ގުދުސް (އޮގަސްޓް 6): ޣައްޒާއާ ދެކޮޅަށް އިސްރާއީލު ކުރަމުންގެންދާ ހަނގުރާމައިގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ މައްޗަށް ކާމިޔާބު ހޯދިފައިވާކަން ކަށަވަރު ނުވާ ކަމަށް އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެ ވަޑައިގެންފި އެވެ.

އިސްރާއީލާއި ފަލަސްތީނުގެ މުޖާހިދުން 72 ގަޑިއިރަށް ހަމަލާތައް މެދުކަނޑާލުމާ ގުޅިގެން ނަތަންޔާހޫ ވިދާޅުވީ ހަމާސް ޖަމާއަތުގެ ސްޓްރެޓީޖިކް އަސްކަރީ އޮނިގަނޑަށް ވަރުގަދަ ހަމަލާތަކެއް އިސްރާއީލުގެ ލަޝްކަރުތަކުން އަމާޒުކުރި ކަމަށާއި ނަމަވެސް އިސްރާއީލު ބޭނުންވާ ކާމިޔާބީ ހާސިލް ކުރެވުނުކަން ސާފުކުރެވިފައި ނެތްކަމުގައެވެ.

ޣައްޒާގައި ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުންގެންދާ ގަތުލުއާންމުތަކުގެ ލަނޑުދަނޑިއަކީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ މުޖާހިދުންގެ ރޮކެޓް ހަމަލާތައް ހުއްޓުވުމުގެ އިތުރުން މުޖާހިދުންގެ އަތުން ހަތިޔާރުތައް ނިގުޅައިގަތުން ކަމަށް ނަތަންޔާހޫ ތަކުރާރުކޮށް އިޢްލާން ކުރައްވާފައިވެ އެވެ.

ނަމަވެސް 72 ގަޑިއިރަށް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރުމުގެ ތަންކޮޅެއް ކުރިން ވެސް ފަލަސްތީނުގެ މުޖާހިދުން ވަނީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ރައްދު ދިނުމުގެގޮތުން 25 ރޮކެޓް އިސްރާއީލުގެ ރަށްތަކަށް ފޮނުވާލާފަ އެވެ. އެހެންކަމުން 29 ދުވަހުގެ ހަނގުރާމައަށްފަހު 72 ގަޑިއިރަށް ހަމަލާތައް މެދުކަނޑާލާފައި އިސްރާއީލު ސިފައިން ޣައްޒާއިން އެއްކޮށް ފޭބި އިރު ވެސް ހަމާސް ޖަމާއަތުން އިސްރާއީލަށް ދޭ ރޮކެޓް ހަމަލާތައް އެއްވެސް ވަރަކަށް ހުއްޓުވިފައެއް ނުވެއެވެ. އަދި ރޮކެޓް ފޮނުވާ މިންވަރަށް ވެސް ބަދަލެއް އައިސްފައިނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޣައްޒާއަށް އެއްގަމު މަގުން އަރައިގަނެގެން ވެސް ހަމާސްގެ މުޖާހިދުން ގެ ސްޓްރެޓީޖިކް މަރުކަޒުތަކާއި ހަތިޔާރުގެ ގުދަންތަކާ ހަމައަށް އިސްރާއީލު ސިފައިންނަށް ވާސިލް ވެވިފައެއް ނުވެއެވެ.

މީގެއިތުރުން ހަމާސްގެ އިސްވެރިންނާއި ކޮމާންޑަރުން ޝަހީދުކޮށްލާނެ ކަމުގެ އިންޒާރުތައް ދިންނަމަވެސް އެކަން ވެސް އިސްރާއީލަށް ކުރެވިފައެއް ނުވެއެވެ. އެހެންކަމުން އެމެރިކާގައި އުފައްދާ އެންމެ ޒާމާނީ އަސްކަރީ އާލާތްތަކާއެކު ފަލަސްތީނުގެ މުޖާހިދުންނާ ދެކޮޅަށް 29 ދުވަސްވަންދެން ހަނގުރާމަ ކުރިއިރުވެސް މިހަނގުރާމައިގެ ލަނޑުދަނޑިތައް ކަމަށް އިސްރާއީލު ގެ ހަރުކަށި ބޮޑުވަޒީރު އިއްލާންކުރެއްވި އެއްވެސް ލަނޑުދަނޑިއެއް އިސްރާއީލަށް ހާސިލް ކުރެވިފައި ނުވާކަން ހާމަވެގެން ގޮސްފައިވެ އެވެ.

ނަތަންޔާހޫ ވަނީ ޣައްޒާގެ ހަނގުރާމައިގައި، ފަލަސްތީނު މުޖާހިދުން ބިމު އަޑީގައި ބިނާކޮށްފައިވާ ބިންގަރާސްތަކުގެ ތެރެއިން 30 ބިންގަރާސް ހަލާކުކޮށްލެވުނު ކަމަށް ބުނެފަ އެވެ. ނަމަވެސް އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތުން ވަނީ މިއީ ހަމައެކަނި ނަތަންޔާހޫގެ ހުވަފެނެއް ކަމަށާއި އެ ޖަމާއަތުގެ އަސްކަރީ ސްޓްރެޓީޖިކް އެއްވެސް މަރުކަޒެއް ހަލާކުކޮށްލުމުގައި ނަތަންޔާހޫގެ ސިފައިން ނާކާމިޔާބުވެފައިވާ ކަމަށް ބުނެ އޭނާގެ ހަރުކަށިކަމަށް ގޮންޖަހާފަ އެވެ.

ޣައްޒާގައި އިސްރާއީލު ސައްތައިން ސައްތަ ފޭލް ވެފައި ވާ ކަމަށްވެސް ހަމާސް އިން ބުނެފައިވެ އެވެ. އަދި 72 ގަޑިއިރަށް ހަމަލާތައް ހުއްޓާލުމަށްފަހު އިސްރާއީލު ސިފައިން ޣައްޒާއިން ރޭގަނޑުގެ ދަންވަރުގެ ވަގުތުތަކުގައި ފިލީ ކަމަށްވެސް ހަމާސްއިން ބުނެފައިވެ އެވެ.

ހަމާސްގެ ތަރްޖަމާން ސާމީ އަބޫޒަހްރީ ވިދާޅުވީ ހަމާސްއާއި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުގެ މުޖާހިދުން ތިބީ ބާރުގަދަ ހާލަތެއްގައި ކަމަށާއި މުޖާހިދުންގެ ސްޓްރެޓީޖިކް ދިފާޢީ އެއްވެސް މަރުކަޒަކަށް އިސްރާއީލަށް ކުޅެވިފައިނުވާ ކަމުގަ އެވެ.
ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނިމުމަކަށް ގެންނަންދެން އިސްރާއީލަށް ރޮކެޓް ހަމަލާތައް ދިނުމަށް މުޖާހިދުން އަދިވެސް ތިބީ ތައްޔާރަށް ކަމަށާއި މިކަމުގެ ގާބިލްކަމަށް ކުޑަވެސް އުނިކަމެއް ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަނގުރާމައިގެ ކުޅިފަސް ހޯދީ މުޖާހިދުން ކަމަށްވެސް އަބޫޒަހްރީ ވިދާޅުވިއެވެ.

ހަމަލާތައް މެދުކަނޑާލައި ޣައްޒާއިން ފޭބުމުގެ ކުރިން އިސްރާއީލު ވަނީ ޣައްޒާގެ ހަނގުރާމައިގައި އިސްރާއީލު ސިފައިންގެ 65 މީހުން ތިން ހަފްތާ ތެރޭގައި މުޖާހިދުންގެ އަތްދަށުން މަރުވެ ހަތަރު ސަތޭކައަށްވުރެ ގިނަ ސިފައިން ޒަޚަމްވި ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އިސްރާއީލު ސިފައިންގެ 160 މީހުން މަރާލައި 10 ހާހަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވާނެ ކަމަށް ހަމާސްއިން ބުނެފައިވެ އެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މުޅިން ކަހަލަ ގޮތަކަށް ޝަހީދުކޮށްލާފައި ވަނީ ހަތިޔާރުނެތް ފަލަސްތީނުގެ އާންމުން ކަމަށާއި މީގެތެރޭގައި ވެސް ގިނައީ އަންހެނުންނާއި ކުޑަކުދީން ކަމަށް ފަލަސްތީނުން ބުނެއެވެ. މިގޮތުން އިސްރާއީލުން 1800 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށް ނުވަ ހާހަށްވުރެ ގިނަމީހުން ޒަޚަމްކޮށްލާފައި ވާއިރު ޝަހީދުކޮށްލި މީހުންގެ ތެރޭގައި ހިމެނެނީ މުޖާހިދުންގެ ދުއިސައްތައެއްހާ މީހުން ކަމަށް ފަލަސްތީނުގެ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުންވަނީ ހަމަލާތައް މެދުކަނޑާލުމާއެކު ޣައްޒާއިން އިސްރާއީލު ސިފައިންވެސް ބާލާފަ އެވެ. ޣައްޒާއަށް އަރައިގަތުމަށް މަސައްކަތްކުރި ޔަހޫދީ ސިފައިންނަށް އަމާޒުކޮށް މުޖާހިދުން ދެމުންގެންދިޔަ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތެރޭގެ ސަރަހައްދުތަކަށް އެމީހުންނަށް ވާސިލް ވެވިފައެއް ނުވެއެވެ. އެމީހުން އެނބުރުނު ކަމަށްވަނީ ޣައްޒާގެ އަރިމަތީ ހޭޅިފަށުގެ ސަރަހައްދުތަކުގަ އެވެ. (އަލްޖަޒީރާ)