06 Aug 2014, 10:28
ލ. ގަން ތުނޑި، ވުޑްލޭންޑު އަހްމަދު ނިޒާރު މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންނަށް ތަފްސީލީ ގޮތެއްގައި ދައުވާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން ދީފި އެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ މުހުތާޒު ފަހުމީ ވަނީ ދައުލަތުގެ ފަރާތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ތިން މީހުންނަށް ވެސް ދައުވާއަށް ތަފްސީލީގޮތެއްގައި ޖަވާބުދާރީވުމަށް ފުރުސަތުދެއްވާފަ އެވެ. އެހެންނަމަވެސް ދެން އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އޮންނާނެ ދުވަހެއް ގާޒީ ވިދާޅެއް ނުވެއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ ދިފާއީ ހެކި ހުށަހެޅުމަށް ދައުވާ ލިބޭ ތިން މީހުންނަށް ފުރުސަތު ދެއްވާފަ އެވެ. އެގޮތުން މާދަމާގެ ނިޔަލަށް ލިޔުމުން ދިފާއީ ހެކި ހުށަހަޅަން ޖެހޭނެ ކަމަށް އެމީހުންނަށް އެންގެވި އެވެ.
ނިޒާރު މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ލ. ގަން، މުކުރިމަގު، ދުނިފަރު، އަހްމަދު ޝުޖާއު،22، އާއި ހަމައެރަށު މުކުރިމަގު، ލައިޓްރޫމް، އަހްމަދު ސަބާހު،23، ގެ އިތުރުން މުކުރިމަގު، އަސްރަފީގޭ ހުސައިން ސާބިރު،22، ގެ މައްޗަށެވެ.
ނިޒާރު މަރާލާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ (15 ޖުލައި) ދަންވަރު 2:23 އެހައިކަންހާއިރު ގަމު ސިނާއީމަގުން ދެކުނުން އުތުރަށް އޭނާ ދަނިކޮށް، އެމަގުގެ ދިރާގު އެންޓަނާ ހުންނަސަރަހައްދާ ކައިރިން، އިތުރު ބަޔަކާ އެކު އެ ތިން އެމީހުން އެތަނަށް ގޮސް ލަކުޑިބުރިއާއި ދަގަނޑުބުރިން އޭނާއަށް ހަމަލާދިނުމުންނެވެ.
ފުލުހުން ބުނީ ނިޒާރު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށެވެ.
ކްރިމިނަލް ކޯޓަށް އެ މައްސަލަ ހުށަހެޅިފައިވާތާ އެތަކެއް ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ހަލުވި މިނެއްގައި އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުދާތީ ނިޒާރުގެ ޢާއިލާއިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ އަވަހަށް ނިންމައިދިނުމަށް ގޮވާލާފަ އެވެ.
ނިޒާރު މަރާލި މައްސަލައިގެ ހެކީންގެ ހެކިބަސް ނުނެގި ލަސްވަނީ ދައުވާ ލިބޭ ފަރާތްތަށް ދައުވާއަށް ޖަވާބުދާރީވުމަށްޓަކައި ބާއްވަންޖެހޭ ޝަރީއަތުގެ އަޑުއެހުން ނުބާއްވާތާ ގިނަ ދުވަސްތަކެއް ވާތީ އެވެ. ހެކިބަސް ނެގޭނީ އެ އަޑުއެހުން ބޭއްވުމަށްފަހު އެވެ. އެފަދަ މައްސަލަތައް ބެލުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އާދަޔާ ޚިލާފު ލަސްކަމެއް ގެންގުޅޭ ކަމަށް ގިނަ ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ ހެކިބަސްނެގުމުގެ މަރުހަލާ ލަސްވުމުގެ ސަބަބުން ހެކީންނަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިނގާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އޭނާ ވަނީ އެކަމުގެ ކަންބޮޑުވުންކަން ފާޅުކުރައްވައިފަ އެވެ.