ބްރޯޑްކާސްޓް ކުރާއިރު ފޮޓޯ އެކޮޅުކޮޅުން ނުޖެހުމަށް ދިއެފްއެމް ޕްލަސްއަށް އިންޒާރު ދީފައި ވަނިކޮށް، ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ބްރޯޑްކާސްޓްކޮށްފައިވާތީ އެ ސްޓެޝަންގެ ސީއީއޯ މަސްއޫދު ހިލްމީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހާޒިރުވާން އަންގަައިފި އެވެ.

ދިއެފްއެމް ޕްލަސް ހިންގަމުން އަންނަ މޯލްޑިވްސް މީޑިއާ ކޮމްޕެނީގެ ސީއީއޯ މަސްއޫދަށް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ، ދިއެފްއެމް ޕްލަސްގެ ފޮޓޯ ގޮޅީގައި ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ބްރޯޑްކާސްޓް ނުކުރުމަށް ދިއެފްއެމް ޕްލަސްއަށް އިންޒާރުދީފައިވަނިކޮށް، މިއަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ ކޮމިޝަނަށް ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށެވެ.

އެޕްރީލް 15 ގައި ދިއެފްއެމްގެ ފޮޓޯ ގޮޅީގައި އެކޮޅުކޮޅުން ޖަހާފައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ ފޮޓޯ އެވެ.

ފޮޓޯ އެކޮޅުކޮޅުން ޖެހި ކަމުގެ ޝަކުވާގެ މައްސަލައިގައި ކޮމިޝަނުން ނިންމާފައިވާ ނިންމުން އަންގައި އެކަން ތަންފީޒު ކުރުމަށްޓަކައި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު މަސްއޫދު ކޮމިޝަނަށް ހާޒިރުވުމަށް ވެސް ސިޓީގައި ވަނީ އަންގާފައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ، ފެބްރުއަރީ މަހުގެ ތެރޭގައި ދިއެފްއެމް ޕްލަސް އިން ގެނެސްދިން ކޮންޓެންޓެއްގައި އިލެކްޝަންސް ކޮމިޝަންގެ ތިން މެމްބަރެއްގެ ފޮޓޯ އެކޮޅުކޮޅުން ގެނެސްފައިވުމުން، އެފަދަ ކަމެއް ދެން ތަކުރާރުކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޭޕްރީލް މަހުގެ ތެރޭގައި ދީފަ އެވެ.

އޭގެ ފަހުން، އެ މަހުގެ ތެރޭގައި އޭޑީކޭ ނާޝިދުގެ ފޮޓޯ އެކޮޅުކޮޅުން ދިއެފްއެމް ޕްލަސްގެ ފޮޓޯ ބާއަށް އެރުވި މައްސަލައިގައި ވެސް ޖަވާބުދާރީ ވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ދިއެފްއެމް ޕްލަސް އަށްވަނީ އަންގާފައެވެ.

ދިއެމްއެމް ޕްލަސްގެ ފޮޓޯ ގޮޅިއަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވެސް ބައެއް ބޭފުޅުންގެ ފޮޓޯ އެރުވި މައްސަލައަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެ ސްޓޭޝަނާ މެދު ފިޔަވަޅު އަޅައިފަ އެވެ.