މިދިޔަ އާދިއްތަ ދުވަހުގެ ރޭ 9:15 ގައި އަހަރެންގެ ފޯނަށް މެސެޖެއް އައެވެ. އެ މެސެޖްގައި ބުނެފައި ވަނީ "ގޭންގުތަކޭ ކިޔައިގެން މީޑިއާގައި ފާޑު ފާޑު ވާހަކަ ލިޔާކަމުގައި ވާނަމަ މަރާލާނަން!" ކަމަށެވެ. ފޮނުވި ފަރާތުގެ ނަންބަރެއް އެނގޭކަށް ނެތެވެ. އަހަރެން ނޫނަސް އެހެން ބައެއް ނޫސްވެރިންނަށް ވެސް އެ މެސެޖް ލިބުނު ކަމަށް ވެއެވެ. އެ މެސެޖްގެ އިތުރުން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ހޯމް މިނިސްޓަރުގެ ނަންބަރުން މަޖިލިސް ބައެއް މެމްބަރުންނަށް ވެސް އިންޒާރުގެ މެސެޖްތަކެއް ފޮނުވާފަ އެވެ. އަދި ހަމަ އެހެންމެ ބައެއް މަޖިލިސް މެންބަރުންނަށް ވެސް "މަރުގެ އިންޒާރާއެކު" މެސެޖްތައް ވަނީ ފޮނުވާފަ އެވެ. އަދި ބައެއް ސިޔާސީ ވެރިންގެ ނަމުގައި އެ ބޭފުޅުން ޕާޓީ ބަދަލުކުރާކަމަށް ބުނެ މެސެޖްތައް ފޮނުވުމަކީ ވެސް ކުރަމުންދާ ކަންކަމެވެ.

"އަންލިސްޓެޑް" ނަންބަރުން ފެށުނު މި ކުޅިގަނޑަކީ ކިތަންމެހާ ވެސް ސީރިއަސް އަދި ނުރައްކާތެރި ކަމެކެވެ. އަދި އެކަން ކުރާ ބަޔަކު ވަރަށް ފަސޭހަ ކަމާއެކު އެއްވެސް ހަރަދެއް ނުކޮށް ހިންގާ މި ޖަރީމާގެ ސަބަބުން އެތައް ބަޔަކަށް ވަނީ ނަފްސާނީ އަސަރުކޮށްފަ އެވެ. ހިތުގައި ބިރުވެރިކަން އުފެދިފަ އެވެ.

'ސަން މީޑިއާ'ގެ ސިސްޓަމް އެޑްމިނިސްޓޭޓަރު އަހުމަދު ހަސަން ވިދާޅުވި ގޮތުގައި "ފޭކް އެސްއެމްއެސް" ފޮނުވުމަކީ "އެސްއެމްއެސް ގޭޓްވޭ އެއް މެދުވެރިކޮށް" ކުރާ ކަމެކެވެ. އެކަން ކުރުމަށް ގިނަ ފަހަރަށް ބޭނުން ކުރަނީ ބޭރުގެ ގޭޓްވޭތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން އެފަދަ ގޭޓްވޭތައް މެދުވެރިކޮށް ބޭނުން ނަންބަރެއްގައި ނުވަތަ ބޭނުން ނަމެއްގައި އެއްފަހަރާ އެތައް ނަންބަރަކަށް މެސެޖްތައް ފޮނުވޭ ކަމަށް އަހުމަދު ވިދާޅުވި އެވެ.

"އެސްއެމްއެސް ގޭޓްވޭ ނަގާފައި ގިނަ ފަހަރަށް ހުންނަނީ ބޭރު ގައުމުތަކުން. އެ ގޭޓްވޭ މެދުވެރިކޮށް ބޭނުން ނަމެއްގައި ބޭނުން ނަމްބަރެއްގައި ބޭނުން ވަރަކަށް ނަމްބަރުތަކަށް އެސްއެމްއެސް ފޮނުވޭ،" އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ އެގޮތަށް ފޭކް އެސްއެމްއެސްތައް ކުރުމަކީ ބައެއް ސޮޕްޓްވެއާތަކާއި ބައެއް އެޕްލިކޭޝަންތައް މެދުވެރިކޮށް ވެސް ކުރެވޭ ކަންތައް ކަމަށެވެ.

އެސްވެސް ނަމްބަރަކާ ނުލައި އަދި ފޮނުވާ މީހެއް ވެސް ނޭނގޭގޮތަށް އެސްއެމްއެސް ފޮނުވާނޭ ތަފާތު ގޮތްތައް މިއަދު މިވަނީ ތައާރަފް ވެފަ އެވެ. ބައެއް ވެބްސައިޓްތަކުން ހިލޭވެސް އެފަދަ އެސްއެމްއެސްތައް ފޮނުވެ އެވެ. ބޭނުން ނަމެއްގައި ދުނިޔޭގެ ކޮންމެ ނަންބަރަކަށް ވެސް ފޮނުވާ ލެވެއެވެ. ރާއްޖެއަށް ވެސް މި ވަނީ އެކަން ލައްވާލާފަ އެވެ. މިވާހަކަތައް އެވަނީ ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދާފައެވެ. ސަލާމަތީ ބާރުތައް މިވަނީ އެކަމާ ގުޅިގެން "އެލާޓަށް" އައިސްފަ އެވެ.

މިފަދަ ބައެއް ހާދިސާތައް ދުނިޔޭގެ ތާރީހުގައި ބައެއް ގައުމުތަކުގައި ހިނގާފައި އެބަހުއްޓެވެ. އެގޮތުން 2011 ވަނަ އަހަރު ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ 150 އަށްވުރެ ގިނަ މެމްބަރުންނަށް ވަނީ އެފަދަ އެސްއެމްއެސް ތަކެއް މެދުވެރިކޮށް މަރުގެ އިންޒާރު ދީފަ އެވެ. އެކަން އެ ގައުމުގައިވެސް ބޮޑު މައްސަލައަކަށްވި އެވެ. ނަތީޖާއެއްގެ ގޮތުން އެކަން ކުރިތާ 24 ގަޑިއިރު ތެރޭގައި ޕާކިސްތާނު ފުލުހުން ވަނީ އެކަން ކުރި މީހުން އަތުލައިގަނެފަ އެވެ. އެފަހަރު އެމީހުން އެކަން ކުރި ކަމަށްވަނީ މޮބައިލް ފޯން ސޮފްޓްވެއާތަކާއި އިންޓަނެޓް މެދުވެރިކޮށެވެ.

ދިވެހި ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިގޮތުގައި އެސްއެމްއެސް މެދުވެރިކޮށް މީހުންނަށް އިންޒާރު ދޭ މައްސަލަތައް ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

އިންޒާރުތައް ދޭ މެސެޖްތަކުގެ އިތުރުން ބޮޑެތި އިނާމްތައް ލިބޭނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ހޯދުމަށް ކުރާ އެސްއެމްއެސް ތަކަކީވެސް އާންމުވެފައިވާ ކަމެކެވެ. ނާޖާއިޒު ގޮތުގައި މަންފާއެއް ހޯދުމަށް މަކަރު ހަދައި އޮޅުވައިލުމަކީ، މުވާސަލާތީ ޓެކްނޮލޮޖީ އިންތިހާއަށް ތަރައްގީ ވެފައިވާ މި ޒަމާނުގައި މާ ފުޅާދާއިރާއެއްގައި ހިންގަމުންދާ ޖަރީމާއެކެވެ. މީހުނަށް އޮޅުވާލައިގެން ތަފާތު ބޭނުން ތަކުގައި އަމިއްލަ މީސް މީހުންގެ އަތުފޯނަށް މެސެޖްތައް ލިބެމުންދާ މައްސަލައަކީ އެކަމާ ވަރަށް ބޮޑަށް ފަރުވާތެރި ވާންޖެހޭ އަދި ކަންބޮޑުވާ ކަމެއް ކަމަށް ރާއްޖޭގެ މުވާސަލާތީ ހިދުމަތްދޭ ދެ ކުންފުނިން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"މިހާރު ވަރަށް ފަސޭހަކޮށް ހުރޭ ބައެއް ސައިޓްތައް މެދުވެރިކޮށް ކޮންމެ މީހެއްގެ ނަމުގައިވެސް ވަރަށް ކުޑަ އަގެއް ދީގެން އެސްއެމްއެސް ފޮނުވެން، އުރީދޫގެ ކަސްޓަމަރަކަށް އެފަދަ މެސެޖެއް ލިބިއްޖެކަމަށްވާނަމަ، އަޅުގަނޑުމެން ނަސޭހަތްތެރިވަން ކޮމިއުނިކޭޝަން އޮތޯރިޓީއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށް މައްސަލަ ހުށައަޅަން." އުރީދޫގެ ސީނިއާ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަން، މަރިޔަމް އަހުމަދު ދީދީ ވިދާޅުވި އެވެ.

ދިރާގުގެ އެސިސްޓެން މެނޭޖަރު ޕަބްލިކް ރިލޭޝަންސް އިބްރާހީމް އިމްޖާދު ޖަލީލު ވިދާޅުވީ، އެގޮތަށް ތަފާތު އެސްއެމްއެސް މެދުވެރިކޮށް ތަފާތު އޮޅުވާލުންތައް އޮޅުވާލަމުންދާ މައްސަލަތައް އެ ކުންފުންޏަށް ވެސް ވަރަށް ބޮޑަށް ފާހަގަ ކުރެވެމުންދާ ކަމަށެވެ. އަދި ކަސްޓަމަރުން އެފަދަ އޮޅުވާލުން ތަކުން ރައްކާތެރިކުރުމަށް ކުރަންޖެހޭ ކަންކަކަން ހާމަކޮށް ހޭލުންތެރިކުރުމުގެ ކަންތައްތައް މިހާރުވެސް ކުރިއަށް ގެންދާކަމަށް އިމްޖާދު ވިދާޅުވި އެވެ.

"މިފަދަ އެސްއެމްއެސް އައުމުން ނުދަންނަ ނަންބަރެއް ނަމަ އަޅާ ނުލައި ދޫކޮށްލުން. އަދި ސްމާޓް ފޯނުތަކުގައި ހުންނަ ނަންބަރު ބްލޮކު ކުރުމަށް ހުންނަ އެޕްލިކޭޝަންގެ ބޭނުން ހިފިދާނެ. އިތުރަށް އުނދަގޫ ވާނަމަ ކޮމިއުނިކޭޝަން އޮތޯރިޓީ ނުވަތަ ޕޮލިހަށް މައްސަލަ ހުށަހެޅުން ވެސް މުހިއްމު،" އިމްޖާދު ވިދާޅުވި އެވެ.

މިއީ ނުރައްކާ ކަމެކެވެ. އެފަދަ މެސެޖްތައް މެދުވެރިކޮށް އެކަކު އަނެކަކާ ޖެއްސުމަކީ ފަސޭހަ ކަމެކެވެ. އަދި ހަމައެހެންމެ އަނބިމީހާއާއި ފިރިމީހާއާ ދޭތެރެއަށް ވަނުމަކީވެސް ފަސޭހަ ކަމެކެވެ. އެންމެން ވެސް ވިސްނަންވީ ކަމަކީ އެފަދަ އެސްއެމްއެސް ތަކުގެ ދެކޮޅު ބެލުމެވެ.

މިފަދަ ކަންކަން ކުރާބަޔަކު އެކަން ކުރާ ތަފާތު ސަބަބުތައްވެ އެވެ. އޭގެ ތެރޭގައި ގައުމު ހަލަބޮލި ކުރުމަށާއި އާންމު ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެއްދުމަކީ މަގުސަދެއް ކަމަށް ވެދާނެ އެވެ. އަދި ހަމައެހެންމެ ބަޔަކު ކުރާކަމެއް ހުއްޓުވުމަށާއި ނުވަތަ ބައެއްގެ ބޮލުގައި ވަކި ކަންތައްތަކެއް އެޅުވުމަށް ވެސް މިފަދަ އެސްއެމްއެސް ތަކުގެ ބޭނުން ހިފާފާނެ ކަމަށް ބެލެވެ އެވެ.