ކޮންމެ ތަނެއްގައި ވެސް ވައި-ފައި ލިބޭ ޑިވައިސްތަކެއް އުރީދޫއިން ތައާރަފް ކޮށްފި އެވެ.

އުރީދޫ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ސީނިއާ ޝްޕެޝަލިސްޓް ޕަބްލިކް ރިލޭޝަންސް މަރިޔަމް އަހްމަދު ދީދީ ވިދާޅުވީ މިއަދު ތައާރަފްކުރި ޚިދުމަތާއެކު އުރީދޫގެ ޚިދުމަތް ލިބޭ ކޮންމެ ތަނެއްގައި ހުރެގެން ވައިފައި މެދުވެރިކޮށް ގިނަ ޑިވައިސްތަކަކަށް ކަނެކްޝަން ދޫކުރެވޭނެ ކަމަށެވެ.

މަރިޔަމް ވިދާޅުވީ އެ ޚިދުމަތް ދިނުމަށް ބޭނުން ކުރަނީ ތިން ޑިވައިސް އެއް ކަމަށާއި ކޮންމެ ޑިވައިސްއެއް ވެސް ބޭނުންކުރެވޭނީ އުރީދޫގެ ސިމްކާޑަކާ އެކު ކަމަށެވެ.

"މީގެ ކޮންމެ ޑިވައިސްއެއް ވެސް ބޭނުން ކުރެވޭނީ އުރީދޫގެ ސިމްއަކާއެކު،" މަރިޔަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "އުރީދޫ ވައި-ފައި" ޑިވައިސް އަކީ ޖީބަަށް ލެވޭވަރުގެ ކުޑަ ޑިވައިސްއެއް ކަމަށާއި އެއީ ބެޓަރިލެއްވޭގޮތަށް އުފައްދާފައިވާ އެއްޗެއް ކަމަށެވެ. އެ ޑިވައިސް މެދުވެރިކޮށް އެއްފަހަރާ 10 ޑިވައިސް އަށް ތްރީޖީ ޕްލަސް އާއި ފޯޖީ ވައިފައި ޚިދުމަތް ދެވެއެވެ. އޭގެ ޑިވަސްއެއްގެ އަގަކީ 850 ރުފިޔާއެވެ.

"އުރީދޫ ވައި-ފައި" ޑިވައިސްއަކީ ކަރަންޓް ސޮކެޓެއް ނޫނީ ޔޫއެސްބީ ޕޯޓަކަށް ޖަހައިގެން ވެސް ވައިފައި ކަނެޓް ކުރެވޭ ޑިވައިސް އެކެވެ. އެ ޑިވައިސް މެދުވެރިކޮށް އެއްފަހަރާ 10 ޑިވައިސް އަށް ތްރީޖީ ޕްލަސް އާއި ފޯޖީ ވައިފައި ގެ ޚިދުމަތް ދެވެއެވެ. އެ ޑިވައިސް ވިއްކާ އަގަކީ 1599 ރުފިޔާ އެވެ.

އުރީދޫ ރައުޓާއެއް ބޭނުންކޮށްގެން އޮފީސް އަދި ގޭތެރެ ވައިފައި ޒޯނަކަށް ބަދަލުކޮށްލެވެއެވެ. އެ ރައުޓަރު މެދުވެރިކޮށް އެއްފަހަރާ 32 ޑިވައިސް އަށް އުރީދޫ ތްރީޖީ އަދި ސުޕަ ފާސްޓް ފޯޖީ، 100 އެމްބީޕީއެސް ސްޕީޑުގައި ބޭނުންކުރެވެއެވެ. އެ ރައުޓަރު އުރީދޫ ޖަމްބޯ ޑޭޓާ ޕްލޭންސްއާ އެކު ހިލޭ ލިބެއެވެ.

މަރިޔަމް ވިދާޅުވީ، އެ ކުންފުނިން މެދުނުކެނޑި މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ ޚިދުމަތް ދިނުމަށް ކަމަށެވެ.