05 Aug 2014, 17:30
ދ. ރިނބުދޫގައި އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ ރިނބުދޫ ޗާންދަނީވިލާ، އުމުރުން 73 އަހަރުގެ އަހުމަދު މުހައްމަދު ކަމަށެވެ.
އެމީހާ އެންމެ ފަހުން ފެނިފައި ވަނީ މިއަދު 11:30 ހާއިރު މޫދާ ދިމާލަށް ދަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.
ރިނބުދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ނިޔާޒު ވިދާޅުވީ، އެމީހާ އަކީ ސިކުނޑީގެ މައްސަލައަކަށް ބޭސްކުރަމުން އަންނަ މީހެއް ކަމަށެވެ. އަދި އަބަދުވެސް އިންނާނީ އަތިރިމަތީގައި އެލުވާފައި ހުންނަ އުނދޯޔެއްގައި ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
"މިއަދު ވެސް އުނދޯލީގައި އިނދެފައި މުންޑު އަނދެގެން ބާލިދީ އެއް ހިފައިގެން މޫދަށް އެރެން ދިޔަތަން މިރަށު [ރިނބުދޫ] މީހަކަށް ފެނިފައިވޭ،" ނިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަހުމަދު މުހައްމަދު މޫދަށް އެރުނު ވަގުތު އެހިސާބުގައި އިތުރު މީހަކު ނެތް ކަމަށެވެ. އަދި އެންމެ ފުރަތަމަ އާއިލާއިން އޭނާ ހޯދުމަށްފަހު ނުފެނިގެން ކައުންސިލަށް ރިޕޯޓު ކުރީ 3:00 ހާއިރު ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި މިއަދު ހަވީރު 4:00 ހާއިރު ފުލުހުންނަށް އެކަން ރިޕޯޓު ކުރުމާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށަށް ދިއުމަށް ފުރާފައިވާ ކަމަށެވެ.