06 Aug 2014, 00:58
ރާއްޖޭގެ އިގްތިސާދު ބިނާ ކުރުމުގައި ހަމައެކަނި ޓޫރިޒަމަށް ބަރޯސާނުވެ އެހެން ދާއިރާތަކުން ވެސް އިންވެސްޓްކޮށްގެން ރާއްޖޭގެ އިގްތިސާދު ބިނާކުރަން މަސައްކަތް ކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިން އިސްނަގައިގެން ކުރިއަށް ގެންދާ ތަމްރީނުކުރާ ޕްރޮގްރާމްގެ ފަސް ޒުވާނަކަށް ޕައިލެޓް ތަމްރީނު ދިނުމަށް ހުޅުވާލި ފުރުސަތުގައި އެކަން ކާމިޔާބު ކުރި ފަސް ބައިވެރިންނަށް ސްކޯލާޝިޕް ހަވާލުކުރުމަށް މިރޭ ޓްރޭޑާސް ހޮޓެލްގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގަ އެވެ.
ރައީސް ޔާމިން ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ބިނާ ކުރުމުގައި ހަމަ އެކަނި ޓޫރިޒަމަށް ބަރޯސާވުން ކުޑަކުރަން ޖެހޭ ކަމަށާއި އެހެން ދާއިރާތަކުން ވެސް އިންވެސްޓް ކުރާނެ ފުރުސަތު ހޯދައި ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
ރައީސް ވިދާޅުވީ އެކަމަށް ބޭނުންވަނީ ސިޔާސީ ނުވެ އިގްތިސާދީ ގޮތުން ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދެވޭނެ ފަދަ ސަރުކާރެއް ކަމަށާއި ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެންމެ ބޮޑަށް ބާރު އަޅާނީ އިޤްތިސާދީ ކަން ކަމަށް ކަމަށެވެ. އަދި އިގްތިސާދު ރަނގަޅު ކުރަން މަސައްކަތް ކުރާނީ ޒުވާނުނާއެކު ކަމަށާއި ސިޔާސީ ކަންކަން ގެންނާނީ އޭގެ ފަހުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ބޭރުގެ ބޮޑަތި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރަން އަބަދުވެސް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށާއި ނަމަވެސް މީގެ ކުރިން އެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓްކުރަން ޖެހިލުންވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ކުރި މަސައްކަތުން އެ ފަރާތްތަށް އިންވެސްޓް ކުރަން ރާއްޖެއަށް ވުރެ ރަނގަޅު ތަނެއް ނޯންނާނެ ކަން އަންގައިދީފައި ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ފަރާތްތަކާއެކު އިންވެސްޓް ކުރަން ފެށުމަކީ ރާއްޖޭގެ އިގްތިސޯދު ރަނގަޅުވާނެ ކަމެއް ކަމަށާއި ރާއްޖޭގައި އޮންނަނީ ހުޅުވާލެވިފައިވާ އިގްތިސާދަކަށް ވާއިރު އިންވެސްޓް ކުރުމުގައި ސިޔާސީ ގޮންޖެހުންތަކަށް ވިސްނަން ޖެހޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"މީގެ ކުރިން ޖީއެމްއާރު ކުންފުނިން ނުވޭ ސިޔާސީ ގޮންޖެހުންތަކާ ބެހޭ ދިރާސާއެއް ރާއްޖޭގައި ކޮށްފައެއް. އެއްވެސް ހާލެއްގައި އަޅުގަނޑު ޖީއެމްއާރުގެ ކުށެއް ދައްކަނީކީ ނޫން. އެކަމަކު ރާއްޖެ ކަހަލަ ކުޑަ ޤައުމެއްގައި އިންވެސްޓް ކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. ޖީއެމްއާރުގެ މައްސަލަ އައީ އޭރުގެ ސިޔާސީ ޕްރެޝަރުތަކަށް ކުރިމަތިލާން އެ ކުންފުނީގެ ގާބިލްކަން ނެތުމުން. އަޅުގަނޑުމެންގެ ސިޔާސަތަކީ ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދީ ޒުވާނުންގެ ބޭނުން ހިފައިގެން އިގްތިސޯދު ރަނގަޅު ކުރުން" ރައީސް ވިދާޅުވި އެވެ.
ޒުވާނުންނަށް ރަނގަޅު ފުރުސަތެއް ހޯދައިދީގެން ގައުމުގެ އިގްތިސޯދު ބިނާ ކުރާއިރު ރާއްޖެ ފަދަ ޒުވާން ޤައުމަކަށް ޒުވާނުންނާ ނުލައި ދިރުމެއް ނުވާ ކަމަށާއި ޒުވާނުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައި ނުދީ ރާއްޖެ ގައުމަކަށް ނުވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.