ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް މަރުގެ އިންޒާރުދިންކަމަށް ބުނާ މައްސަލަ ވީ އެންމެ އަވަހަކަށް ބެލުމަށް އިންޓަޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

އައިޕީޔޫއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ 18 މެމްބަރަކަށް މަރުގެ އިންޒާރުދިން މައްސަލަ ފުރިހަމައަށް ތަހުގީގުކުރުމަށް ގޮވާލާ ކަމަށެވެ.

އަދި ބުނެފައި ވަނީ ފަހަކަށް އައިސް ހަމަލާތަކުގެ ޝިކާރައަކަށް މެމްބަރުން ވެފައިވާ ގައުމެއްގައި މެމްބަރުންނަށް އިންޒާރުދިނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"...ފަހުގެ އަހަރުތަކުގައި ހަމަލާތަކާއި ފުރައްސާރައާއި ގާނޫނާ ހިލާފަށް ހައްޔަރުކުރުމުގެ ޝިކާރައަކަށް ޕާލަމެންޓް މެމްބަރުން ވެފައިވާ ގައުމެއްގައި ހިންގި މެމްބަރުންނަށް ބިރުދެއްކުމުގެ މި އަމަލުތަކާ މެދު އައިޕީޔޫއިން ވަރަށް ބޮޑަށް ކަންބޮޑުވެއެވެ. ބިރެއް ނެތި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ޕާލަމެންޓް މެމްބަރުންނަށް އޮތުމަކީ ޑިމޮކްރަސީއެއްގައި އަސާސީ ކަމެކެވެ،" އައިޕީޔޫގެ ބަޔާނުގައި ވެއެވެ.

އައިޕީޔޫއިން މިފަދަ ބަޔާނެއް ނެރެފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަލާމަތީ ކަންތައްތައް ހަމަޖެއްސުމަށްޓަކައި ރައްޔިތުންގެ މަޖިލީހާއެކު މަޝްވަރާ ކުރަމުންދާ ކަމަށް މޯޅްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިއްޔެ ވަނީ ބުނެފައެވެ.

އެސްއެމްއެސް މެދުވެރިކޮށް މަރުގެ އިންޒާރު ދީފައިވާ މެންބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ އިތުރުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދަށް ވެސް ވަނީ މަރުގެ އިންޒާރު ދީފަ އެވެ.