06 Aug 2014, 09:40
ދަހޭގް (އޮގަސްޓް 6) : ޣައްޒާގައި އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކެއް ހިންގާފައި ވާތީ އިސްރާއީލުގެ ހަރުކަށި ލީޑަރުން ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް ފަލަސްތީނުގެ ވެރިކަމުގެ އިދާރާގެ ޚާރިޖީ ވަޒީރު ރިޔާޒް އަލް މާލިކީ ވިދާޅުވެއްޖެ އެވެ.
ނެދަލޭންޑްސްގެ ދަ ހޭގްގައި ވާހަކަ ދައްކަވަމުން މާލިކީ ވިދާޅުވީ މިކަމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ބައިނަލްއަގްވާމީ ޖިނާއީކޯޓު ގެ މުޢާހަދާގައި ފަލަސްތީނުގެ ދައުލަތުން ސޮއިކުރަންޖެހޭ ކަމުގައެވެ. ބައިނަލްއަގްވާމީ ޖިނާއީކޯޓު ގެ މުޢާހަދާގައި ފަލަސްތީނުގެ ދައުލަތުން ސޮއިކުރުމަކީ އިސްރާއީލާ ދެކޮޅަށް ފަލަސްތީނުން ހިންގާ ޑިޕްލޮމެޓިކް ޓެރަރިޒަމް ކަމަށް އިސްރާއީލުން ވަނީ ސިފަކޮށްފަ އެވެ.
ނަމަވެސް މާލިކީ ވިދާޅުވިގޮތުގައި ރޯމް ޗާޓަރުގެ ނަމުން ނަންދީފައިވާ މި މުޢާހަދާގައި ސޮއިކުރުމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ގާނޫނީ އަދި ޑިޕްލޮމެޓިކް ކަންތައްތައް ކުރުމަށްޓަކައި ފަލަސްތީނުގެ ތަޖްރިބާކާރުންގެ ޓީމެއް ގެންދަނީ އދ. ގެ ކަމާބެހޭ މުއައްސަސާތަކަށް ޒިޔާރަތް ކުރަމުންނެވެ. އެގޮތުން އޭނާގެ އަރިހުގައި ފަލަސްތީނުގެ ތަޖްރިކާބާރުންގެ ޓީމެއް ދަ ހޭގައި މިހާރުވެސް ހަރަކާތްތެރިވަމުންދާ ކަމަށް މާލިކީ ވިދާޅުވި އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމާއަތްތަކުން ވެސް ވަނީ އިސްރާއީލުން ޣައްޒާގައި ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ. ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާފައިވާ ކަމަށް ބެލެވޭ ހަނގުރާމައިގެ ޖަރީމާތަކުގެ ތެރޭގައި ފަލަސްތީނުގެ އާންމުންގެ ގަޔަށް ގަސްދުގައި ބަޑިޖަހައި ގަތުލުއާންމުތައް ހިންގުމާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކަށް ހަމަލާދިނުމާއި ކުޑަކުދީންނާއި އަންހެނުންނާއި ނުކުޅެދޭ މީހުންގެ ހިޔާވަހިތަކަށް ގަސްދުގައި ހަމަލާދީ އެތަށް ސަތޭކަ ބަޔަކު ޝަހީދުކޮށްލުންފަދަ އެތަށް ޖަރީމާއެއް ހިމެނެ އެވެ.
ނަމަވެސް އިސްރާއީލުގެ ޓެރަރިސްޓް އަމަލުތަކަށް އެހީތެރިވާ ކަމުގެ ތުހުމަތު ކުރެވިފައިވާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ ނުފޫޒާއި ބާރުގެ ސަބަބުން އިސްރާއީލުގެ މަސްއޫލުވެރިއަކު ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް އެކޯޓުން ނެރެފާނެ ކަމާމެދުވަނީ ސުވާލު އުފެދިފަ އެވެ. އަދި އިސްރާއީލުގެ އަނިޔާވެރިކަމުގެ މައްޗަށް އިންސާފު ހޯދޭނެ ފަދަ ބައިނަލްއަގްވާމީ މުއައްސަސާތަކެއް ހުރިކަމާމެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގަމުން ގެންދާތާ 60 އަހަރު ވެފައި ވާ އިރު ވެސް އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުފަދަ ފިޔަވަޅެއް ވެސް އދ.ގެ މުއައްސަސާއަކުން އަޅާފައެއް ނުވެއެވެ. (އަލްޖަޒީރާ)