ބާސެލޯނާގެ ތަޖުރިބާކާރު މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް، ސްޕެއިން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 34 އަހަރުގައި ގައުމީ ޓީމަށް ޒަވީ ކުޅުން ހުއްޓާލި އިރު، އޭނާ ވަނީ ސްޕެއިން ޓީމާއެކު 2008 އާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. މިހާތަނަށް ގައުމީ ޓީމަށް ޒަވީ ކުޅުނު 133 މެޗުން އޭނާ ވަނީ 13 ލަނޑު ކާމިޔާބުކޮށްފަ އެވެ.

މިދިޔަ ސީޒަން ނިމުމާއެކު، އެހެން ކްލަބަކަށް ދިއުމުގެ ވިސްނުމެއް މިއަހަރުގެ ވޯލްޑް ކަޕުގައި ދަށް ކުޅުމެއް ފެނުނު ސްޕެއިން ޓީމަށް ކުޅުނު ޒަވީ ގެންގުޅުނު ނަމަވެސް، އޭނާ ވަނީ އިތުރު އެއް އަހަރު ދުވަހު ބާސާގެ އާ ކޯޗު ލުއިސް އެންރީކޭއާ އެކު މަސައްކަތް ކުރަން ނިންމައިފަ އެވެ.

"ފެޑެރޭޝަނުގެ މީހުންނަށް އަހަރު ޝުކުރު އަދާކުރަން. ޓީމާއެކު ހޭދަކުރި ދިގު މުއްދަތުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ލިބުނު. ކުރިއަށް އޮތްތާ ވެސް ގައުމީ ޓީމަށް ކާމިޔާބީ ލިބޭނެ ކަމަށް އަހަރެން އުންމީދުކުރަން. ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް، ޓީމުގެ ސަޕޯޓަރެއްގެ ގޮތުގައި ހުންނާނަން،" މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަދައްކަމުން ޒަވީ ބުންޏެވެ.

ޒަވީ ބުނީ، ބާސާ ދޫކޮށްލުމުގެ ވިސްނުމެއް އޭނާ ގެންގުޅުނީ، ނިމިގެންދިޔަ ވޯލްޑް ކަޕުގައި ސްޕެއިން ޓީމަށް ލިބުނު ނާކާމިޔާބީ އާއި މިދިޔަ ސީޒަނުގައި ބާސާއަށް ތައްޓެއް ނުލިބުމުން ކަމަށެވެ.

"ބާސާ ދޫކޮށްލަން އަހަރެން ވިސްނީ އަހަރެންނަށް ލިބުނު މާޔޫސްކަމެއްގެ ސަބަބުން. ބާސާގެ ސްޕޯޓިންގް ޑިރެކްޓަރު އެންޑޯނީ ޒުބިޒަރެޓާ އާއި ކޯޗު ލުއިސް އެންރީކާ އަހަރެންނަށް ވިސްނައިދީ، ކްލަބުގައި މަޑުކުރުމަށް އެދުނު. މިދިޔަ ސީޒަނު އަހަރެން ނިންމާލަން ޖެހުނީ މާޔޫސްކަމާއެކު. އަހަރެންނަށް ބެލެވުނީ ގައުމީ ޓީމަށް ނުވަތަ ބާސާއަށް ވެސް އަހަރެންނަކީ މުހިންމު ކުޅުންތެރިއެއް ނޫން ކަމުގައި،" އޭނާ ބުންޏެވެ.

މީގެ ފަސް އަހަރު ކުރިން 2008 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕެއިން ޓީމުން ކާމިޔާބު ކުރި އިރު، އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޒަވީ އެވެ. އޭގެ ފަހުން ވޯލްޑް ކަޕް 2010 އަދި ޔޫރޯ 2012 ގައި ވެސް ޒަވީ ވަނީ ގައުމީ ޓީމަށް މޮޅު ކުޅުމެއް ދައްކާފަ އެވެ.