05 Aug 2014, 17:42
މާލެއަށް ބަހުގެ ޚިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ އެމްވީކޭ މޯލްޑިވްސްގެ ފަރާތުން އެމަސައްކަތް ވަކިކުރަން މިހާތަނަށް ނިންމާފައިނުވާ ކަމަށް މާލޭ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޝިހާބު ވިދާޅުވީ އެމްވީކޭއަތުން އެމަސައްކަތް ވަކިކުރުމުގެ ބަދަލުގައި މިހާރު ކުރިއަށްދަނީ އެކުންފުންޏާ އެކު ކުރެވިފައިވާ އެގްރީމެންޓާ އެއްގޮތަށް ކަންތައްތައް ކުރެވޭތޯ މަސައްކަތް ކުރުން ކަމަށެވެ.
މޭޔަރު ވިދާޅުވީ އެގްރީމެންޓާއެއްގޮތަށް އަމަލުކުރުމަށް އެމްވީކޭއިން ދެކޮޅު ހަދައިފިނަމަ އެ އެގްރީމެންޓް އުވާލުމުގެ ހިސާބަށް ކަންތައްތައް ދާނެ ކަމަށެވެ.
"އެގްރީމެންޓުގައި އޮތްގޮތަށް ކަންތައްތައް ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަނީ. މަސައްކަތްކޮށްފަ އެގްރީމެންޓާ އެއްގޮތަށް ކަންތައްތައް ނުދާކަމަށް ވަންޏާ އެގްރީމެންޓް ބާތިލްކުރާ ހިސާބަށް ދާނީ،" މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ބަހުގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ސާވޭއެއް ކޮށްފައިވާނެ ކަމަށާއި މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި އެ ސާވޭއާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށެވެ. އަދި ސާވޭއިން އެނގިފައި ވަނީ ވަރަށް ގިނަ ބަޔަކު މޭލޭގައި ބަހުގެ ޚިދުމަތް ބޭނުންކުރާ ކަމަށާއި މިހާރަށް ވުރެ އެ ޚިދުމަތް ރަނގަޅު ކުރުމަށް ގިނަ ބަޔަކު ބޭނުންވާ ކަން ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
ސާވޭއިން އެނގުނު ގޮތުގައި އާންމުންގެ އެންމެ ބޮޑު ޝަކުވާ އަކީ ބަހެއް ހޯދުމަށްޓަކައި 20 ވަރަކަށް މިނެޓު މަޑުކުރަން ޖެހުން ކަމަށް ވެސް ޝިހާބު ވިދާޅުވި އެވެ.
"މާލޭގައި ބަސް ދުއްވަން ބަލާއިރު ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތިލާންޖެހޭ. މަގު ބަންދު ކުރަންޖެހޭ މިހެން ގޮސް ބައިވަރު ކަންތައްތަކެއް އެބަހުރި. ދެން އަދި ބަސްދުއްވާ ފަރާތުގެ ވެސް މައްސަލަތަކެއް އެބަހުރި. މިކަންތައްތައް ރަނގަޅު ކުރުމަށް އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަމުން މިދަނީ،" މޭޔަރު ވިދާޅުވި އެވެ.