ހުޅުލޭ ފެރީއަކާ ހުޅުމާލެ ފެރީ އެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިރޭ 9:25 ހާއިރު ހިނގި އެ ހާދިސާގައި އަނިޔާވި މީހާ އަށް ފަރުވާދިނުމަށް އޭޑީކޭއަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ހާދިސާ ހިނގީ މާލޭ ފަޅުން ނުކުންނަން ދިޔަ ހުޅުލޭ ފެރީއަކާ ފަޅަން ވަންނަން އައި ހުޅުމާލެ ފެރީއެއްޖެހިގެން ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ސަން އަށް ލިބިފައި ހުރި ފޮޓޯ ތަކުން ފެންނަ ގޮތުގައި ހުޅުމާލޭ ފެރީއަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. އެގޮތުން ފެރީގެ ކަނައަތް ފަރާތާ ދިމާލުން މެދުން، ކުޑަދޮރުތަކެއް ހަލާކުވެފައިވެ އެވެ. ފެރީގެ ކުޑަދޮރުތައް ހަލާކުވެފައި ވަނީ ފަސިންޖަރުންގެ ގޮނޑި ޖަހާފައިވާ ދިމާލަކުންނެވެ.