ހދ. ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާއަށް އިތުރު ފަރުވާއަށް މިރޭ މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.

މިއަދު ހެނދުނު 8:30 ގައި ކުޅުދުއްފުށީގައި ހިނގި އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ އެ ރަށު ފިޔާތޮށީގޭ، އާދަމް މުހައްމަދު 45، އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި މުހައްމަދު ހަސަން ވިދާޅުވީ އެ އެކްސިޑެންޓްގައި އަނިޔާވި އާދަމް މުހަމަދަށް އިތުރު ފަރުވާ ދިނުމަށް މިރޭ މާލެ ފޮނުވާލާފައިވާ ކަމަށެވެ. އަދި މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕޭޝަންޓް މާލެ ފޮނުވާލި އިރު ވެސް ވަރަށް ކްރިޓިކަލް. އޭނަގެ ހާލަށް ވަކި ބަދަލެއް ނާދޭ،" މުހައްމަދު ހަސަން ވިދާޅުވި އެވެ.

އެކްސިޑެންޓްގައި އަނިޔާވި އާދަމް މުހައްމަދުގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުގައި އެ އެކްސިޑެންޓް ހިނގީ ސައިކަލު އޯވަޓޭކް ކުރަނިކޮށް، ފަހަތަށް ދުއްވާފައި ދިޔަ ޕިކަޕެއް ކުއްލިއަކަށް ކުރިއަށް ދުއްވާލުމުން އެ ޕިކަޕްގެ ކުރީ ކަނާތް ފަރާތު ބަފަރު ސައިކަލުގައި ޖެހި، ސައިކަލު ޕިކަޕުގެ ބަފަރު ދަށު ވެގެންނެވެ.

އެ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އާދަމް މުހައްމަދަށް އެކަންޏެވެ. ފުލުހުން ބުނީ ސައިކަލު ފަހަތުގައި އިން 42 އަހަރުގެ ފިރިހެން މީހާއަށާއި ޕިކަޕް ދުއްވަން އިން 19 އަހަރުގެ ފިރިހެން މީހާއަށް އެ އެކްސިޑެންޓް ހާނިކަވެފައިވާ ކަމަށެވެ.