އިސްލާމް ދީނާއި މުސްލިމުންނަށް ނަފުރަތުކުރުމާއި ބިރުގަތުން ނުވަތަ 'އިސްލާމްހޭޓިންގ' އާއި 'އިސްލާމޯފޯބިއާ' ގެ އޮއިވަރުގައި ހުޅަނގުގެ އެތައް މިލިއަން ބަޔަކު ޖެހިފައިވާ ކަމީ ޙަޤީޤަތެކެވެ. އެ ޙަޤީޤަތް ސާބިތުކޮށްދޭ ޙާދިސާތައް ޔޫރަޕާއި އެމެރިކާގެ އެކި ސަރަޙައްދުތަކުގައި، އެކި ފެންވަރުގައި އަބަދުވެސް ހިނގައެވެ. އެންމެ ފަހުން ރަސްމީ ފެންވަރުގައި ފެނިގެން ދިޔަ މިފަދަ ޙާދިސާއަކީ އެމެރިކާގެ މުސްލިމުންގެ މުޖުތަމަޢުގައި ޙައްދުފަހަނައަޅައިދިޔުމުގެ ކަންތައްތައް އޮންނަ ގޮތް ބެލުމުގެ ގޮތުން ޚާއްސަ މަސައްކަތްތަކެއް ކުރަން ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ކޮމިޓީ އޮން ހޯމްލޭންޑް ސެކިޔުރިޓީން ނިންމި ނިންމުމެވެ.

2002 ވަނަ އަހަރު އުފެދުނު ކޮމިޓީ އޮން ހޯމްލޭންޑް ސެކިޔުރިޓީއަކީ ޓެރަރިސްޓުންގެ ކިބައިން އެމެރިކާއަށް ކުރިމަތިވަމުންދާ ބިރުވެރިކަމާއި، އެ ބިރުވެރިކަމާ ދެކޮޅަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ހޯދައި އެ މަޢުލޫމާތު ކޮންގްރެސްގެ ތިރި ގޭގެ މެމްބަރުންނާ އެކު ޙިއްސާކުރުމުގެ މަސައްކަތްކުރުމަށްޓަކައި ރެޕްރެޒެންޓެޓިވްސްގެ ތެރެއިން އެކުލަވައިލެވުނު ކޮމިޓީއެކެވެ. 2005 ވަނަ އަހަރު ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ފަރާތުން މި ކޮމިޓީއަކީ ދާއިމީ ކޮމިޓީއަކަށް ބަދަލުކުރިއެވެ. ދާދި ފަހުން ބޭއްވުނު އެމެރިކާގެ ކޮންގްރެސްގެ އިންތިޚާބުގައި ރިޕަބްލިކަނުންނަށް ކާމިޔާބު ލިބުމާ ގުޅިގެން، ކޮމިޓީގެ ޗެއަރމަން ކަމުގެ މަޤާމަށް ރިޕަބްލިކަން ޕާރޓީގެ ބޭފުޅެއް ކަމުގައިވާ ޕީޓަރ ޓީ. ކިންގް ވަނީ ޢައްޔަންކުރެވިފައެވެ. ކޮމިޓީގެ ބާރުތައް ކިންގަށް ލިބިވަޑައިގަތުމާއެކު އޭނާ އެންމެ ފުރަތަމަ ކުރައްވަން ނިންމެވި އެއް ކަމަކީ މުސްލިމުންނާ ދިމާކުރުމުގެ ކަންތައް އާ އުސްމިނަކަށް ގެންދެވުމެވެ.

ކިންގަކީ އިސްލާމް ދީނާއި މުސްލިމުންނާ ދެކޮޅަށް އެކިއެކި ބަސްތައް ވިދާޅުވެ، ބަހުގެ ޙަމަލަތައް ދެއްވުމުގެ ދިގު ތާރީޚެއް އޮތް ބޭފުޅެކެވެ. ކޮމިޓީ އޮން ހޯމްލޭންޑް ސެކިޔުރިޓީގެ ޗެއަރމަން ކަމަށް ވަޑައިގެން އެމެރިކާގެ މުސްލިމުންނާ ދެކޮޅަށް ޚާއްސަ ތަޙުޤީޤުތަކެއް ކުރައްވަން ކިންގް ނިންމެވުމުން ބައެއް ފަރާތްތަކުން އެކަމަށް ފާޑުކިޔާއިރު، ނިއު ޔޯރކްގެ ކުރީގެ މޭޔަރު އެޑްވަރޑް އަރވިން، ނުވަތަ އެޑް ކޮޝް ފަދަ މުހިއްމު އެތައް އޮފިޝަލުންނެއް ގެންދަވަނީ ކިންގުގެ ސިޔާސަތު ދިފާޢުކުރައްވަމުންނެވެ. އެމެރިކާގައި އިސްލާމް ދީނާއި މުސްލިމުންނަށް އެއްޗެހި ގޮވުމުގެ މަސައްކަތް، އެހެން ކަމެއް ނުކޮށް ތިބެ، ކުރަމުން ގެންދާ ސްޓީވް އިމަރސަނާއި، ރޮބަރޓް ސްޕެންސަރާއި، ޑެނިއެލް ޕައިޕްސާއި، ޑޭވިޑް ހޮރޮވިޓްޒާއި، ފްރޭންކް ގެފްނީ ފަދަ މީހުންގެ ލޯތްބާއި ރުހުން މިހާރު ކިންގަށް ލިބިވަޑައިގެންފައިވަނީ ވަރަށް ބޮޑަށެވެ.

އެޑް ކޮޝްއަކީ ވެސް އޭނާގެ އެކުވެރި ކިންގެކޭ އެއްފަދައިން ޢަރަބީންނާއި މުސްލިމުންނާ މެދުގައި ދުޝްމަންކަމާއި ޢަދާވާތްތެރިކަމުގެ ބަސްތައް ޢާއްމުކޮށް ވިދާޅުވާ ބޭފުޅެކެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގައި މިހާރު ހިނގަމުން މިދަނީ ތަހުޒީބުވެފައިވާ މިނިވަން ދުނިޔެއާއި މުސްލިމުންނާ ދެކޮޅު ހަނގުރާމައެކެވެ. އޭނާ ޤަބޫލުފުޅުކުރައްވާ ގޮތުގައި މުސްލިމުންނަކީ ދުނިޔޭގެ ތަހުޒީބާއި މިނިވަންކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އެ ގޮންޖެހުމާ ކުރިމަތިލައި، ދުނިޔޭގެ ތަހުޒީބީ ޙަޔާތާއި މިނިވަންކަން ރައްކާތެރިކުރުމަށްޓަކައި އެމެރިކާއާއި ޔޫރަޕް ގުޅިގެން މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރަން ޖެހޭކަމަށް އޭނާ ވިދާޅުވެއެވެ.

އިސްލާމް ދީނާއި މުސްލިމުންނާ ދެކޮޅަށް ފާޅުގައި ތެދުވެވަޑައިގެންފައިވާ އަނެއް ބޭފުޅަކީ އެމެރިކަން ޖުވިޝް ކޮމިޓީގެ ނުފޫޒު ގަދަ ރައީސް ޑޭވިޑް ހެރިސް އެވެ. އޭނާގެ ރިޔާސަތުގައި އެމެރިކަން ޖުވިޝް ކޮމިޓީން ވަނީ "ދިރާސާ"ތަކެއް ކޮށްފައި، އެމެރިކާގެ މުސްލިމުންގެ އާބާދީއާ މެދު ހާމަކުރެވިފައިވާ ހިސާބުތައް ގޯސް ކަމަށް ވިދާޅުވެފައެވެ. ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާގައި އުޅެނީ ގާތްގަނޑަކަށް 6 މިލިއަން މުސްލިމުންނެވެ. ނަމަވެސް ހެރިސްގެ ޖަމްޢިއްޔާގެ "ދިރާސާ" ތަކަށް ފަހު އެ ޖަމްޢިއްޔާއިން ބުނާގޮތުގައި އެމެރިކާގައި އުޅެނީ 2.8 މުސްލިމުންނެވެ. މިއީވެސް ޕްރޮޕެގެންޑާގެ ވައްތަރެއް ކަމަށް ބެލެވިދާނެއެވެ. މި ކަމާ ބެހޭގޮތުން "ޖެރޫސަލަމް ރިޕޯރޓް" މަޖައްލާގައި ހެރިސް ލިޔުއްވާފައި ވެއެވެ. "6 މިލިއަނަކީ ވަރަށް ބޮޑު ޢަދަދެކެވެ. އެ ޢަދަދަށް އެމެރިކާގައި މުސްލިމުން ތިބި ނަމަ އޭގެ މާނައަކީ މުސްލިމުންގެ އާބާދީ ޔަހޫދީ އާބާދީއަށް ވުރެ ވެސް ބޮޑުވުމެވެ. އަދި އެއީ ތެދެއް ކަމުގައި ވާ ނަމަ އެމެރިކާ ސިފަކުރެވޭނީ 'ޔަހޫދީ ކްރިސްޓިއަން' ޤައުމެއްގެ ގޮތުގައި 'ޔަހޫދީ ކްރިސްޓިއަން މުސްލިމް' ޤައުމެއްގެ ގޮތުގައެވެ. މިއީ އެމެރިކާގެ އިސްލާމީ މުޖުތަމަޢުގެ ލީޑަރުން ޙާޞިލުކުރަން އުޅޭ ލަނޑުދަނޑިއެވެ."

މިފަދަ ވާހަކަތަކެއް ދެއްކެވުމުގައި ހެރިސްގެ މަޤުޞަދަކީ މުސްލިމުންގެ "ބިރާ" ދެކޮޅަށް އެމެރިކާގެ ޔަހޫދީންނާއި ކްރިސްޓިއަނުން "ހެއިލެއްވުން" ކަމަށް ވެސް ވެދާނެއެވެ. ކޮންމެއަކަސް އޭނާގެ ލިޔުއްވުމުން ދޭހަވާ ގޮތުގައި އޭނާ ހުންނެވީ އެމެރިކާގައި މުސްލިމުންނަށް ސިޔާސީ ގޮތުން އެކަށީގެންވާ ފަދަ ބުރަދަނެއް ލިބިދާނެތީ ކަންބޮޑުވެވަޑައިގެންފައެވެ. މުސްލިމުންގެ އާބާދީ ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ކޮންގްރެސްގައި ވެސް މުސްލިމުންގެ އަޑު އުފުލެން ފަށައިފާނެތީ ބިރުފުޅުންނެވެ. ނަމަވެސް އެމެރިކާގައި ފަންސާސް މިލިއަން މުސްލިމުން ތިއްބަސް، ކޮންގްރެސްއަށް މުސްލިމުންގެ ނުފޫޒު ފޯރުވުން ވަރަށް އުނދަގޫވާނެކަމާއި، ކޮންގްރެސްގެ ސިޔާސަތު ބައްޓަންކުރަނީ ރައްޔިތުންގެ ބަދަލުގައި ފައިސާއާއި ކެޕިޓަލް ގެންގުޅޭ ކެޕިޓަލިސްޓް ޕްލުޓޯކްރަސީންކަން ހެރިސް ހަނދުމަފުޅު ކުރެއްވުން ރަނގަޅުވާނެކަމަށް ބުނަން ޖެހެއެވެ.

އެމެރިކާގެ ސިޔާސީ ލީޑަރުންނާއި ސިޔާސީ އަދި އިދާރީ މުއައްސަސާތަކުން މުސްލިމުންނާ ދެކޮޅު އެކިއެކި ޙަރަކާތްތައް ހިންގާ އިރު، އެމެރިކާގެ މީޑިއާވެސް ގެންދަނީ ހަމަ އެ މަސައްކަތް ވަރުބަލިކަމެއް ފޫހިކަމެއް ނެތި ކުރިޔަށް ގެންދަމުންނެވެ. ދާދި ފަހުން ހޯމް ބޮކްސް އޮފީސް ނުވަތަ އެޗްބީއޯ ޓީވީ ޗެނަލްގެ ކޮމެންޓޭޓަރެއް ކަމުގައިވާ ބިލް މޭހަރ ބުނެފައިވާ ބަސްތަކަކީ މީގެ އެތައް ސަތޭކަ ހެކިތަކެއްގެ ތެރެއިން އެއް ހެއްކެވެ. ބިލް މޭހަރ ބުނިގޮތުގައި 2009 ވަނަ އަހަރު އިނގިރޭސި ވިލާތުގައި އުފަންވި ކުދީންނަށް ކިޔުނު ނަންތަކުގެ ތެރެއިން އެންމެ ޢާއްމު ނަމަކީ "މުޙައްމަދު" ކަމަށް ދިރާސާތަކުން ދެއްކުމާ ގުޅިގެން އޭނާއަށް ވަނީ "ބިރުވެރިކަމެއް" ލިބިފައެވެ. "އިނގިރޭސި ވިލާތުގައި 2009 ވަނަ އަހަރު އެންމެ ޢާއްމުކޮށް ކުޑަކުދީންނަށް ކިޔުނު ނަމަކީ "މުޙައްމަދު" ކަމަށް ވީތީވެ އަހަރެންގެ ހިތުގައި ބިރުވެރިކަން ހިނގާ. އެހެންވެ އަހަންނަކީ ނަސްލީ އިމްތިޔާޒު ގެންގުޅޭ މީހެއް ކަމަށް ބަޔަކު ދެކެފާނެ. އެކަމަކު އަހަރެންގެ ހިތުގައި ވަކި ނަސްލަކަށް ނުރުހުމެއް ނެތް. އަހަރެން ޖެހިލުންވަނީ އިސްލާމް ދީން ދެކެ. އަހަރެން އެއްވެސް މީހެއްގެ ކިބައިން އެ ކަމާ މަޢާފަށް އެދޭކަށްވެސް ނުޖެހޭ. އަހަރެން ބޭނުމެއް ނޫން ކުރިޔަށް އޮތް 300 ވަރަކަށް އަހަރުގެ ތެރޭގައި ހުޅަނގުގައި އިސްލާމް ދީން ފެތުރިގެން ދާކަށް." ބިލް މޭހަރ ބުނެފައި ވެއެވެ.

އެމެރިކާ ސަރުކާރުން އިސްލާމް ދީނާއި މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ހަނގުރާމަ ހިނގަނީ ވަކި މައިދާނެއްގައެއް ނޫނެވެ. ހުރިހާ މައިދާނެއްގައިވެސް މެއެވެ. އެމެރިކާގެ އަނިޔާވެރި އަދި ރަހުމު ކުޑަ ސިފައިން މުސްލިމުންގެ ބޮލަށް ބޮމާއި މިސައިލުގެ ވާރޭ ވެއްސާ އިރު، އެމެރިކާގެ ސަރުކާރާއި މީޑިއާ ގެންދަނީ އެހެނިހެން ގޮތްގޮތުން މުސްލިމުންގެ ކުރިމަތީގައި ދުނިޔެ ކުޑަކުރެވޭތޯ ކުރެވުނު ހުރިހާ ކަމެއް ކުރަމުންނެވެ. އެހެންކަމުން ކުރިމަގުގައި އިސްލާމީ ދުނިޔެއާއި ހުޅަނގުގެ ގުޅުން އެއްވެސް ވަރަކަށް ރަނގަޅުވާނެ ކަމުގެ ކުޑަވެސް އުއްމީދެއް ނެތެވެ.