06 Aug 2014, 02:10
އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ޒުވާނަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަރަދޫ-ފޭދޫގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 11:50 ހާއިރު ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހާދިސާގައި މަރަދޫ-ފޭދޫ ބޮޑުމަގުން ސައިކަލުގައި ދުއްވާފައި ދިޔަ މީހަކަށް ހަމާލާދީ އޭނާގެ ކޮނޑު ޒަހަމްކޮށްލާފައިވާ ކަމަށެވެ. އޭނާއަށް ހިތަދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
ރޯދަ މަސް ނިމުނު ފަހުން މާލެ އާއި އަތޮޅުތަކުގައި ވަނީ މާރާމާރީ އިތުރުވެފަ އެވެ. އެގޮތުން ވެރިރަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގާ މާރާމާރީތަކުގައި މިހާތަނަށް ޒަހަމްވި މީހުންގެ އަދަދު 10 އަށް އަރަ އެވެ. މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ހިންގި މާރާމާރީއެއްގައި ޒުވާނެއްގެ ހަށިގަނޑުގެ 11 ތަނަކަށް ވަޅި ހަރައި ވަނީ މަރާލާފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުގެ އިރުއޮއްސުނު ވަގުތު ތުލުސްދޫގައި ވަނީ މީހެއްގެ މެޔަށް ވަޅި ހަރައި މަރާލާފަ އެވެ.