ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމްގެ "ފައިސަލް ފައުންޑޭޝަނުން" ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް 25000 ރުފިޔާ ގެ އެހީއެއް ދީފިއެވެ.

ކުޑަކުދިންގެ ހިޔާގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތުގައި ކުޑަކުދިންގެ ހިޔާގެ ފަރާތުން އެފައިސާއާ ހަވާލުވީ އެތަނުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޝަފީގް އާއި ލޯއެން ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިދާތާ ޝަރީފް އެވެ.

ފައިސާ ހަވާލު ކުރުމުގެ ރަސްމިއްޔާތައް ފަހު ފައިސަލް ވިދާޅުވީ އެފަދަ ކަންކަން ސަރުކާރުގެ އަތްމައްޗަށް އެކަނި ދޫކޮށްލަންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ސަރުކާރުގެ އިސް މަގާމު ތަކުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން ފުދިގެން އުޅޭ ބޭފުޅުންގެ އެހީތެރިކަން ކުޑަކުދިންގެ ހިޔާއަށް ލިބެން ޖެހޭ ކަމަށަވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން މިބާވަތުގެ ކަންކަން ސަރުކާރުގެ އަތްމައްޗަށް އެކަނި ދޫކޮށްލަން ޖެހޭނެ ކަމަކަށް. ސަރުކާރަކަށް ހުރިހާ ކަމެއް ކުރެވޭނެ ކަމަކަށް ވެސް ގަބޫލެއް ނުކުރަން. އަޅުގަނޑުމެންގެ އެއްބާރުލުން ނިހާޔަތައް މިކަން ކަމަށް ބޭނުންވޭ،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ކުޑަކުދިންގެ ހިޔާގެއިތުރުން ވެސް އެހެނިހެން ކަންތައްތަކަށް އެހީވާން އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ.

ފައިސާގެ އެހީ ދެއްވުމަށްފަހު ފައިސަލް ވަނީ ކުޑަކުދިންގެ ހިޔާގައި ތިބި ތުއްތު ކުދިންނާއެކު ވަގުތުކޮޅެއް ވެސް ހޭދަކޮށްލައްވާފައެވެ.

ކުޑަކުދިންގެ ހިޔާގައި މިވަގުތު ޖުމްލަ 76 ކުދިން ތިބިއިރު، އޭގެ ތެރެއިން ދެ ކުދިން ނަކީ 18 އަހަރުން މަތީގެ އަންހެންހެނެކެވެ.