ރިޔާޟް (އޮގަސްޓް 5): އިސްރާއީލުގެ ގަތުލުއާންމުތަކުގެ ޝިކާރައަކަށްވެފައިވާ ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމާއި ދުޢާކުރުމާއި އެމީހުންނަށްޓަކައި ހަމްދަރުދީ ފާޅުކޮށް ހެދުމަކީ މުސްލިމުން ކުރަންޖެހޭނެ އަދި އިސްލާމް ދީން ބާރުއަޅާ ކަމެއްކަމަށާއި އެކަން ކުރުމަށް ސައޫދީ އިސްލާމީ އިލްމުވެރިން ދުނިޔޭގެ މުސްލިމުންނަށް ގޮވާލައްވައިފި އެވެ.

ސައޫދީ ދީނީ އިލްމުވެރިންނާއި ދުޢާތުންގެ ތެރެއިން 86 ބޭފުޅަކު ސޮއިކުރައްވައި ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާގެ ރައްޔިތުންނަށް ނަސްރު ދިނުމަށާއި އެމީހުންނަށް އެހީވުމަށް ކުރެވޭކޮންމެ މަސައްކަތަކީ މާތްﷲ ސުބްޙާނަހޫ ވަތައާލާ ބަރަކާތްލައްވާނެ އަދި ހެޔޮމަގުގައި އަޅާ ފިޔަވަޅަކަށް ވެގެންދާނެ ކަމުގައެވެ. އަދި މުސްލިމަކަށްވެހުރެ ޣައްޒާގެ ރައްޔިތުންގެ ވޭންތަކަށް ބީރުކަންފަތެއް ދިނުމަކީ ކުރަންހެޔޮވާވަރުގެ އަދި އިސްލާމީ އަޚްލާގުން ބޭރުގައިވާ ކަމެއްކަމަ ށްވެސް މިބަޔާން ބުނެއެވެ.

ސައޫދީ ދީނީ އިލްމުވެރިންނާއި ދުޢާތުންގެ ބަޔާނުގައި އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ފަރާތްތަކަކީ މުސްލިމުންނާއި އިސްލާމް ދީނުގެ ދުޝްމަނުން ކަމަށް ސިފަކޮށްފައިވެއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ނިކަމެތިކަން ލިބޭގޮތަށް އަމަލުކުރުމާއި އިސްރާއީލާ އެއްވެސް ވަރެއްގެ ގުޅުމެއް ބޭއްވުމުގެ ނުރައްކަލާމެދު މިބަޔާނުގައި ސައޫދީ އިލްމުވެރިން އަރަބި އަދި އިސްލާމީ ބައެއް ގައުމުތަކުގެ ވެރިންނަށް އިންޒާރު ދެއްވާފައިވެއެވެ.

މި ބަޔާނުގައި ޣައްޒާގެ ރަފްހު ދޮރޯށި ހުޅުވައި ޣައްޒާގެ ރައްޔިތުން ހިސާރުން މިނިވަން ކުރުމަށް މިސްރުގެ ވެރިކަމުގެ ނިޒާމަށް ގޮވާލާފައިވެއެވެ. މިނޫންގޮތަކަށް މިސްރުން އަމަލުކުރުމަކީ ޒަޔަނިސްޓް ދުޝްމަނުންނާ ބައިވެރިވުން ކަމަށް ބުނެފައި ވެއެވެ. އަދި ޒަޔަނިސްޓް ދުޝްމަންއާ ފާޅުގައިވެސް އަދި ސިއްރިޔާތުގައި ވެސް ބައިވެރިވާ އަރަބި އިސްލާމީ ވެރިންގެ ނިމުން ދާނެގޮތަކާމެދު އަމިއްލައަށް ވިސްނައި އިސްލާހުވުމަށް އެފަރާތްތަކަށް ގޮވާލައި މިބަޔާނުގައި އިންޒާރު ވެސް ކޮށްފައިވެއެވެ. ނަމަވެސް ވަކި ގައުމެއްގެ ވެރިއެއްގެ ނަން މި ބަޔާނުގައި ފާހަގަކޮށްފައެއް ނުވެއެވެ.

އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ފަލަސްތީނުގެ ޖަމާއަތަކާ ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫން ކަމާއި އެއީ ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ތަކެއްކަމަށް ވެސް ސައޫދީ އިލްމުވެރިންގެ ބަޔާން ބުނެއެވެ. މީގެއިތުރުން އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ މުޖާހިދުންނަކީ ހަގީގީ މުޖާހިދުން ކަމާއި އެމީހުންނަކީ މުރާބިތުން ކަމަށްވެސް ބުނެފައި ވެއެވެ.

އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހަމާސް ޖަމާއަތް ނައްތާލުން ހިމެނޭތީ ހަމާސްއާއި ސިޔާސީ ފިކުރުގެ ގޮތުން އިދިކޮޅު ބައެއް އަރަބި ގައުމުތަކުން މިކަމުގައި ނުސީދާގޮތެއްގައި ސިއްރިޔާތުގައި އިސްރާއީލާ އެހީތެރިވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އިސްރާއީލުގެ މީޑިޔާއިންވަނީ ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މިސްރުގެ ރައީސް ސީސީ އަކީ ބައިވެރިއެއް ކަމަށްވެސް ސިފަކޮށްފައެވެ.

ހަމާސްއާ ސިޔާސީ ގޮތުން އިދިކޮޅު ގައުމުތަކުގެ ތެރޭގައި މިސްރުގެ އިތުރުން ސައޫދީ އަރަބިޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި އުރުދުން ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ. ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގާ ގަތުލުއާންމުތަކަށް ލޯމަރާލައިގެން އޮންނަ ކަމުގެ ތުހުމަތު ވެސް މިތިން ގައުމުގެ ސަރުކާރުތަކުގެ މައްޗަށް ކުރެވިފައިވެއެވެ.

ބަޔާނުގައި ސޮއިކުރެއްވި ސައޫދީ ދީނީ އިލްމުވެރިންނާއި ދުޢާތުންގެ ތެރޭގައި، ނާސިރު ބިން ސުލައިމާން އާއި އަލީ ބިން ސައީދުލްޣާމިދީ އާއި އަބްދުލްއަޒީޒް ބިން އަބްދުލްމުހްސިން އައްތުރުކީއާއި ސުލައިމާން ބިން ވާއިލް އައްތުވައިޖިރީ ފަދަ ބޭބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. (އަލްޖަޒީރާ)