްދަވައިދެއްވާނެ ކަމަށް ވެސް އެބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
ބޭސްވެރިކަމުގެ ދާއިރާއިން ލިތުއޭނިއާގައި ޕޯސްޓް ގްރެޖުއޭޓް އަދި އަންޑަ ގްރެޖުއޭޓް ކޯސްތައް ހެދުމަށް ރާއްޖެއަށް ފުރުސަތުތައް ހޯއްވައިދެއްވުމަށް ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވަނީ އެ ދެ ބޭފުޅުން އަރިހު ދަންނަވާފަ އެވެ.
ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތައް ކުރަން ޖެހޭ ފަދަ ބަލިތަކަށް ބޭސްކުރަން ރާއްޖޭގެ ގިނަ ބަޔަކު މިހާރު ރާއްޖޭން ބޭރަށް ދާން ޖެހޭ ކަމަށް މިނިސްޓްރީން ބުންޏެވެ.