މިދިޔަ އަހަރުގެ ރަމަޟާން މަހާ އަޅާ ބަލާއިރު މިއަހަރުގެ ރަމަޟާން މަހު ފުލުހުންނަށް މާލެއިން ހުށަހެޅުނު މައްސަލަތައް 40 އިންސައްތަ މަދު ކަމަށް ފުލުުހުން ބުނެފި އެވެ.

ފުލުހުން ބުނީ، 2013 ވަނަ އަހަރުގެ ރަމަޟާން މަހު މާލެއިން ފުލުހުންނަށް 1476 މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ. ނަމަވެސް މިއަހަރު ރަމަޟާން މަހު ފުލުހުންނަށް ހުށައަޅާފައި ވަނީ 884 މައްސަލަ ކަމަށް ފުލުހުން ބުންޏެވެ.

ދެ އަހަރުގެ ރަމަޟާން މަހުވެސް އެންމެ ގިނައިން ފުލުހުންނަށް މާލެއިން ހުށަހެޅިފައި ވަނީ ވައްކަމުގެ މައްސަލަތަށް ކަމަށާއި ނަމަވެސް އެ މައްސަލަތަކުގެ އަދަދު ވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރު ދަށްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން މިދިޔަ އަހަރުގެ ރަމަޟާން މަހު 544 މައްސަލަ ހުށައަޅާފައި ވީ ނަމަވެސް މި އަހަރު ރަމަޟާން މަހު ހުށައަޅާފައި ވަނީ 226 މައްސަލައެއް ކަމަށް ފުލުހުން ބުންޏެވެ.

މި އަހަރުގެ ރަމަޟާންމަހު މާލެއިން ދެ ވަނައަށް އެންމެ ގިނައިން ހުށަހެޅިފައި ފައިވަނީ ޓްރެފިކް އެކްސިޑެންޓް މައްސަލަތަށް ކަމަށާއި އެގޮތުން ޓްރެފިކް އެކްސިޑެންޓްގެ 176 މައްސަލަ މި އަހަރުގެ ރަމަޟާންމަހު ހުށަހެޅިފަ އިވާއިރު މިދިޔަ އަހަރު ހުށަހެޅިފައި ވަނީ 163 މައްސަލައެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ފޭރުމުގެ މައްސަލަތައް ވެސް 68 މައްސަލައިން 39 މައްސަލަ އަށް ދައްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކައުންޓަފީޓް އަދި ފޯޖަރީގެ މައްސަލަތައް ފިޔަވައި އެންމެ ބޮޑަށް މަދުވެފައި ވަނީ ރަމަޟާންމަހު ދުވާލުގެ ވަގުތުގައި ކައިގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށާއި އެގޮތުން 2013 ވަނަ އަހަރުގެ ރަމަޟާންމަހު 39 މައްސަލައެއް ހުށަހެޅި ނަމަވެސް މިއަހަރު ހުށައަޅާފައި ވަނީ އޭގެ ނުވަ މައްސަލަ އެވެ. އަދި ކައުންޓަފީޓް އަދި ފޯޖަރީގެ އަށް މައްސަލައެއް މިދިޔަ އަހަރު ހުށައަޅާފައިވީ ނަމަވެސް މި އަހަރު ހުށައަޅާފައި ވަނީ އޭގެ އެއް މައްސަލަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މުދަލަށް ގެއްލުން ދިނުމާއި ޚިޔާނާތުގެ މައްސަލަތަކުން 54 އިންސައްތަ އަދި މާރާމާރީގެ މައްސަލަތައް މި އަހަރުގެ ރަމަޟާން މަހު ހުށަހެޅުނު މިންވަރު 14 އިންސައްތަ ދަށްވެފައި ވާއިރު މަސްތުވާތަކެތީގެ މައްސަލަތައް 38 އިންސައްތަ، ޖިންސީ މައްސަލަތައް 43 އިންސައްތަ، ޢާއިލީ މައްސަލަތައް 33 އިންސައްތަ، ގެއްލޭ ތަކެތީގެ މައްސަލަތައް 24 އިންސައްތަ އަދި އެހެނިހެން މައްސަލަތައް 34 އިންސައްތަ މަދުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރަމަޟާން މަހާ ގުޅިގެން މާލެ ތެރެ އަމާންތަނަކަށް ހެދުމަށް ފުލުހުން ވަނީ ތަފާތު ގިނަ މަސައްކަތް ތަކެއް ކޮށްފަ އެވެ. އެހެން ނަމަވެސް ރަމަޟާން މަސް ނިމުނު ފަހުން ވޭތުވެ ދިޔަ ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބު ތަކުގައި ސިލްސިލާ މާރާމާރީތައް ހިންގައި ދެމީހަކު މަރާލާފައި ވެއެވެ.